"ސު-ނީ..ތާ.... ޕަރައް ޕަރައް ޕަރައް."
މި ލަވައެއްގެ ވާހަކަ، ހަމަ ދައްކައި ނުނިމެނީ އެވެ. ނުވަތަ މި ލަވައެއްގެ ވާހަކަ ދެއްކުން ހުއްޓާލަން އެއް ބަޔަކު ބޭނުން ނުވަނީ އެވެ. ބަލައި ފޫހިވެސް ނުވަނީ އެވެ.
ތިން ދުވަސްވީއިރަށް މި ލަވައަކަށް ޔޫޓިއުބުގައި 25،000 އަށް ވުރެ ގިނަ ވިއުސް ލިބި، އެތައް ބަޔަކު މި ލަވައެއް ސޯޝަލް މީޑިއާގައި ޝެއާކޮށް، ތައުރީފު އޮއްސައި އެއިން ގިފް ހެދުމަކީ ނުދައްކައި ބާއްވާ ވަރަށް ވުރެ ބޮޑު ވާހަކަ އެކެވެ. ދިވެހި ސިނަމާ އަށް ނުވަތަ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ބަލާއިރު މިއީ ހަގީގަތުގައި ވެސް ފާހަގަކޮށްލަން ޖެހޭ ކާމިޔާބީއެކެވެ.
ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ގެ އުފަން ދުވަހާ ގުޅުވައިގެން އޭނާގެ ފޭނުންނަށް ދިން މި ވަފާތެރި އަދި އާދަޔާހިލާފު ހަދިޔާ އަކީ އިހަކަށް ދުވަހު އޮލިމްޕަސް ހިސޯރުކޮށްލައިގެން އުޅުނު އަގުބޮޑު ދިވެހި ފިލްމު "ވަފާތެރިކެހިވެރިޔާ" އަށް ވުރެން ވެސް ބޮޑު މަގްބޫލުކަމެއް އާންމުންގެ މެދުގައި ހޯދި އުފެއްދުމެކޭ ބުނެވިދާނެ އެވެ. ބަޔަކު ރުޅިއަޔަސް، އެހެން ބުނެވިދާނެ އެވެ.
ސޯޝަލް މީޑިއާގައި މިއަދު ވެސް އެނބުރެމުން އެދާ މި ލަވައިގެ "އެޕިކް" ގިފްތައް ވެސް މިކަމަށް ހެކިވެ އެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. -- ސުނީތާ އަލީ އަކީ ގައުމެއް ގުޑުވައިލެވޭ ވަރުގެ ސްޓާރެއްކަން އޭނާ މި ވަނީ ނިކަން ރަނގަޅަށް ސާބިތުކޮށްދީފަ އެވެ.--
ކޮންމެއަކަސް އެ ވާހަކައެއް ނޫނެވެ. މި ވީޑިއޯލަވަކުން އުފަންވި އެންމެ މަގްބޫލު ގިފަށް ބަލައިލަމާ ހިނގާށެވެ. ސުނީތާ ބުނަނީ އެ ގިފްގައި ފެންނަ "ގަމީސް އިރާލާ މަންޒަރު" ނުވަތަ އެ ސްޓީމީ ޑާންސް މޫވަކީ މުޅި ލަވައިގެ ވެސް އެންމެ ހާއްސަ އެއް މޫވް ކަމަށެވެ.
ވަކިން ހާއްސަކޮށް، ސުނީތާގެ ކެރިއަރުގެ އެންމެ ހާއްސަ ޑާންސް މޫވަކީ ވެސް އެއީ ކަމަށެވެ.
ގަމީސް އިރައި، ވީދައި، ކުދިކުދިނުކުރާ ޝޯއެއް ނުދޭ!
މައިކަލް ޖެކްސަންގެ ޓްރޭޑްމާކް މޫވަކީ، މޫން ވޯކް ކަމުގައި ވަނީ ނަމަ، ސުނީތާގެ ޓްރޭޑް މާކް މޫވަކީ މިއީ އެވެ. އޭނާ ބުނަނީ 20 އަހަރުވީ ދިގު ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ މި އާދަޔާހިލާފު މޫވެއް ޖައްސައިގެން ގަމީސް އިރާލުމުގައި ކަމަށެވެ.
