ހުޅުމާލެ

700 އަށްވުރެ ގިނަ މީހުނާއެކު ރޯދައަށް ހުޅުމާލެ ސާފުކުރަން ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއް ފަށައިފި އެވެ.

"ސާފު ހުޅުމާލެ، އަހަރެމެންގެ ޒިންމާ،" މި ޝިއާރުގެ ދަށުން މުޅި ހުޅުމާލެ ސާފުކުރުމަށް ހެލްތު މިނިސްޓްރީއާއި އެނޫންވެސް ކަމާބެހޭ އެކި އިދާރާތައް ގުޅިގެން އެ ޕްރޮގްރާމް ފަށާފައިވަނީ މިއަދު ހެނދުނު 8:30 ގަ އެވެ. އެޗްޑީސީން ބުނީ، ދުނިޔޭގެ ތިމާވެށި ދުވަހާއި ވެސް ގުޅުވައިގެން ސާފުކުރުމުގެ ޕްރޮގްރާމް ބާއްވަން ނިންމީ ރޯދަޔަށް ރަށް ސާފުތާހިރު ކުރުމުގެ ގޮތުން ކަމަށެވެ.

އެޗްޑީސީން ބުނީ މިއަދުގެ ޕްރޮގްރާމުގައި 800 އެއްހައި މީހުން ރަށް ސާފުކުރުމުގައި ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް މިނިސްޓްރީ ތަކުގެ ސްޓޭޓް މިނިސްޓަރުންނާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަންގެ އިތުރުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަ އެވެ. މީގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުންނާއި ކުންފުނިތަކުގެ އިސް އޮފިޝަލުންވެސް މި ޕްރޮގްރާމުގައި ބައިވެރިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހުޅުމާލެ ސާފުކުރުމުގެ މަޝްރޫއު ވަރަށް ކުރިއާކު ފެށިގެން ކުރިއަށްދާއިރު، ރަށުގެ ހުރިހާ ހިސާބެއްގައި ހުރި ކުންޏާއި ތަކެތި ރައްކާތެރިކަމާއެކު ނައްތާލެވޭނެ ކަމަށެވެ.

"ވަރަށް ފޯރިގަދަ ހަމަ އެހާމެ ކާމިޔާބު ޕްރޮގްރާމަކަށް މި ޕްރޮގްރާމް ވެގެން މިދަނީ، މިނިސްޓަރު އިރުތިޝާމް ވެސް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ގެއަށްވެސް ވަޑައި ނުގެން އެއާޕޯޓުން ހުޅުމާލެ އަށް މި ވަޑައިގެންނެވީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަން،" ހެލްތު މިނިސްޓްރީން ބުންނެވެ.

ގިނަ އަދަދެއްގެ މީހުންނާއެކު ހުޅުމާލެ ސާފުކުރަން ފަށާފައިވާއިރު މިއަދުގެ ހަވީރާ ހަމަޔަށް ޕްރޮގްރާމް ކުރިއަށްދާނެ އެވެ.