ބޮލީވުޑް

ސަލްމާންގެ "ސުލްތާން" އާހެދި އާމިރް އަށް ހަމަނިދި ނުލިބިފައި

May 31, 2016

ސުޕަސްޓާ ސަލްމާން ޚާންގެ "ސުލްތާން" ކުޑަ އީދުގައި ރިލީޒްކުރާނެ ދުވަހަކަށް ބެލުތެރިން ކިތަންމެ އިންތިޒާރެއް ކުރަމުން އަޔަސް، މިފިލްމަކީ މިއަހަރުގައި ކުރިއަށް ރިލީޒްވުމަށް ހުރި ފިލްމުތަކަށް ބޮޑު ބިރެކެވެ.

މިފިލްމާއި އެއްދުވަހެއްގައި ފިލްމު ރިލީޒްކޮށް، ކުރިމަތިލުމަކަށް ނުދާންވެގެން ޝާހްރުކް ޚާން ވަނީ އޭނާގެ ފިލްމު "ރައީސް" ރިލީޒްކުރުން އަންނަ އަހަރަށް ލަސްކޮށްފަ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، ޔާޝް ރާޖްސް އިން އަދިތްޔަ ޗޯޕްޅާ ޕްރޮޑިއުސްކުރާ މިފިލްމުގެ ޓްރެއިލާ އާއި ފިލްމަށް ލިބެމުންދާ ސަޕޯޓްގެ ސަބަބުން މިފިލްމަށް ބޮކްސް އޮފީހުގައި ލިބިދާނެ ނަތީއްޖާ އަކާއި މެދު ފިލްމުތައް އުފައްދާ ފަރާތްތަކުން އަންނަނީ ފިކުރުކުރަމުންނެވެ.

"ސުލްތާން" އިން ސަލްމާންގެ މީގެކުރިން ނިކުތް ފިލްމުތަކުގެ ރެކޯޑް މުގުރައި މިއަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެދާނެ ކަމުގެ ވާހަކަތައް ދެކެވެން ފެށުމުން ޝާހްރުކްގެ އިތުރުން އެހެން ތަރިއެއްގެ ހަމަ ނިދި ވަނީ ގެއްލިފަ އެވެ.

"ސުލްތާން" ގެ ޕޯސްޓަރުގައި ސަލްމާން:

މިފިލްމަކީ މީގެކުރިން ސަލްމާން ކުޅެފައިވާ ފިލްމުތަކާއި އަޅާބަލާއިރު ތަފާތު ރޯލު ވަރަށް ތަފާތެވެ. ސަލްމާން ރެސްލިންތެޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ މިފިލްމަށް ލިބެމުން އަންނަ ތަރުހީބުން އެންމެ ކަންބޮޑުވެފައިވާ އެއް ތަރިއަކީ އާމިރް ޚާން އެވެ.

ސަލްމާންގެ ގާތްއެކުވެރިއެއް ކަމަށްވާ އާމިރްގެ ވެސް މިއަހަރު ރެސްލިންތެޅުންތެރިއެއް ކަމަށްވާ މަހާވީރް ޕޯގަތްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ޑަންގާލް" ޑިސެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، "ސުލްތާން" އަށް މިހާރު ވެސް ލިބެމުން އަންނަ ތަރުހީބުން އާމިރް ބިރުގަތީ އެވެ.

"ޑަންގާލް" ގެ ފުރަތަމަ ޕޯސްޓަރުގައި އާމިރް:

އާމިރްގެ ބައެއް ގާތްފަރާތްތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން "ސުލްތާން" ގެ ޓްރެއިލާ ބެލުމަށްފަހު މިފިލްމާއި "ޑަންގާލް" އާ އެއްގޮތް ކަމެއް ހުންނަ ކަމަށް ވަނ؟ީ ބުނެފަ އެވެ. އަދި އާމިރްގެ ފިލްމު ރިލީޒްކުރަނީ މިފިލްމު ރިލީޒްކުރާތާ ފަސް މަސް ފަހުން ކަމަށްވުމުން، މިފިލްމާއި އެފިލްމުގައި އެއްގޮތް ކަމެއް ހުރުމުން އާމިރްގެ ފިލްމަށް ކުޑަ ތަރުހީބެއް ލިބިދާނެތީ އެކަމާ އޭނާ ހާސްވަނީ ކަމަށް ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު އާމިރްގެ އެންމެ ފިލްމެއްވެސް ރިލީޒްވެފައި ނުވާއިރު އޭނާގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ "ޑަންގާލް" އާ އެވެ. މިފިލްމު ކުޅެން ބަރުދަން 95 ކިލޯއަށް ޖައްސާލާފައިވާއިރު، ފިލްމުގެ އެންމެ ފަހުގެ މަންޒަރުތައް ނަގަން އާމިރް މިހާރު ވަނީ އަނެއްކާވެސް ބަރުދަނުން 22 ކިލޯ ހިއްކާލާފަ އެވެ. މީގެއިތުރުންވެސް މިފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމަށް އާމިރް ވަނީ ރެސްލިންތަޅަން ވެސް ދަސްކޮށްފަ އެވެ.