ބޮލީވުޑް

"އުޅްތާ ޕަންޖާބު" އަށް ވުރެން ޝާހިދަށް މުހިންމީ އަންހެނުން

Jun 1, 2016
1

މިމަހުގެ 17 ވަނަ ދުވަހު ރިލީޒްކުރާ "އުޅްތާ ޕަންޖާބު" އަކީ ހުރިހާ ގޮތަކުން ވެސް ޝާހިދު ކަޕޫރަށް ހާއްސަ ފިލްމެކެވެ. އެންމެފަހުން ނިކުތް ފިލްމު "ޝާންދާރް" ފްލޮޕްވެފައިވާއިރު، މިފިލްމު ކާމިޔާބުވުމުން އޭނާގެ ކެރިއަރަށް މުހިންމެވެ.

"އުޅްތާ ޕަންޖާބު" ގެ ޓްރެއިލާ އަށް ބެލުންތެރިންގެ ތައުރީފުތައް ބަންޑުންކުރަމުން އަންނައިރު، އެންމެ ގިނައިން ތައުރީފުކުރަމުން އަންނަނީ ޝާހިދު އަށެވެ. އަދި މިފިލްމުގައި ޝާހިދު ކުޅެފައިވަނީ މީގެކުރިން ކުޅެފައިނުވާ ކަހަލަ ރޯލެއް ކަމުން ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ ލިސްޓަށް މިފިލްމުވެސް އަރަ އެވެ.

މިފިލްމުގެ ގިނަ މަންޒަރުތަކެއް ކަނޑައިގެން ނޫނީ ނުދެއްކޭނެ ކަމަށް ސެންސަރު ބޯޑުން ބުނަމުން އައި ނަމަވެސް ފިލްމުގެ ޕްރޮމޯޝަން ކަންތައްތައް އަންނަނީ ކުރިއަށެވެ.

ޝާހިދުގެ އިތުރުން ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރާއި އާލިއާ ބަޓް އަދި ދިލްޖިތް ދޮސަންޖް ލީޑްރޯލުން ފެނިގެންދާ މިފިލްމުގެ ޕްރޮމޯޝަން ކަންތައްތަކުގައި މާބޮޑަށް ބައިވެރިވުމުގެ ވިސްނުމެއް ޝާހިދުގެ ނެތްކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

ނޫސްތަކުގައިވާ ގޮތުން މިފިލްމު އުފެއްދި ފަރާތުން ވަނީ ފިލްމުގެ ލަވަތައް ޕްރޮމޯޓްކުރުމަށްޓަކައި އިންޑިއާގެ އެކި ސްޓޭޓްތަކުގައި މިއުޒިކް ކޮންސަޓް ތަކެއް ފިލްމުގެ ތަރިން ހިމަނައިގެން ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. ޝާހިދު މިފިލްމުގައި ފެނިގެންދަނީ ޒުވާނުންގެ މެދުގައި މަގުބޫލު ރޮކް ލަވަކިޔުންތެރިއެއްގެ ގޮތުން ކަމުން އޭނާ މިހަރަކާތްތަކުގައި ބައިވެރިވުން މުހިންމު ކަމަށް ފިލްމުގެ މިއުޒިކް ރައިޓްސް ވިއްކާލާފައިވާ ޒީ މިއުޒިކްގެ ފަރާތުން ވާހަކަދެއްްކި މީހަކު ބުނެފައިވާ ކަމަށްވެ އެވެ.

ފިލްމުގެ ޕްރޮމޯޝަންގެ ގިނަ ހަރަކާތްތަކުގައި ޝާހިދު ބައިވެރިވާން އިންކާރުކުރަމުން އަންނަ ކަމަށްވާއރު ސަބަބެއް ކަމަށް ވަނީ އޭނާގެ އަންހެނުން މީރާ ރާޖްޕުތް ފުރަތަމަ ދަރިފުޅަށް ބަލިވެއިނުމުން އަންހެނުންނާ އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ ކަމަށްވެ އެވެ. އެހެންކަމުން އަންހެނުން މިދަނޑިވަޅުގައި ދޫކޮށްލާފައި އެކި ސިޓީތަކަށް ފިލްމު ޕްރޮމޯޓްކުރަން ދާން ޝާހިދު ބޭނުންނުވަނީ އެވެ.

ނަމަވެސް މިފިލްްމުގެ އެއް ޕްރޮޑިއުސަރުން ކަމަށްވާ ބަލާޖީ މޯޝަންގެ ސީއީއޯ ވަނީ މިވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ވަނީ މިފިލްމު އެހެނިހެން ފިލްމުތައް ޕްރޮމޯޓްކުރާ ގޮތަށް ނުކުރާނެ ކަމަށާއި ފިލްމު ޕްރޮމޯޓްކުރުމަށް ދިއުމަށް ހަމަޖެހިފައިވަނީ ހާއްސަ ޝޯތަކާއި ތަންތަނަށް ކަމަށް ބުނެފަ އެވެ.

މިފިލްމު ޝާހިދު ޕްރޮމޯޓްކުުރުމަށް ބައިވެރިނުވާ ވާހަކަތައް ދެކެވެމުން އަންނައިރު އޭނާގެ އަންހެނުން މީރާ ވަނީ މިފަހުން ހޮސްްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާވެސްދީފަ އެވެ. ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ޝާހިދު ޔަގީންކޮށްދީފައިވަނީ "އުޅްތާ ޕަންޖާބު" ގެ ޓްރެއިލާ ލޯންޗްކުރުމަށް ބޭއްވި ހަފްލާގަ އެވެ.

މިހާރު ވެސް މިފިލްމުގައި ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން 40 މަންޒަރެއް ފިލްމުން އުނިކުރަން އެންގުމުން ފިލްމު ސެންސަރު ބޯޑުގައި ތާށިވެފައިވާއިރު، އެކަށީގެންވާ ވަރަށް ފިލްމު ޕްރޮމޯޓްނުކުރެވި ފިލްމު ކާމިޔާބު ނުވެއްޖެނަމަ މިފިލްމަކީ އަނެއްކާވެސް ޝާހިދުގެ ފްލޮޕް ފިލްތަކުގެ ލިސްޓަށް އިތުރުވެގެންދާނެ ބޮޅެކެވެ.