ބޮލީވުޑް

ދެން ކުޅޭނެ ބޮލީވުޑް ފިލްމުތައް ކުރިއަށް އޮތް 10 ދުވަސްތެރޭ ޕްރިޔަންކާ ނިންމާނެ

Jun 1, 2016

ހޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވަނީ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" އާއި ކުޅެމުންް އަންނަ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" ގެ ފުރަތަމަ ސީޒަންގެ އެޕިސޯޑްތައް ނިންމާލުމަށްފަހު 10 ދުވަހު ޗުއްޓީ އަކަށް އިންޑިއާއަށް އައިސްފަ އެވެ.

"ކުއަންޓިކޯ" ކުޅެން ފެށިފަހުން ޕްރިޔަންކާ ކުޅެފައިވަނީ ހިންދީ އެންމެ ފިލްމެކެވެ. އެއީ މިދިޔަ އަހަރު ރިލީޒްވި ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" އެވެ. ނަމަވެސް ