ރިޕޯޓް

ކަފާލާތުން ދޫވެފައި އޮތް ބަހުސެއް!

"ކުށްވެރިއަކު ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ހެއްޔެވެ؟"، މިއީ މިހާރު ގާނޫނީ ބޭފުޅުންގެ މެދުގައި ބޮޑުވެފައިވާ ބަހުސެކެވެ. މި ބަހުސް ފެށުނީ މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަންވުމަށް މަސައްކަތްޕުޅު ފެއްޓެވެމުންނެވެ. އެމަނިކުފާނަކީ މިހާރު މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާ ކުށްވެރިއެކެވެ.

އެ ކުށުގެ އަދަބުން ސަލާމަތްވުމަށް ހައިކޯޓުގައި މައްސަލަ އިސްތިއުފާނުކޮށް، ކަފާލާތުގެ ދަށުން ޖަލުން ދޫކޮށް ދިނުމަށް ވެސް އެ ކޯޓުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލް، ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވަނީ އެއީ ކަފާލަތަކީ ހައްގެއް ކަމަށެވެ.

އެ ބަހުސް ފަށަމާ ހެއްޔެވެ؟

ޖަމީލު ވިދާޅުވާ ގޮތުގައި ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ހައްގުތައް ރާއްޖޭގެ ކޯޓުތަކުން މީގެ ކުރިން ވެސް ނަގަހައްޓާފައި ވާތީ، ރައީސް ޔާމީނަށް ވެސް ލަސް ނުވެ ކަފާލާތުގެ ފުރުސަތު ލިބެން ޖެހޭނެއެވެ. ރައީސް ޔާމީން އެކަމުގައި ޖަމީލު މެދުވެރިކޮށް ވިދާޅުވެފައި ވަނީ ތަފާތު ކުރުމެއް ނެތި އެ މަނިކުފާނަށް ވެސް ކަފާލާތުގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމެވެ. ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާހުވުމެވެ.

ކަފާލާތަކީ ކުށްވެރިންނަށް އޮތް ގާނޫނީ ހައްގެއް ކަމަށް ވިދާޅުވާ ވިދާޅުވުން ނަފީ ކުރެއްވުމަށް ގާނޫނީ ވަކީލް އަދި މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި "ޕޯސްޓް ކޮންވިކްޝަން ބެއިލް" ނުވަތަ ކުށް ސާބިތުވުމަށް ފަހު ކަފާލާތުން ދޫކުރުމަކީ "ޕްރި ޓްރައިލް ބެއިލް" ފަދަ ދުސްތޫރީ ހައްގެއް ނޫނެވެ. އެއީ ރާއްޖޭގައި މިހާރު ވެސް އޭރު ވެސް އޮތް އެއްޗެއް ނޫނެވެ.

އޭރު ވެސް އޮތް އެއްޗެއް ނޫން ކަމަށް ފާހަގަ ކުރައްވަން ޖެހެނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުށް ސާބިތުވެފައި ވަނިކޮށް ކަފާލާތުގެ ދަށުން ހައިކޯޓުން މިނިވަން ކޮށްފައިވާތީއެވެ. އެކަން ހިނގީ ރައީސް ޔާމީނަށް އިންތިހާބު ނާކާމިޔާބުވުމާއެކުއެވެ. އިމްތިޔާޒު ވިދާޅުވި ގޮތުގައި އޭރު ވެސް އެގޮތަށް ދޫކޮށްލީ އުސޫލެއް އޮވެގެނެއް ނޫނެވެ. ކޯޓުތަކަށް ހެދިފައިހުރި ހަޑިއެއް ރަނގަޅުކޮށްލަން ކޮންމެވެސް ގޮތެއް ހަދާލީއެވެ.

