ބޭރު ކުޅިވަރު

ވެންހާލް އިނގިރޭސިވިލާތުން "ފިލަން" ހަރަދުކުރީ ޔުނައިޓެޑުން

މެންޗެސްޓާ ޔުނައިޓެޑުން މަގާމުން ވަކިކުރި ކޯޗު ލުއިސް ވެންހާލް އިނގިރޭސިވިލާތުން ބޭރަށް ދިއުމަށް ޔުނައިޓެޑުން ހަރަދުކޮށްދީފި އެވެ.

ޔުނައިޓެޑުން މި ގޮތަށް ކަންތައް ކުރީ ވެންހާލްގެ އެދުމުގެ މަތީންނެވެ. އިނގިރޭސި މީޑިޔާތަކުން ބުނަނީ "ފިލައިގެން" ވެންހާލް ޕޯޗުގަލްގެ ދެކުނުގައިވާ ރިސޯޓަކަށް ގެންދިޔައީ އިނގިރޭސި މީޑިޔާއާ ބައްދަލު ނުކުރަންވެގެން ކަމަށެވެ. އަދި އޭނާގެ ދަތުރަށް ޔުނައިޓެޑުން ހަރަދުކުރީ ވެންހާލްގެ އެދުމުގެ މަތީން ކަމަށެވެ.

މި ދަތުރަށް ހަރަދުވިވަރެއް ޔުނައިޓެޑަކުން ނުބުނެ އެވެ. ނަމަވެސް އެމަޖެންސީ ޖެޓެއްގައި އިނގިރޭސިވިލާތުން ޕޯޗުގަލް ދެކުނަށް ދިއުމަށް މެދުވެގެން 10000 ޕައުންޑް ހޭދަވާނެ އެވެ.

ޔުނައިޓެޑުން ވެންހާލް މަގާމުން ވަކިކުރީ ދެ އަހަރަށް ފަހު ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮއްވަ އެވެ. އޭނާ މަގާމުން ވަކިކުރާނެ ކަމަށް އިނގިރޭސި މީޑިޔާތަކުން މާކުރިން ބުނަން ފަށާފައިވާތީވެ ވެންހާލް ވަނީ ވަރަށް ބޮޑަށް މީޑިޔާދެކެ ހިތްހަމަނުޖެހިފަ އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިނގިރޭސި އެފްއޭކަޕް ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނަށް ތަށި ދައްކާލަމުން ވެންހާލް ބުނީ "ކަލޭމެން މިދިޔަ ހަ މަސްދުވަހު ތިބީ އަހަރެން މަގާމުން ވަކިކޮށްގެން،" ކަމަށާއި އޭނާގެ މަގާމާބެހޭ ގޮތުން ކުރާ ސުވާލުތަކަށް ދޭން އޮތް ޖަވާބަކީ އެފްއޭކަޕް ތަށި ކަމަށެވެ.

ވެންހާލް އަށް ފަހު ޔުނައިޓެޑުގެ ކޯޗަކަށް އިއްޔެ ހަމަޖައްސާފައިވަނީ ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. އޭނާ އަކީ ޗެލްސީ އަށް ތިން ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީ ޕޯޓޯ އާއި އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗެވެ.