ޗެމްޕިއަންސް ލީގް

ތަރިން ވިއްކާ ޓީމަކާއި ތަރިން ގަންނަ ޓީމެއް!

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މިރޭ ސްޕޭނުގެ ވާދަވެރި ދެ ޓީމު ނުކުންނާނެ އެވެ. ޔޫރަޕުގެ އެންމެ ޝަރަފުވެރި ތަައްޓަށް ސްޕޭނުގެ ވެރިރަށް މެޑްރިޑުގެ ބޮޑު ދެ ކުލަބު ވާދަކުރާ މެޗަކީ ވަރަށް ހާއްސަ މެޗެކެވެ. މި ދެ ޓީމު މީގެ ދެ އަހަރު ކުރިން މި މުބާރާތުގެ ފައިނަލް ކުޅެ އެތްލެޓިކޯ ބަލިވީ ފަހު ވަގުތު އެވެ. މިހެންވެ ބަދަލު ހިފަން ނުކުންނައިރު އެތްލެޓިކޯ އަށް މި ތަށި މީގެ ކުރިން ލިބިފައެއްނުވެ އެވެ. ރެއާލް މެޑްރިޑަކީ މުބާރާތުގެ އެންމެ ކާމިޔާބު ކުލަބެވެ. މިފަހަރު ތަށި ލިބިއްޖެނަމަ މިއީ އެމީހުން މި ތަށި ހޯދާ 11 ވަނަ ފަހަރެވެ.

ތަފާތު ދެ ޓީމެއް

އެތްލެޓިކޯ އާއި ރެއާލް އެއް ސިޓީ އަށް ނިސްބަތްވިޔަސް މިއީ ވަރަށް ތަފާތު ދެ ޓީމެވެ. ރެއާލް އަކީ މުއްސަދި ކުލަބެކެވެ. އެތްލެޓިކޯގެ ކިބާގައި އެކަމެއް ނެތެވެ. މިހެންވެ އެތްލެޓިކޯ އަކީ މޮޅު ކުޅުންތެރިން އުފައްދާފައި ވިއްކާ ކުލަބެކެވެ. ފެނާންޑޯ ޓޮރޭޒް އާއި ޑިއެގޯ ކޯސްޓާ އާއި ރަޑަމަލް ފަލްކާއޯ ފަދަ ކުޅުންތެރިން ބޮޑެތި އެހެން ކުލަބުތަކުން ގަތީ އެތްލެޓިކޯއިންނެވެ. މިއާ ހިލާފަށް ރެއާލް މެޑްރިޑަކީ ތަރިންގެ ޓީމެކެވެ. ކުޅުންތެރިން ގަތުމަށް ފައިސާ ހަރަދު ކުރަނީ ރެކޯޑް އަދަދަކަށެވެ. ޓީމުގެ އެންމެ ވިދުން ގަދަ ދެ ކުޅުންތެރިންކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލް ގަތުމަށް ކޮންމެ ކުޅުންތެރިއަކަށް 80 މިލިއަން ޕައުންޑް ހަރަދު ކުރި އެވެ. މިއާ ހިލާފަށް އެތްލެޓިކޯގެ އެންމެ ވިދުންގަދަ ކުޅުންތެރިއަކީ އެންޓޯނިއީ ގްރިއެޒްމަން އެވެ. އޭނާގެ އަގަކީ އެންމެ 24 މިލިއަނެވެ.

"އެކަމަކު އަހަންނަށް ޔަގީންކަމާއެކު ބުނަންކެރޭ ގްރިއެޒްމަން އަކީ ދުނިޔޭގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރެއިން އެކެއް. އޭނާއަކީ އަދި ޅަ ކުޅުންތެރިއެއް. އޭނާގއެ ޖާދޫ ފެނިގެންދާނެ ކުރިއަށްއޮތްތަނުގައި ވެސް،" އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުންޏެވެ.

