އަންނަ ބުރާސްފަތި ދުވަހު ޔަމަނާއެކު ކުޅެންޖެހޭ މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފަރިތަކުރަން ފަށައިފި އެވެ.
ޔަމަނާއެކު ރާއްޖެ ކުޅޭ މެޗަކީ އޭޝިއަން ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްރިލިމިނަރީ ފުރަތަމަ މެޗެވެ. ދެ ވަނަ މެޗު އޮންނާނީ އަންނަ މަހުގެ ހަތެއްގައި ޔަމަނުގަ އެވެ.
ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ނެގި ޓީމުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވާއިރު އެންމެ ފާހަގަ ކުރެވެނީ މުހައްމަދު އުމޭރަށް ޖާގަ ދީފައިވުމެވެ. ހާބަޓް ހަވާލުވި ފަހުން މިއީ އުމޭރު ގައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ ސްކޮޑުން އީގަލްސްގެ މުލަކޭ އާއި އަހުމަދު ޒާދު އާއި ވެލެންސިއާގެ އަހުމަދު ވިޝާމް (ޖެރާޑް) ފަދަ ކުޅުންތެރިންނަށް ޖާގަ ދީފައިވެ އެވެ. އަދި އަނިޔާގައި ހުރި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ ޓީމުގައި ހިމަނާފަ އެވެ. އޭނާ ވަނީ އަނިޔާގެ ސަބަބުން މިދިޔަ ބުދަ ދުވަހު މެލޭޝިޔާގެ ޕީޑީއާރުއެމްގެ ކޮންޓްރެކްޓް ވެސް އުވާލައިފަ އެވެ.