"ގާނޫނު އަސާސީގައި ހައްގެއް ގޮތުގައި ބަޔާންކޮށްފައި ނުވާ ކަމެއް [ޕޯސްޓް ކޮންވިކްޝަން ބެއިލް] އަދި އެކަމުގެ އުސޫލެއް ގާނޫނަކުން ވެސް ކަނޑައަޅައި ފާސް ކޮށްފައިނުވާ ކަމެއްގެ މައްޗަށް އެއްވެސް ކޯޓަކުން އަމިއްލަ އަމިއްލައަށް އުސޫލެއް ނުވެސް ހެދޭނެ، އެއީ އޮތް އެއްޗެއް ނޫން،" އިމްތިޔާޒު ވިދާޅުވި އެވެ.

މައުމޫނާއި ފާރިސް އަދި ގާސިމް، ހައިކޯޓުން ކަފާލާތުގެ ދަށުން ދޫކޮށްލީ ހައިކޯޓުގެ ގަވައިދަށް ބެލުމަށްފަހުއެވެ. ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫވާން އެދިވަޑައިގަންނަވަނީ އެ ގަވައިދަށާއި އެ ތިން ބޭފުޅުން ދޫކޮށްލި އުސޫލު ކަނޑައެޅި އަމުރަށް ރިއާޔަތްކޮށެވެ. ގަވައިދުގެ 67 ވަނަ މާއްދާގައިވާ ގޮތުން ކުށްވެރިވެފައިވާ މީހަކު، ގަބޫލު ކުރެވޭފަދަ ކަފާލާތެއް ހުށަހަޅައިފިނަމަ އެ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ ހައިކޯޓުގެ އިހްތިޔާރެކެވެ.

"ހައިކޯޓުގެ މި ގަވައިދަކީ މުސްކުޅި ގަވައިދެއް،" ގާނޫނީ ގިނަ ބޭފުޅުން މައުމޫން، ފާރިސް އަދި ގާސިމް ދޫކުރުން ވެސް ގޯސް ކަމަށް ވިދާޅުވާން ދައްކަވާ ވާހަކައަކީ މިއީއެވެ.

ކުރިން ދައުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަކީލް މިސްބާހު މުހައްމަދު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހައިކޯޓުގެ 2018 ވަނަ އަހަރުގެ 292 ވަނަ ގަޒިއްޔާއަށް ރިއާޔަތް ކުރާއިރު، ހައިކޯޓުގެ ގަވައިދުގެ 67 ވަނަ މާއްދާއަށް މިހާރު އަމަލެއް ނުކުރެވޭނެއެވެ. އެއީ ބާތިލް މާއްދާއެކެވެ. ކަފާލާތާ ގުޅިގެން މިހާރު އަމަލު ކުރަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 މާއްދާއަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ފަހުގެ ގާނޫނެކެވެ. އެއީ ޖިނާއީ ހުރިހާ އުސޫލެއް އެއް ގާނޫނަކަށް ތިލަ ކުރަން ފަރުމާކުރި ގާނޫނެކެވެ.

އެ ގާނޫނުގެ 212 ވަނަ މާއްދާގައިވާ ގޮތުން ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އަމަލު ކުރަމުންދިޔަ އާންމު ޖިނާއީ އިޖުރާއަތާ ގުޅޭ އެންމެހައި އުސޫލުތައް ބާތިލްވީއެވެ. އޭގެ ތެރޭގައި ހުކުމް ތަންފީޒު ކުރުމާއި ބަންދު ކުރުމާއި ހައްޔަރު ކުރުމާއި ދައުވާ ކުރުމާއި ތަހުގީގު ހިންގުމުގެ އުސޫލުތައް ހިމެނެއެވެ. މިކަން މާނަކޮށް ތަފްސީލުކޮށް ހައިކޯޓުގެ 292 ވަނަ ގަޒިއްޔާގައި ލިޔެފައިވެއެވެ.

ބަހުސުގެ މި ރައުޔަށް ރައްދު ދެއްވާ ބޭފުޅުން ވެސް އެބަ ތިއްބެވިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ވިދާޅުވި ގޮތުގައި ތިން ބޭފުޅަކަށް "ޕޯސްޓް ކޮންވިކްޝަން ބެއިލް" ހައިކޯޓުން ދިންކަން ސާފުކޮށް ފެންނަން އޮތްއިރު ހައިކޯޓުގެ އެ ނިންމުމަކީ ޝަރުއީ އުސޫލެކެވެ. އެ އުސޫލު އެ އޮތީ ގާއިމްވެފައެވެ. ހައިކޯޓުގެ އެ ނިންމުމަށް ސުޕްރީމް ކޯޓުން މިހާތަނަށް އެއްޗެއް ބުނެފައެއް ނެތެވެ.

