ވިޔަފާރި

ކަރާގެ އަގު މިފަހަރުވެސް މިވީ ރަނަށް!

ރޯދަ މަހު އެންމެ ޑިމާންޑް އުފުލޭނީ ކަރާ އެވެ. ކޮންމެ އަހަރަކު ވެސް އެކަން ވަނީ އެގޮތަށެވެ. ރޯދަ މަހުގެ ބާޒާރަށް ބަލާއިރު މި އަހަރު ދިވެހި އުފެއްދުންތައް ނިސްބަތުން މަދެވެ. ހާއްސަކޮށް ކަރާ ވަރަށް މަދެވެ. އެހެންވެ ކުރިން ވެސް ބެލިފައި އޮތީ މި ބާވަތުގެ އަގުތައް މަތިވެގެންދާނެ ކަމަށެވެ.

އެކަންވީ ވެސް ހަމަ މިގޮތަށެވެ. ބުދަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަން އިއުލާނު ކުރުމާއެކު ކަރާގެ އަގުތައް މިވަނީ މަތިވެގެން ގޮސްފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ބާޒާރުގައި ކަރާ ކިލޯއެއް ވިއްކީ 25ރ. އަށެވެ. ނަމަވެސް އަންގާރަ ދުވަހު ކަރާ ކިލޯއެއް ވަނީ 35ރ. އަށް އުފުލިފަ އެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުދަ ދުވަސްކަން އިއުލާނު ކުރުމާއެކު ކަރާ ގަންނަން ދިޔައިރު ކަރާގެ އަގު މިވަނީ 40ރ. އަށް އުފުލިފަ އެވެ.

މާރުކޭޓު ގޮޅީގައި ކަރާ ވިއްކަން ހުރި މީހަކު ބުނި ގޮތުގައި ކަރާގެ އަގު ބޮޑުވަނީ މަދުވުމުންނެވެ.

"ރޯދަ މަހުގެ ފުރަތަމަ ދުވަހާ ބަލާއިރު ކަރާ ގެނައި އަދަދު މަދު. އެހެންވެ ކަރާގެ އަގު ބޮޑުވަނީ. މަދު އެއްޗެއް ހޯދަން މީހުން އައީމަ ވާނެތާއެހެން؟،" ގޮޅީގެ ސޭޓު ބުންޏެވެ.

ކަރާ ވިއްކާ މީހުން ބުނާ ގޮތުގައި ރޯދަ މަސް ކައިރި ވެގެން އައިއިރު މުޅިރާއްޖެއަށް ކުރި ވިއްސާރާގެ އަސަރު ވަނީ ކަރާ ވެޔޮތަކަށް ކޮށްފަ އެވެ. މިކަމުގެ ސަބަބުން ގިނަ ދަނޑުތައް ހަލާކުވެގެންދިޔަ ކަމަށް އެ މީހުން ބުނެ އެވެ.