"ސްޓޭޖު ޝޯތަކުގައި އެގޮތަށް ގަމީހެއް އިރާނުލާ ޝޯއެއް ނުދާނެ ހަގީގަތުގައި. އެހެންވީމަ ގަމީސް އިރާލީއޭ ކިޔާފައި އަޅުގަނޑަކަށް ޖޯކެއް ނުޖެހޭނެ،" ސުނީތާ ބުނަން އޮތް ވާހަކަ އަކީ މިއީ އެވެ.
ސުނީތާ ބުނަނީ ޝޯތަކުގައި އެގޮތަށް ފޯރިއަރައިގަނެގެންގޮސް އިރާލެވުނު ގަމީސްތަކުގެ އަދަދު ވެސް ނޭނގޭ ކަމަށެވެ.
"ގަމީސް އެގޮތަށް އިރާލެވުނު އަދަދެއް ވެސް ނޭނގޭ. ގަމީސް އިރާލުން އެއީ އަޅުގަނޑުގެ ޝޯތަކުގައި ރަސްމީ ކަމެއް. ޓްރޭޑް މާކް މޫވެއް ގަމީސް އިރާލުން އެއީ،" ސުނީ ބުންޏެވެ.
އޭނާ ބުނީ މި މޫވެއް އޭނާ އަށް ދަސްވީ ބަނޑޮހުގައި، އެ ރިސޯޓްގެ ސްޓާފް ޝޯއެއްގެ ތެރެއިން 2001 ވަނަ އަހަރު ކަމަށެވެ.
"ބަނޑޮހުގައި 2001 ވަނަ އަހަރު ބޭއްވި ސްޓާފް ޕާޓީއެއްގައި ހެޕަނިން ވެގެެން ގޮސް ގަމީސް އެންމެ ފުރަތަމަ އެގޮތަށް އިރާލެވުނީ،" ސުނީ ކިޔައިދިނެވެ.
އެހެންވީމަ މިހައި ހިސާބުން އެންމެން ވެސް ވަގުތުކޮޅެއް ހޯދާލައިގެން، ގަމީސް އިރާލުމުގެ މި އާދަޔާހިލާފު ސިލްސިލާ އަށް އަތެއް ޖަހާލަމާ ހިނގާށެވެ.
މި ލަވަ އަށް ނެގެޓިވް ކޮމެންޓެއް ނުލިބޭ!
"ހަމަ ނުލިބޭ އެއްވެސް ވަރަކަށް،" އުފަން ދުވަހަށް ހާއްސަކޮށްގެން އަމިއްލަ އަޑުން ރިކޯޑްކޮށް އަމިއްލަ ޓްރޭޑްމާކް މޫވްސްތަކާ އެކު ނެރުނު "ސުނީތާ އޯމައި ޑާލިން" އަށް އޮހެމުންދާ ހިޔާލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސުނީ ބުނީ މިހެންނެވެ.
"އަސްލު ވަރަށް އުފާވި. ޕޮޒިޓިވް ކޮމެންޓްސް އެންމެން ވެސް ދެނީ. އެންމެން ވެސް ބުނަނީ ޕްރައުޑްވެއޭ. އަންހެނަކަށްވީތީ ފަހުރުވެރިވަމޭ އަންހެނުން ގުޅާލާފައި ވެސް އެބަބުނޭ."
މިއަށްވުރެ ވަކިން ބޮޑު އުފާވެރިކަމެއް މީހަކަށް ދެން ލިބޭނެ ހެއްޔެވެ؟ ސުނީތާ މި ވަނީ ހިތްތަކުގެ ޑާލިންއަކަށް ބަދަލުވެފަ އެވެ.
އެހެން ނޫނަސް އޭނާ ބުނަނީ ކޮންމެ ލަވައެއް ވެސް ދޫކޮށްލާއިރު މިވަރުގެ ބޮޑު ސަމާލުކަމަކާއި މަގްބޫލުކަމެއް ލިބޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށެވެ. އަދި މީހުން އޭނާއާ ދިމާކޮށްލުމުގެ ގޮތުން ފާޑުކިޔަސް މައްސަލައެއް ނެތް ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑަށް ހަމަ ރަނގަޅީ އެކަހަލަ ޖިފްތަކާ އެއްޗެހި ގިނައިން ހެދި ވަރެއް. އަހަންނަށް މައްސަލައެއް ނެތް އޭގައި. ކޮންމެ ލަވައެއް ދޫކޮށްލާއިރު ވެސް އެނގޭ މީހުންގެ މެދުގައި މިވަރުވާނެކަން،" ސުނީ ބުންޏެވެ.
