- ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ކުރަން ޖެހޭ
- ޖޭއެސްސީގެ ނިންމުންތަކާ މެދު އާންމުން ޝައްކު އުފައްދާ
- ޝަރީއަތްތައް ހިންގާ ގޮތާ މެދު ޝަކުވާތައް ބޮޑު
ތިން ބާރު އޮންނަނީ ވަކިންނެވެ. އެއް ބާރު އަނެއް ބާރަށް ނުފޫޒު ފޯރުވެވިގެން ނުވާނެ އެވެ. ވެރިކަންކުރާ ބާރާއި އަދުލު އިންސާފުގެ ބާރާއި ގާނޫނު ހެދުމުގެ ބާރެވެ. މި ތިން ބާރު މަސްހުނިވެ އެކެއްގެ އަތް މައްޗަށް ގޮސްފިނަމަ ގައުމުން ފެންނާނީ ހަމަނުޖެހުމެވެ. މައްސަލަތަކެވެ. އިންސާފުން ބޭރުން ކަންކަން ކުރެވެމުންދާ ތަނެވެ. ނުފޫޒާއި ފަސާދަ އާންމުވާ ތަނެވެ. ޖަންގަލީ އުސޫލެވެ.
ޝަރުއީ ކޯޓުތައް ނުވަތަ، ފަނޑިޔާރުންނަކީ ގައުމުގެ މަސްލަހަތާ އެންމެ ބޮޑަށް ގުޅިފައިވާ ބޭފުޅުންނެވެ. ގައުމެއްގައި އިންސާފާއި އަމާން އަމާންކަން ގާއިމުވެގެން ދަނީ ފަނޑިޔާރުން އިއްވަވާ ހުކުމްތަކުގެ މައްޗަށެވެ. އެހެންކަމުން ކޯޓުތަކާއި ފަނޑިޔާރުނަކީ ނުފޫޒުން އެއްކިބާވެ ތިބެން ޖެހޭ ބަޔަކަށް ވުން ވަރަށް މުހިންމެވެ. އަދުލު އިންސާފުގެ ބާރު ވަކިކޮށް، އެ ބާރަށް އެހާ ބޮޑު އިސްކަމެއްދީފައިވަނީ ވެސް އެހެންވެ އެވެ.
އަދުލު އިންސާފުގެ ބާރަށް އެހެން ބާރުތަކުގެ ނުފޫޒު ބޮޑުވެފައިވާ ވާހަކައަކީ މިހާރު ގާނޫނޫ ބޭފުޅުންނާއި ސިޔާސީ ބޭފުޅުން ވެސް ދައްކަވަމުން ގެންދާ ވާހަކައެކެވެ. ވެރިކަންކުރާ ބާރު ނުވަތަ ރައިސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ކުރިއަށް ނުދާނަމަ، ކޯޓުތަކަށް ބަދަލު އަންނަތަން ފެންނަ އެވެ. އެއީ ނުފޫޒު ނޫން ކަމަށް ވިދާޅުވި ނަމަވެސް، އެފަދަ ކަންކަން ހިނގާ ދަނޑިވަޅުތަކާއި ހާލަތަށް ބަލާއިރު އެއީ ހަމަ ނުފޫޒެއް އޮވެގެން ހިނގާ ކަންކަން ކަމަށް ބުރަވެ އެވެ.
އެކަމުގެ މިސާލެކެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ކުރިން ކުރެއްވި ގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރެއްވުމެވެ. ގާޒީ އަބްދުﷲ، ފެމެލީ ކޯޓަށް ބަދަލުކުރެއްވީ ހަމަ ކުއްލި ގޮތަކަށެވެ. އެއަށްފަހު ކުރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް އައްޔަން ކުރެވިގެން ދިޔަ އެވެ. އެ ދުވަސްވަރަކީ ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ހިނގަމުން ދިޔަ ދުވަސްވަރެކެވެ. ގާޒީ ބާރީ ކުރިމިނަލް ކޯޓާ ހަވާލުވެވަޑައިގަތް ފަހުން ސިޔާސީ ބޭފުޅުން ހައްޔަރުކުރުމާއި ދައުވާކުރުން އިތުރުވެގެން ދިޔަކަން ފާހަގަވި އެވެ. އޭގެފަހުން ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދަށު ކޯޓުތަކުގެ ގާޒީންތަކެއް މިދިޔަ އަހަރުގެ ތެރޭގައި ކުއްލި ގަޮތަކަށް ބަދަލުކުރި އެވެ. އެ ގާޒީންގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހާއްސަކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގިނަ މައްސަލަތަކެއް ބެއްލެވި ގާޒީއެއް ކަމަށްވާ ގާޒީ ސައީދު އިބްރާހިމް ހިމެނެ އެވެ.
