ދުނިޔެ

އައިއެސް އުފެދުނީ އިރާގު ހިފުމުން: ކޯފީ އަނާން

އިސްލާމީ ހިލާފަތެއް ކަމަށް އަމިއްލަ އަށް އިއުލާނުކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) އުފެދުނީ އެމެރިކާ އިސްވެ އޮވެ އިރާގު ހިފުމުގެ ސަބަބުން ކަމަށް އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެއްޖެ އެވެ.

"އިރާގު ހިފުމާ އަޅުގަނޑު އޭރުވެސް ދެކޮޅު. އެކަން ކޮށްފި ނަމަ ކުރިމަތިވެދާނެ ކަމަށް ލަފާކުރި ކަންކަން މިއަދު ހަގީގަތަކަށްވެ މި ދަނީ ފެންނަމުން. އިރާގުގެ ސަލާމަތީ ބާރުތަކުގެ ސަފުތައް ރޫޅައިލުމުން ދެން މަގުމައްޗަށް ގިނަވެގެން ދިޔައީ އެ ސިފައިންނާއި ފުލުހުންގެ އެތައް ހާސް ބަޔަކު،" މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި އަނާން އިއްޔެ ވިދާޅުވި އެވެ.

އިރާގު މައްސަލަ ގޯހުން ގޯހަށް ދިއުމުގެ ފަހަތުގައި ސަރަހައްދީ ގައުމުތަކުގެ އިހުމާލު ވެސް އެބަ އޮތް ކަމަށް އަނާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުގެ މުއައްސަސާތަކުގެ ބޭނުން ނުހިފައި، ގައުމަކަށް ޑިމޮކްރަސީ ގެނެސް އާލާކުރަން އުޅެެގެން އުފެދޭނީ ހުދުމުހުތާރު ކޮރަޕްޓް ވެރިންނާއި ސަރުކާރުތައް ކަމަށެވެ.

އޭނާ ވިދާޅުވީ އިރާގުގައި ޝިއައީންގެ ބާރު ގަދަވެ ސުންނީން އެކަހެރިވެގެން ދިއުމާ އެކު ސުންނީންގެ ތެރެއިން ގިނަ ބަޔަކު އައިއެސްއާ ގުޅުނު ކަމަށެވެ.