ގައުމީ ފުޓްބޯޅަ ޓީމުގެ ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރު މަގާމުން ވަކިކޮށް ގައުމަށް ފޮނުވާލައިފި އެވެ.
އޮސްޓްރޭލިޔާގެ މިލާން ގައުމަށް ފޮނުވާލިއިރު އޭނާ މިހާތަނަށް ކުރި މައިގަނޑު މަސައްކަތަކީ ކުޅުންތެރިން މޮނިޓަރ ކުރުމެވެ. މި ގޮތުން ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް އާއި ކުޅުންތެރިން މެޗުތަކުގައި ދައްކާ ކުޅުމާއި ކުޅުންތެރިންނަށް އަންނަ ބަދަލުތައް އޭނާ ދިރާސާކުރި އެވެ.
މިލާން ގައުމީ ޓީމާ އެންމެ ފުރަތަމަ ގުޅުނީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ގައުމީ ޓީމު ގަތަރާއެކު ކުޅެން ފުރިއިރު އެވެ.
ނަމަވެސް އޭނާގެ ސަބަބުން ޓީމުގެ ކޯޗިން ސްޓާފުންގެ މެދުގައި ގުޅުން ގޯސްވި އެވެ. ކުރީގެ އެސިސްޓެންޓް ކޯޗު އައްސަދު އަބުދުލްގަނީ އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް ކޯޗާ މައްސަލަޖެހިގެން ގައުމީ ޓީމާ ދުރަށްދިޔަ މައިގަނޑު ސަބަބަކީ ވެސް މިލާން އެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ ބުނީ ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރަކު ގެނައީ ކުޅުންތެރިން މޮނިޓަރކޮށް އިތުރު ކުރިއެރުން ގެނައުމަށް ކަމަށެވެ. އަދި މިއީ ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ވެސް ބޭނުންވެގެން ގެނައި ބަދަލެއް ކަމަށާއި މީގެ ފައިދާ ކުރިމަގުގައި ފެންނާނެ ކަމަށެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކޮށް ގައުމަށް ފޮނުވާލި ސަބަބެއް ނުބުނެ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާއެކު ކުޅެން ގައުމީ ޓީމު ތައްޔާރުވާއިރު ކޯޗަށް އެހީތެރިވެދޭން އެންމެ އިސްކޮށްހުރީ އެސިސްޓެންޓް ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) އެވެ.