- އަގުތަކުން މާބޮޑު ފަރަގެއް ނުފެނޭ
- ދިވެހި އުފެއްދުންތައް އަދި މަދު
- އެސްޓީއޯ ފިޔާ، އަލުވި، ބިހުގެ ޑިމާންޑް މަތި
ރޯދަ މަސް ފެށެން ގާތްގަނޑަކަށް މި އޮތީ ހަފުތާއެއްހާ ދުވަހެވެ. ކޮންމެ ރޯދަ މަހެއްގައި ވެސް އެންމެ ބޮޑަށް ބަދަލު އަންނަ އެއް ދިމާލަކީ ބާޒާރު މައްޗެވެ. ރޯދަމަހާ ދިމާކޮށް ބާޒާރު "ތެޅި ގަންނަނީ" މިހެންވެ އެވެ. ނަމަވެސް މި އަހަރު އަދި ބާޒާރުމަތި ފެންނަނީ ތަންކޮޅެއް މައިތިރި ކޮށެވެ. މުޅި ބާޒާރަށް ބަލާއިރު ވެސް ފާހަގަވާ އެއްކަމަކީ ދިވެހި އުފެއްދުންތައް އަދި މަދުކެމެވެ. ފަހަރެއްގައި މިއީ ވިޔަފާރީގެ އުކުޅަކަށް ވުން ވެސް ގާތެވެ. އާއްމުކޮށް ގިނަ ބާވަތްތައް ގެނެސް އަޅާލަނީ ރޯދަ މަސް ފެށެން އެންމެ ފަހު ހަތަރު ވަރަކަށް ދުވަހަށްވުމުންނެވެ.
ތިރީގައި އެވަނީ މިއަދު މެންދުރުގެ ފަހާ ހަމައަށް ބާޒާރުގައި މުހިންމު ބައެއް ބާވަތްތަކުގެ އަގުތައް ހުރި ގޮތެވެ.
- ކަރާ ކިލޯއެއް: 20ރ.
- 100ގ. ގިތެޔޮ މިރުސް: 25ރ.
- ގަބުޅިއެއް: 15-20ރ. އަށް
- ފަޅޯ ކިލޯއެއް: 25ރ. އަށް
- ބަނބުކޭލެއް: 20-30ރ. އަށް.
- ލެޓިއުސް ފަތް ކިލޯއެއް: 130ރ. އަށް
ދަނޑުވެރިންގެގެންނަ ބާވަތްތަކުގެ އިތުރުން ރޯދަ މަހު އަގު ތަކަށް އެންމެ ބޮޑަށް ބަދަލު އަންނަ އެއް ބާވަތަކީ ފިޔާ، އަލުވި އަދި ކުޅުޅު ބިހެމެވެ. އެހެން އަހަރު ތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި އަދި ބިސް ރާއްޖެއަށް ގެނެސްފަ އެވެ. ބާޒާރުގައި މި ބާވަތްތަކުގެ އަގު މައިތިކޮށް ބެހެއްޓުމަށް އެސްޓީއޯއިން މިކަން ކޮންމެ އަހަރަކުވެސް ކުރެ އެވެ. މި އަހަރުވެސް އެސްޓީއޯއިން ދަނީ ފިޔާ، އަލުވި އަދި ބިސް ގެނެސް ވިއްކަމުންނެވެ.
އެސްޓީއޯގެ ސީނިޔަ ޖެނެރަލް މެނޭޖާ ރީޖަނަލްސް ފާތިމަތު އާޝާން ވިދާޅުވީ ކޮންމެ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އެސްޓީއޯ އިން ރޯދަ މަހަށް ހާއްސަކޮށް ގެނެސްފައިވާ ފިޔާ އަލުވި އަދި ބިސް ހަ ނަމްބަރު ކޮށިން ވިއްކަމުންދާ ކަމަށެވެ.
"މި މަސައްކަތް ކުރަނީ ބާޒާރުގެ ހުންނަ އަގަށް އެއްވަރަށް ނޫނީ އެއަށްވުރެއް ރަނގަޅު އަގެއްގައި އާންމު ރައްޔިތުންނަށް އެ ވިއްކަން،" އާޝާން ވިދާޅުވި އެވެ.
ފިޔާ، އަލުވި ބިސް އެސްޓީއޯ އިން ވިއްކާ އަގު
- ފިޔާ ބަސްތާއެއް: 160ރ. އަށް
- ބިސް ކޭހެއް: 275ރ. އަށް
- އަލުވި ބަސްތާއެއް: 250ރ. އަށް
އެސްޓީއޯއިން މިދިޔަ އަހަރު ވިއްކި އަގު
- ފިޔާ، އަލުވި ބަސްތާއެއް: 250ރ. އަށް
- ބިސް ކޭހެއް: 270ރ. އަށް
އެސްޓީއޯ އިން މި އަގުގައި ފިޔާ އަލުވި ބިސް ވިއްކި ނަމަވެސް ބާޒާރުގައި ވިއްކަނީ ތަންކޮޅެއް އަގު މަތިކޮށެވެ. ނަމަވެސް މިއީ ބާޒާރުގައި އާއްމުކޮށް މި ބާވަތް ލިބެން ހުންނަ އަގެވެ.
ބާޒާރުގައި ފިޔާ، އަލުވި ބިސް ވިއްކާ އަގު
- ފިޔާ: 200-350ރ. އާ ދެމެދުގައި
- އަލުވި 250-350ރ. އާ ދެމެދުގައި
- ކުކުޅު ބިސް: 350ރ. އަށް
ބާޒާރުގައި މިހާރު މި އަގުގައި ބާވަތްތައް ލިބެން ހުރިނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަގުތައް މަތިވެ، ދަށްވާނެ އެވެ. ހާއްސަކޮށް ރޯދަ މަސް ފެށެން އަންނަ ދެ ދުވަހަކީ ކޮންމެ އަހަރުވެސް އާއްމު ބާވަތްތަކުގެ ޑިމާންޑް މަތިވެގެންދާ ދުވަސް ތަކެކެވެ.