ދާދިފަހުން ވެސް މިފަދަ މައްސަލައެއް ފެނިގެން ދިޔަ އެވެ. ބޮޑެތި، ސިޔާސީ ގިނަ މައްސަލަތަކެއް ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ، ގާޒީ އަބްދުލް ބާރީ ޔޫސުފް ކުއްލި ގޮތަކަށް ކުޑަކުދިންގެ ކޯޓަށް ބަދަލުކުރި އެވެ. ނުފޫޒާއި ބާރުގައި އުޅުއްވި އަބްދުލް ބާރީ ޔޫސުފްއާ ގުޅޭ ނިންމުން ޖޭއެސްސީއިން ނިންމީ، އިދިކޮޅު ދެ ލީޑަރެއްގެ މައްޗަށް ކުށްސާބިތު ނުވެ އެ ދެ ލީޑަރުން ސަލާމަތްވިތާ 24 ގަނޑިރުވެސް ނުވެ އެވެ. ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ ރިޔާޒު ކުށްވެރިނުވާ ކަމަށް ހުކުމްކުރެއްވީ އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަތައް ކޯޓުން ބޭރުކޮށްލީ ގާޒީ ބާރީ ރިޔާސަތުގައި އިންނަވައި، ގާޒީ ޝަކީލް ވެސް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ހަމަ އެ ރޭ ގާޒީ ބާރީ އާއި ގާޒީ ޝަކީލް ކުރިމިނަލް ކޯޓުން ބޭރުކޮށްލީ އެވެ. ގާޒީ ބާރީއާއެކު ކުރިމިނަލް ކޯޓުން ބޭރުކޮށްލި ގާޒީ ޝަކީލް ފާހަގަވެގެން ގޮސްފައިވަނީ ޝަރީއަތްތައް އޮންނަ އުސޫލުގެ ދަށުން، ދައުވާކުރެވޭ މީހާއަށް ދޭންޖެހޭ ހުރިހާ ފުރުސަތަކެއް އޭގެ އެންމެ ރަނގަޅަށް ދެއްވަމުން ގެންދެވި ގާޒީއެއްގެ ގޮތުގަ އެވެ.
ގާޒީ ބާރީ އާއި ގާޒީ ޝަކީލް ކުރިމިނަލް ކޯޓުން އެހެން ކޯޓަކަށް ބަދަލުކުރުމަށް ޖޭއެސްސީގައި އެދުނީ ސުޕްރީމް ކޯޓުންނެވެ. އެ ކޯޓުން ގާނޫނުން ލިބޭ ބާރުގެ ދަށުންނެވެ. ސުޕްރީމް ކޯޓުގެ ދަށުކޯޓުތަކުގެ ފަނޑިޔާރުން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލުގެ ދަށުން ފަސް ހާލަތެއްގައި ގާޒީން މަސައްކަތްކުރާ ކޯޓު ބަދަލުކުރެވޭނެ އެވެ. އެގޮތަށް ބަދަލުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޖޭއެސްސީއަށް ހުށަހެޅުމުންނެވެ. އަދި ޖޭއެސްސީއިން ކޯޓު ބަދަލުކުރުމުގައި ބަލަންޖެހެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުގެ މައްޗަށެވެ.