ކްރިމިނަލް ކޯޓުގައި މީގެކުރިން ގާޒީކަން ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހައިކޯޓުގެ އެ ނިންމުން ޝަރުއީ އުސޫލަކަށް ނުވާނެއެވެ. ސަބަބަކީ އެއީ ގޯސް ނިންމުމަކަށްވާތީއެވެ. އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެފަދަ ކަފާލާތުގެ ހައްގު ނެތީސް ގަވައިދަށް އިޝާރަތްކޮށް ތިން ބޭފުޅުންނަށް ދިން ކަފާލަތު ގޯހެވެ. ހައިކޯޓުގެ ގަވައިދުގައި ކަފާލާތުގެ ގޮތުގައި ބަހައްޓާނެ ފައިސާގެ އަދަދުތައް ވެސް ނެތްއިރު އެފަދަ އަދަދުތަކެއް ކަނޑައަޅައި ކަފާލާތް ދިން ދިނުމަކީ އެއްވެސް ގާނޫނީ ބުރަދަނެއް ހުރި ނިންމުމެއް ނޫނެވެ.

"ޖިނާއީ ގާނޫނު ނުދަންނަ ކަމެއް ޖިނާއީ ނިޒާމްގެ ތެރެއިން ދޭނީ ކިހިނެއް؟ އެކަމެއް އެހެނެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޖިނާއީ ނިޒާމްގެ ތެރޭގައި އޮތް ކަފާލާތުތަކެއް ވެސް އެބަ ހުއްޓެވެ. އެއް ކަފާލަތަކީ "ޕްރި ޓްރައިލް ބެއިލް"އެވެ. އެއީ ދުސްތޫރީ ހައްގެކެވެ. ކުށުގެ ތުހުމަތުވާ މީހާއަށް ކަފާލާތުގެ ދަށުން މިނިވަންވުމަށް އެދެވިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބަ އޮތެވެ. އެކަމަކު ބޮޑެތި ކުށްކުރާ މީހުން އެ ހައްގުން ވަނީ މަހުރޫމްކޮށްފައެވެ.

ދެން ގާނޫނީ ނިޒާމްގައި އޮތް ކަފާލަތަކީ އިސްތިއުނާފީ މަރުހަލާގައި ބަންދު ކުރުމަށް ދައުލަތުން އެދޭނަމަ އެދެވޭ ކަފާލާތެކެވެ.

ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވިދާޅުވި ގޮތުގައި އިސްތިއުނާފު މަރުހަލާގައި ކަފާލާތަށް އެދެވޭނީ ދަށު ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅުމުން ޕީޖީ މައްސަލަ އިސްތިއުނާފްކޮށް، އިސްތިއުނާފް ނިމެންދެން އެމީހަކު ބަންދުގަ ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރާ ހާލަތުގަ އެކަންޏެވެ. އެހެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ލިޔެފައި އެބަ އޮތެވެ.

މިސާލަކަށް ކުރިމިނަލް ކޯޓުން މީހެއްގެ މައްޗަށް މަރުގެ މައްސަލައެއްގައި ކުށް ސާބިތު ނުވެ އޭނާ ދޫވިއެވެ. އެ މައްސަލަ ހިފައިގެން ދައުލަތުން ހައިކޯޓަށް ދާނެއެވެ. އޭނާ ބަންދުކޮށް ދިނުމަށް ވެސް އެދޭނެއެވެ. އެފަދަ ހާލަތުގައި ހައިކޯޓުން އޭނާ ބަންދު ކުރުމަށް އަމުރު ނެރެފިނަމަ، ކަފާލަތަށް އެދުމުގެ ހައްގު އެ މީހާއަށް އޮންނާނެއެވެ.