"ރައްޓެހިންކައިރީގައި ވެސް ބުނެފައި އޮންނާނީ މީހުން އެގޮތަށް ކިޔާ އެއްޗިއްސަށް އަޅާ ނުލައްޗޭ."
ސުނީ ބުނީ އޭނާ ކުރާ ކޮންމެ ކަމަކަށް ވެސް ވަރަށް ބޮޑު މަގްބޫލުކަމެއް ލިބޭ ކަމަށާއި ގޯހެއް ހެދޭ އިރަށް ވެސް ވަރަށް ފަސޭހައިން ސޯޝަލް މީޑިއާގައި ވައިރަލްކޮށްލާ މީހަކަށް އޭނާ މިއަދު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މިފަހުން އޭނާގެ ފޭސްބުކް ޕޯސްޓެއްގައި އިން ސްޕެލިން މިސްޓޭކެއްގައި ހިފައި ދަމައިގެން އުޅުނު މައްސަލައެއް ވެސް އޭނާ ފާހަގަކުރި އެވެ.
ސުނީތާ ބުނީ އޭނާގެ އައިޑޮލް، ޕްރިޔާންކާ ޗޯޕްރާ އަށް ވެސް ސްޕެލިން މިސްޓޭކްސް ޖެހޭ ކަމަށެވެ. އެހެންވީމަ އޭނާ އަށް އަދި ސްޕެލިން މިސްޓޭކެއް ޖެހުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ.
"މިސާލަކަށް ސްޕެލިން މިސްޓޭކެއް ހުއްޓަސް ވައިރަލްވޭ. އެކަމަކު އެއީ އެހާ ބޮޑު މިސްޓޭކެއް ވެސް ނޫން. އެކި މީހުން ލިޔާއިރު ވެސް މިސްޓޭކްސް ހުރޭ. ޕްރިޔާންކާ ލިޔާއިރު ވެސް ހުރޭ ސްޕެލިން މިސްޓޭކްސް،" ސުނީ ބުންޏެވެ.
ހިތްދީވާނާ ސިލްސިލާ ނިމޭނީ ޕްރިޔާންކާގެ އަތަށް!
ސުނީތާގެ ހުވަފެނަކީ މިއީ އެވެ. މި ހުވަފެނެއް ކާމިޔާބުނުވާނެއޭ ކިޔާފައި އެއްވެސް މީހަކު އޭނައާ ދިމާކުރަން ނަހަދައްޗެވެ. އެންމެފަހުން ވެސް މި ރާއްޖޭގެ ބަޔަކު މީހުން އޭނާއާ މިގޮތަށް ޖައްސާލީމާ، ޕްރިޔާންކާ މި ރާއްޖެ އައިސް ހުރިހައި ދިވެހިންގެ ކުރިމަތީގައި ސުނީތާ އުރާލީ އެވެ.
ކިހިލީގައި ޖަހައިގެން ނުގެންދިޔަކަން ނަސީބެއް ނޫން ހެއްޔެވެ! އެހެން ނަމަ، މިއޮތް ފަދަ ޑިޕްރެސްޑް ކޮންކްރީޓް ޖަންގަލީގައި އަހަރެމެން ހެއްވާލަދީ، މުނިފޫހިފިލުވައިދޭނީ ކާކު ހެއްޔެވެ؟
ސުނީތާ އެންމެފަހުން ގެނެސްދިން ލަވަ އަކީ އޭނާގެ "ހިތްދީވާނާ" ސިލްސިލާގެ ހަތް ވަނަ އުފެއްދުމުގެ ފެށުމެވެ. އޭނާ ބުނަނީ ޕްރިޔާންކާގެ އަތަށް މި ސިލްސިލާގެ ސީޑީއެއް ހަދިޔާނުކުރެވެނީސް މިއަށް ނިމުމެއް ނެތް ކަމަށެވެ.
"އަދި ޕްރިޔާންކާއާ އެކުގައި ނަށާލަން ވެސް ޖެހޭނެއެއް ނޫން،" ސަމާސާ ރާގަކުން ސުނީ ނިންމާލި އެވެ.