ބާސެލޯނާ

ބުސްކެޓްސް މަޑުކޮށްފި، މަޝެރާނޯ އާއި އަލްވެޒް ދަނީ

ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް އެކުލަބުގައި މަޑުކުރަން ނިންމިއިރު ހާވިއާ މަޝެރާނޯ އާއި ޑެނީ އަލްވެޒް ކުލަބު ދޫކޮށްލަން ވިސްނަން ފަށައިފި އެވެ.

ފެށުނީއްސުރެ ބާސެލޯނާ އަށް ކުޅެމުން އަންނަ ބުސްކެޓްސް ފަސް އަހަރުގެ އާ ކޮންޓްރެކްޓެއްގައި ސޮއިކުރީ އިއްޔެ އެވެ. މި ކޮންޓްރެކްޓްގެ ދަށުން އޭނާ 2023 ގެ ނިޔަކަށް ބާސެލޯނާގައި މަޑުކުރާނެ އެވެ. މީގެ ކުރިން އެހެން ކުލަބަކަށް އޭނާ ގެންދެވޭނީ 152 މިލިއަން ޔޫރޯ ހަރަދުކޮށްގެންނެވެ.

ބާސެލޯނާ އަށް 384 މެޗު ކުޅެދީ 12 ގޯލު ޖަހާފައިވާ ބުސްކެޓްސް ކުލަބުގައި މަޑުކުރީ އޭނާ އަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް ފާރަވެރިވާ ކުޅުންތެރިއަކަށް ވެފައިވަނިކޮށެވެ.

ބާސެލޯނާ ދޫކޮށްލުމުގެ ވިސްނުން ގެންގުޅެނީ އާޖެންޓީނާގެ ޑިފެންްޑަރު މާޝެރާނޯ އާއި ބްރެޒިލްގެ ޑެނީ އަލްވެޒް އެވެ. އުމުރުިން ދުވަސްވެފައިވާ މި ދެ ކުޅުންތެރިންގެ ތެރެއިން އަލްވެޒްގެ ބަދަލުގައި ބާސެލޯނާއިން ވަނީ އާކުޅުންތެރިއަކު ހޯދަން ހުސްވި ސީޒަނުއްސުރެ ފެށިގެން މަސައްކަތް ފަށައިފަ އެވެ. ނަމަވެސް މަޝެރާނޯ ދޫކޮށްލަން ކުލަބުން އަދި ބޭނުމެއްނުވެ އެވެ. އެހެން ނަމަވެސް އާޖެންޓީނާގެ ކުރީގެ ކެޕްޓަންގެ ނަޒަރުގައި އަންނަ ސީޒަނުގައި އޭނާ ބާސެލޯނާގައި މަޑުކުރި ނަމަވެސް ޖެހިގެން އަންނަ ސީޒަނުގައި އޭނާ އަށް ޓީމުން ޖާގަ ލިބުން ދުރުވާނެ އެވެ. މިހެންވެ އެންމެ ރަނގަޅުގޮތަކީ ކުލަބު ބަދަލު ކުރުމެވެ.

އަލްވެޒް އާއި މަޝެރާނޯ ދިއުން އެންމެ ގާތް އެއް ކުލަބަކީ އިޓަލީގެ ޔުވެންޓަސް އެވެ.