ކޯޓު ބަދަލުކުރުމުގައި ބަލާ ހާލަތްތައް:
- އެހެން ކޯޓެއްގައި މަސައްކަތްކުރަން ބޭނުންވާ ސަބަބު ބަޔާންކޮށް ދަށު ކޯޓުގެ ފަނޑިޔާރަކު ހުށަހެޅުން
- ތައުލީމާއި ތަޖުރިބާއަށް ބަލާއިރު މިހާރު މަސައްކަތްކުރާ ކޯޓަށްވުރެ އެހެން ކޯޓެއްގައި މަސައްކަތްކުރުން މުހިންމު ކަމަށް ފެނުން
- ލިބިފައިވާ ނުވަތަ ހޯދާފައިވާ އިލްމީ ތަޖުރިބާއަށް ބަލާއިރު މިހާރު މަސައްކަތްކުރާ ކޯޓަށްވުރެ ބޮޑަށް އެހެން ކޯޓަކަށް އެ ފަނޑިޔާރެއްގެ ފަންނީ ތަޖުރިބާ ބޭނުންވާ ކަމަށް ފެނުން
- އެއް ކޯޓެއްގެ ފަނޑިޔާރުކަމުގައި މާދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވުމާއެކު މަސައްކަތްކުރަމުން އައި ދާއިރާ ނޫން އެހެން ދާއިރާއެއްގެ ތަޖުރިބާ ހާސިލުކުރުން މި ވަގުތަށް މުހިންމު ކަމަށް ފެނުން
- ކޯޓުތަކާއި ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރަން ޖެހޭ ކަމަށް ފެނުން
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވަނީ ގާޒީ ބާރީ އާއި ގާޒީ ޝަކީލް އެހެން ކޯޓަކަށް ބަދަލުކުރުމަށް ނިންމުމުގައި މިކަންކަމަށް އެކަށީގެންވާ ވަރަށް ރިއާޔަތްކޮށްފައިވޭތޯ ސުވާލު އުފައްދަވާފަ އެވެ. ސުއޫދު ވިދާޅުވީ، ފަނޑިޔާރެއްގެ ރުހުން ނެތި އޭނާ އެހެން ކޯޓަކަށް ބަދަލު ކުރެވޭނީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ކަމަށާއި އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލު ކުރި ކުރުމަކީ ގާނޫނުއަސާސީން ފަނޑިޔާރުންނަށް ލިބިދީފައިވާ މިނިވަންކަމާ ހިލާފު ކަމެއް ކަމަށެވެ.
ސުއޫދު ވަނީ އިތުރަށް ވެސް މުހިންމު ސުވާލެއް އުފައްދަވާފަ އެވެ. އެއީ ގާޒީ ބާރީ ކުޑަކުދިންގެ ކޯޓަށް ބަދަލުކުރަންޖެހުނު ސަބަބާ ގުޅޭ ގޮތުންނެވެ. އެއީ އެންމެ މަދުން މައްސަލަ ހުށަހެޅޭ ކޯޓެވެ. އެ ކޯޓުގައި ގާޒީ ބާރީއާ ނުލައި ވެސް ތިން ގާޒީ އެބަ ތިއްބެވި އެވެ. ސުއޫދު ވިދާޅުވާ ގޮތުން އެ ކޯޓުގައި އޮތީ 13 މައްސަލައެވެ. ގާޒީއަކަށް ތިން މައްސަލަ އެވެ. ގާޒީ ބާރީ އެ ކޯޓަށް ބަދަލުކުރީ އެ ކޯޓުގައި ކުރާނެ މަސައްކަތް ހުރެގެންތޯ ސުއޫދު އެއްސެވި އެވެ. ޖޭއެސްސީއިން އެ ކޮމިޝަނުގެ ޒިންމާ އަދާކޮށްފައިވޭތޯ ވެސް ސުއޫދު ސުވާލު އުފެއްދެވި އެވެ.
"ޖޭއެސްސީގެ މެމްބަރުކަން ފަދަ ދުސްތޫރީ މަގާމަކަށް އައްޔަން ކުރެވޭ ކޮންމެ މީހަކީ ހަމައެކަނި އިސްލާމް ދީނާއި ގާނޫނު އަސާސީއަށް ތެދުވެރިވެ، ވަރަށް ޒިންމާދާރު މަސްއޫލިއްޔަތެއް އަދާކުރަން ޖެހޭ މީހެއް، އެ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރަން ޖެހޭނީ މި ގައުމުގެ ދުސްތޫރީ ނިޒާމު ވަކި ހަމައެއްގައި ހިފެހެއްޓުމަށް، މި މޭރުމުން އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެންވާނެ،" ސުއޫދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ހުށަހަޅައިގެން ޖޭއެސްސީއަށް ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރެވޭ ގޮތަށް އެ ބާރު ގާނޫނުން ޖޭއެސްސީއަށް ލިބިދީފައި އޮތުމަކީ ގާނޫނީ ބޭފުޅުންގެ ފާޑުކިޔުން އެކަމަށް އަމާޒުވާ ކަމެކެވެ. އެއީ، ޖޭއެސްސީއިން އުފެދިފައިވާ ގޮތުންނެވެ. އޭގެ ސަބަބުން އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމަށް މަގު ފަހިވާތީ އެވެ.