ބައެއް ތަހުޒީބު ގައުމުތަކަށް ބަލާއިރު އެމީހުންގެ ނިޒާމްގެ ތެރޭގައި ކަފާލާތުގެ އުސޫލު ތަފުސީލުކޮށް ލިޔެފައި އެބަ ހުއްޓެވެ. "ޕޯސްޓް ކޮންވިކްޝަން ބެއިލް"ގެ ހައްގު ވެސް ލިޔެފައި ހުރެއެވެ.

ރައީސް ޔާމީންގެ ފަރާތުން އެކަން ފާހަގަކޮށް ހައިކޯޓަށް ހުށަހެޅި މައްސަލާގައި ވެސް ވަނީ އެ ނުކުތާތައް ލިޔުއްވާފައެވެ. ކަފާލާތުގެ ދަށުން ކުށްވެރިން ދޫކުރާ ގައުމުތަކުގައި ވެސް މައިގަނޑު ތިން ޝަރުތެއް އެކަމަށް މަތިކޮށްފައި އޮވެއެވެ. އެއް ޝަރުތަކީ ހުކުމްގެ ބޮޑު ބައި ތަންފީޒުކޮށް ނިމުމެވެ. ދެވަނަ ކަމަކީ ކުށުން ސަލާމަތް ވާނެ ކަމުގެ ޔަގީންވާ ފަދަ އާ ހެއްކެއް ފެނުމެވެ. ތިންވަނަ ޝަރުތަކީ ކުށުގެ ބާވަތެވެ. ކުޑަ ކުށަކަށްވުމެވެ.

ތަހުޒީބީ މުޖުތަމައުތަކުގައި އަމަލު ކުރާ ގޮތް ބަލައިގެން މިކަމުގައި ހައިކޯޓުން ގޮތެއް ނިންމަން އުޅުނަސް ރައީސް ޔާމީނަށް ކަފާލަތް ނުދެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.

ވަކީލަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ހުކުމް ތަންފީޒު ކުރަން އަދި ކިރިޔާ ފެށީއެވެ. ކުށުން ބަރީއަވާން އާ ހެއްކެއް ނެތެވެ. ކުށުގެ ބާވަތުން މަނީ ލޯންޑްރިންއަކީ ބޮޑު ކުށެކެވެ. ސީރިއަސް މައްސަލައެކެވެ. އެހެންކަމުން އެ ތިން ޝަރުތައް ބަލައިގެން ވެސް ރައީސް ޔާމީނަށް ލުޔެއް ނެތެވެ.

ކުރިން ވެސް ވާހަކަ ދެއްކެވި ގާޒީ ވިދާޅުވި ގޮތުގައި "ޕޯސްޓް ކޮންވިކްޝަން ބެއިލް"އަކީ ބަލައިގަނެވޭ ފަދަ ރަނގަޅު އުސޫލެކެވެ. ރާއްޖެއަށް ގެންނަން ފެންނަ އުސޫލެކެވެ. އެކަމަކު އެކަން ކުރަން ގާނޫނުގައި ލިޔަން ޖެހޭނެ އެވެ.

ކޮންމެއަކަސް ކަފާލާތުގެ މި ބަހުސް ކުރަން ޖެހިފައި މިއޮތީ ހައިކޯޓުން ތިން ބޭފުޅެއްގެ މައްސަލާގައި ނިންމާފައި އޮތް ތިން ނިންމުމެއްގެ ސަބަބުންނެވެ. މިކަމުގައި ދެން ގޮތެއް ނިންމުން ވެސް އޮތީ ހައިކޯޓަށެވެ. ރައީސް ޔާމީންގެ މައްސަލާގެ ޝަރީއަތް ހައިކޯޓުގައި ވަަރަށް އަވަހަށް ފަށާނެއެވެ. ހައިކޯޓުގައި މި ބަހުސް ކުރާނެއެވެ. އެކަމުގައި ހައިކޯޓުން ނިންމާ ނިންމުން މި ބަހުސް ކޮޅެއްގައި ޖައްސާނެއެވެ.