ފިނިޕޭޖް

ސުޕަފޭނަކާ އެކު ސެލްފީއެއް ނެގުމަށް ޝަލަބީ ލަންކާ އަށް: މި ދަތުރަކީ ރިކޯޑެއް!

މޯލްޑިވިއަން އައިޑޮލްގެ ރަނަރަޕް، ޝަލަބީ އިބްރާހިމްގެ ފޭސްބުކް ޕޭޖުގެ އަޕްޑޭޓްސްތައް މިއަދު ހާވައި ބަލައިލީމަ ފެންނާނީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސޯސަންވިލާ އަށް ދިވެހިންގެ އެތައް ސަތޭކަ ބަޔަކު ޖަމާވެ ޝަލަބީއާ އެކު ސެލްފީ ނަގަމުން ގެންދާ މަންޒަރެވެ. އޭނާ އާއި އެ އަޑުގެ ޖާދޫގައި ޖެހި އެތައް ބަޔަކު އާޝޯހުވެފައި ތިބި މަންޒަރެވެ.

އެކަމަކު ޝަލަބީގެ މި ހާއްސަ އަދި ތާރީޚީ "ދަތުރުފުޅު" ގެ ސިއްރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ޕާސްޕޯޓް އަލަށް ހައްދައިގެން، ފުރަތަމަ ފަހަރަށް ޝަލަބީ ރާއްޖެއިން ބޭރަށް މިދިިޔައީ އޭނާގެ ސުޕަފޭނަކާ ބައްދަލުކޮށް އޭނާއާ އެކު ސެލްފީއެއް ނެގުމަށެވެ. ޝަލަބީގެ ޓީމުން ބުނަނީ މިނެގުނީ "އެއް ލައްކަ ރުފިޔާގެ" އަގުހުރި ސެލްފީއެއް ކަމަށެވެ.

އޭނާގެ މި ހާއްސަ ދަތުރަށް ހުރިހާ ހޭދައެއްކޮށްފައި ވަނީ ޝަލަބީ ދެކިލުމަށް ކެތްމަދުވެފައި ހުރި އެ ސުޕަފޭންގެ ފިރިމީހާ އެވެ. އެގޮތުން ޝަލަބީ އާއި އޭނާގެ ޓީމު އެމިރޭޓްސްގެ ބިޒްނަސް ކްލާހުގައި ލަންކާ އަށް ގެންގޮސް ހިލްޓަން ހޮޓެލްގައި އެމީހުން ތިބޭއިރު މި ހުރިހާ ޚަރަދެއް ވެސް ބަލަހައްޓަނީ ޝަލަބީގެ ސުޕާފޭންގެ ފިރިމީހާ އެވެ.

އެންމެފަހުން ހުވަފެން ހަގީގަތަށްވެ، ޝަލަބީއާ އެކު ސެލްފީއެއް ނެގުމުގެ ފުރުސަތު ލިބިފައިވާއިރު ޔަގީނަށް ވެސް މިއީ ޝަލަބީގެ ފޭނަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ސަޕްރައިޒަށްވާނެ އެވެ. އަދި މި އާދަޔާހިލާފު ދަތުރު ޝަލަބީ އަށް ވެސް ވެފައި އޮތީ ނިކަން ބޮޑު "ސަޕްރައިޒް" އަކަށެވެ.

"އޯމައިގޯޑް، އޯމައިގޯޑް. އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ. ޝަލަބީ މިހުރީ އަހަރެންގެ ގޭގައި. މާލެ އިން ފުރައިގެން އޭނާ އެ އައީ ސީދާ އަހަންނާ ބައްދަލުކުރަން. މިއީ (އަހަރެންގެ ފިރިމީހާ) މިހާތަނަށް ދިން އެންމެ ބޮޑު ސަޕްރައިޒް. ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ،" ހަގީގަތް ގަބޫލުކުރަން ދަތިވެފައި ހުރި ޝަލަބީގެ ސުޕަފޭން، އޭނާގެ އައިޑޮލް ޝަލަބީއާ އެކު ނަގާފައިވާ ސެލްފީއެއް ފޭސްބުކްގައި ޕޯސްޓްކޮށް ޖަޒުބާތުތައް ބަންޑުންކޮށްލާފައި ވަނީ މިހެންނެވެ.

މި ސުޕަފޭންގެ ފިރިމީހާ އޭނާގެ އަންހެނުންނަށް "ޝަލަބީގެ ސަޕްރައިޒް" ދިނުމަށް ހަދާފައިވާ ޕްލޭން ވެސް ވަރުގަދައީ އެވެ. މިދެމަފިރިން ދިރިއުޅޭ ގޭގެ ދޮރުގައި މީހަކު ޓަކި ދޭ އަޑަށް ގޮސް އަންހެން މީހާ ދޮރުހުޅުވިއިރު ބޭރުގައި ހުރީ ޝަލަބީ އެެވެ.

މިއޮތްހާ ދުވަހު ޝަލަބީގެ ޕާފޯމެންސްތައް ޓީވީއިން ބަލަމުން ދިޔަ އަންހެން މީހާ އަށް އެވަގުތު ހުރެވުނުތަނެއް ވެސް ނޭނގުނެވެ. އުފަލުން ގޮސް ހަޅޭލައްވައިގަނެވުނީ އެވެ.

އެއަށް ފަހު އެ ހާއްސަ ސަޕްރައިޒް ނިމިގެން ދިޔައީ އެގޭގައި ބޭއްވި ބޮޑު ކެއުމަކުންނެވެ.

ޝަލަބީއާ އަލަށް ބައްދަލުވެ، ގާތުން އޭނާ ބަލައިލުމުގެ ފުރުސަތު ލިބުމުން މި އަންހެން މީހާގެ ތައުރީފު އެންމެ ބޮޑަށް އޮހުނީ ޝަލަބީގެ ދިގު، ފަން އިސްތަށިގަނޑަށެވެ.

"އަހަރެންގެ ބޮލުގައި އޮތް އިސްތަށިގަނޑަށް ވުރެ ވެސް މާ ރަނގަޅު އިސްތަށިގަނޑެއް އެއީ،" ފޭސްބުކްގައި ޕޯސްޓްކުރި ސެލްފީއާ އެކު އަންހެން މީހާ ބުނެފައިވެ އެވެ.