ކުޅުންތެރިން

ރެއާލްގައި ތިބީ ހުސްތަރިންނެވެ. އެތްލެޓިކޯއަކީ އާދައިގެ ޓީމެކެވެ. ނަމަވެސް ރެއާލްއާ ހިލާފަށް އެތްލެޓިކޯގެ ޓީމަކީ ވަރަށް އެކުލުންތެރި، ޑިސިޕްލިން ޓީމެކެވެ. ކޯޗު ޑިއެގޯ ސިމިއޯނީ އަކީ 100 ޕަސެންޓް ނުދެވޭނެ އެއްވެސް ކުޅުންތެރިއަކަށް ޖާގަދޭ މީހެއްނޫނެވެ. މިހެންވެ އެތްލެޓިކޯ އަކީ އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ކާމިޔާބު ހޯދާ ޓީމެކެވެ.

ރެއާލް މެޑްރިޑަކީ މާމޮޅަށް ނުކުޅެވުނަސް މޮޅު ކުޅުންތެރިންގެ ހުނަރުން ވެސް ކާމިޔާބު ހޯދާ ޓީމެކެވެ. ބޭލް އާއި ރޮނާލްޑޯ ފަދަ ކުޅުންތެރިއަކު ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްފާނެ އެވެ.

ކޯޗުންގެ ވިސްނުން

އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީގެ ނަޒަރުގައި ރެއާލް މެޑްރިޑުގެ ގޭމް ހަލާކުކޮށްލަން ކުރަންޖެހެނީ އެންމެ ކަމެކެވެ. އެއީ ކަސިމޭރޯގެ ކުޅުން ހަލާކުކޮށްލުމެވެ. އެއިރުން ރޮނާލްޑޯ އާއި ބޭލް އަދި ހާމޭސް ރޮޑްރިގޭޒް އާއި ކަރީމް ބެންޒެމާ އަށް ވެސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ އެވެ.

ޑިއެގޯ ސިމިއޯނީ އަކީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ވެސް އެންމެ ބޮޑު ސަޕޯޓަރެވެ. އޭނާ ކޯޗަކަށް އައި ފަހުން އެތްލެޓިކޯގެ ކުޅުންތެރިންނަށް ކުލަބުގައި މަޑުކުރުމުގެ މުުހިންމުކަމާއި ކުލަބުދެކެ ލޯބިވާންޖެހޭކަން ދަސްކޮށްދިނެވެ. ބޮޑެތި ކުލަބުތަކުން ޝައުގުވެރިވި ނަމަވެސް ކޯކޭ އާއި ގްރިއެޒްމަން ފަދަ ކުޅުންތެރިން ކުލަބުގައި ތިބި މައިގަނޑު ސަބަބަކީ މިއެވެެ.

ރެއާލްގެ ކޯޗަކީ މަޝްހޫރު ޒައިނުއްދީން ޒިދާނެވެ. އޭނާގެ ކޯޗިން ތަޖުރިބާ މަދެވެ. މިހެންވެ ޒިދާން އެންމެ ބޮޑަށް ފާހަގަވަނީ ކުޅުންތެރިން މޯޓިވޭޓްކޮށްގެން ޓީމުމޮޅުކޮށްދޭ ކޯޗަކަށެވެ. އަންނަ ސީޒަނުގައި ރެއާލްގައި ޒިދާން ހުރުން ބިނާވެފައިވަނީ ވެސް މި މެޗަށް ކަމަށްވެ އެވެ.
ބޭލް ބުނީ ކުޅުންތެރިން ތަށި ހޯދަަން ބޭނުންވާ ކަމަށާއި ޒިދާންގެ ކޯޗުކަމުގައި ކުޅެން އޭނާ ވަރަށް ޝައުގުވެރިވާ ކަމަށެވެ.

"އަހަރެން ކުޅެނީ ވަރަށް ފްރީކޮށް. އަހަރުމެން ތަށި ހޯދަން ބޭނުން. ޒިދާނަކީ ވަރަށް ރަނގަޅު ކޯޗެއް. އޭނާ ކުލަބުގައި ހުރުމަކީ އޭނާގެ ކަމެއް. ދިއުމަކީ ވެސް އޭނާގެ ކަމެއް. އެއީ އަހަރެން ގޮތް ނިންމަންޖެހޭ ކަމެއްނޫން،" މި ސީޒަނަށް ފަހު ޒިދާން ރެއާލް ދޫކޮށްލާނެތޯ އެހުމުން ބޭލް ބުންޏެވެ.