ޖޭއެސްސީ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރަކާއި ސުޕީރިއާ ކޯޓުތަކުން އައްޔަން ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރަކާއި ބަންޑާރަ ނާއިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ މައްޗަށެވެ.
ގާނޫނޫ ބޭފުޅުންނަށް މައްސަލައަކަށް ވަނީ މިކަމެވެ. ސިޔާސީ ބޭފުޅުން، ޖޭއެސްސީ ފަދަ މިނިވަން މުސްތަގިއްލު މުއައްސަސާއެއްގައި ތިއްބާވާތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ މެންބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރާއި ބަންޑާރަ ނާއިބަކީ ސިޔާސީ ބޭފުޅުންނެވެ. ސިވިލް ސާވިސްގެ ރައީސްއަކީ ވެސް މަޖިލީހުން އައްޔަންކުރައްވާ ބޭފުޅަކަށްވާތީ، އެ ބޭފުޅާއަކީ ވެސް އޭރަކު މެޖޯރިޓީ އޮންނަ ޕާޓީއެއްގެ ރުހުމާއެކު މަގާމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން ޖޭއެސްސީގެ ތިން ބައި ކުޅަ ދެ ބައި އަގުލަބިއްޔަތު އޮންނާނީ ސީދާ ސިޔާސީ ބައެއްގެ އަތްމަތީގަ އެވެ. ވެރިކަން ހިންގާ ބާރުންނާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒު އަދުލު އިންސާފުގެ ބާރުގެ ތެރެއަށް ވަނުމަށް މިއީ އޮތް ދޮރެކެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އަހުމަދު ފާއިޒު ހުންނެވި ދުވަސްވަރު ފާއިޒު ވިދާޅުވެފައިވަނީ، ޖޭއެސްސީ މިހާރު އެކުލަވާލާފައިވާ ގޮތުގެ މޮޑެލް އަކީ ފެއިލްވެފައިވާ މޮޑެލްއެއް ކަމަށާއި އެކަމުގެ ސަބަބުން ޝަރުއީ ނިޒާމު ހަރުދަނާކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އަދި އެ މޮޑެލް ރައްޔިތުންގެ މަޖިލީހުން މެދުވެރިކޮށްގެން ނަމަވެސް ބަނދަލުކުރަން ޖެހޭ ކަމަށް އޭރު ފާއިޒު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުގައި ހަމަ އުފެދޭ ސުވާލަކީ ޖޭއެސްސީގެ މޮޑެލް ބަދަލުކުރުމަށް މިހާރު އަޅުގަނޑުމެންގެ ކަމާ ބެހޭ މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ވިސްނާވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާބާ އޭ؟ ޖުޑީޝަރީ ހަރުދަނާ ކުރެވޭނީ ޖޭއެސްސީގެ މޮޑެލް ބަދަލުކުރެވިގެން، އެ މޮޑެލް އޮންނަހާ ހިނދަކު ޖުޑީޝަރީއަކަށް އިތުރު ހަރުދަނާކަމެއް ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ،" 2013 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި ފާއިޒު ވިދާޅުވި އެވެ.
ފާއިޒުގެ އިތުރުން ބަންޑާރަ ނައިބުގެ މަގާމުގައި އާޒިމާ ޝުކޫރު ހުންނެވިއިރު އެކަމަނާ ވެސް ވަނީ ހަމަ އެ މޭމެރަމުން ވާހަކަ ދައްކަވާފަ އެވެ. އާޒިމާ ވިދާޅުވީ، ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ދެކެނީ ޖޭއެސްސީ މިހާރު އެކުލަވާ ލެވިފައި އޮތީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގައި ވިޔަސް ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓޭނެ ގޮތަކަށް ނޫން ކަމަށް، އަޅުގަނޑު ގަބޫލެއް ނުކުރަން ޖޭއެސްސީ އެކުލަވާލާފަ އެއޮތީކީ އެއް އެންމެ އެކަށީގެންވާ ގޮތެއްގެ މައްޗަށް އޮތް މޮޑެލްއަކަށް ކަމަކަށް،" އާޒިމާ އޭރު ވިދާޅުވި އެވެ.
ގިނަ މައްސަލަތަކެއްގައި ކޯޓުތަކަށް ވަކާލާތު ކުރައްވަން ވަޑައިގަންނަވާ ގާނޫނީ ވަކީލަކު ވިދާޅުވީ، ފަނޑިޔާރުންގެ ކަންކަން ނިންމެވުމަށް ފަނޑިޔާރުން ތިއްބެވުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެ ވަކީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިނިވަން ފަނޑިޔާރު ގެއެއް ގާއިމުކުރުމަށް އެންމެ ބޮޑު ރޯލެއް އަދާކުރެވޭނީ ޖޭއެސްސީއަށެވެ. އެހެންކަމުން އެ ކޮމިޝަނަކީ ނުފޫޒުން ވަރަށް ބޮޑަށް އެއްކިބާވެ، މިނިވަން މެންބަރުންތަކެއް އެކުލެވިގެންވާ ކޮމިޝަނަކަށް ވާން ޖެހޭނެ ކަމަށެވެ. އެކަން ކުރެވެން އޮތީ ގާނޫނު އަސާސީ ބަދަލުކޮށްގެންނެވެ.
ފަނޑިޔާގެތައް މިނިވަން ކުރުމަށް އެންމެ ބޮޑަށް މިހާރު ވެސް ގޮވާލަމުން ދަނީ އިދިކޮޅު ފަރާތްތަކުންނެވެ. އިދިކޮޅު މަޖިލިސް މެންބަރުންނެވެ. ނަމަވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތާމެދު ގާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅުން އެކި ފޯރަމްތަކުގައި ފާޑުވިދާޅުވެފައިވާއިރު ވެސް މަޖިލިސް މެންބަރުން އެ ގާނޫނު އިސްލާހުކުރުމަށް މަސައްކަތް ކުރައްވާ ތަނެއް ނުފެނެ އެވެ. އެ ބާރު އޮތީ އެ ބޭފުޅުންގެ އަތްމަތީގަ އެވެ. ސަރުކާރުން ވެސް ފަނޑިޔާރު ގެތަކަށް ނުފޫޒު ނުފޯރުވާ ކަމަށް ބުނަމުން އަންނައިރު މިފަދަ ތުހުމަތުގެ އިނގިލި ދިއްކުރެވޭ ކަމެއް އިސްލާހުކުރުމަށް މަސައްކަތް ކުރާ ތަން އެއްގޮތަކަށް ވެސް ނުފެނެ އެވެ. އެކަން އިސްލާހުކުރެވޭ ވަރުގެ ސުޕަ މެޖޯރިޓީއެއް ވެސް ސަރުކާރުގެ އަތުގައި އޮތެވެ. އަދި މިކަމަކީ ސަރުކާރުން ހުށަހަޅައިފިނަމަ އިދިކޮޅު މެންބަރުން ވެސް ތާއިދުކުރައްވާނެ ކަމެއް ކަމަށް އެ ބޭފުޅުންގެ ވާހަކަތަކުން ދޭހަވެ އެވެ.
ނަމަވެސް ނުފެންނަ މަންޒަރަކީ އެއީ އެވެ. އެއިރަކު މަޖިލީހުގައި އަގުލަބިއްޔަތު އޮންނަ ޕާޓީއެއްގެ ނުފޫޒު ޖޭއެސްސީއަށް އޮންނާނެ އެވެ. ފަނޑިޔާރުގެ ނުފޫޒުން އެއްކިބާކުރުމަށް ޖޭއެސްސީ އިސްލާހުކުރުމުގެ ބާރު ސިޔާސީ ބޭފުޅުންގެ އަތްމަތީ އޮތްއިރު، އަމިއްލަ މަންފާއަށް ނަމަވެސް އެކަން އިސްލާހު ނުކޮށް ތިބެއްޖެނަމަ އެއްވެސް ސަރުކާރެއް އޮތަސް ފަނޑިޔާރު ގެތައް މިނިވަންވާނެ ގޮތެއް ނެތެވެ. މިއީ މަޖިލިސް މެންބަރުން ވިސްނަންޖެހޭ ކަމެކެވެ. އެ ބޭފުޅުން މިކަން ވީއެންމެ އަވަހަކަށް އިސްލާހުކުރަންޖެހެ އެވެ.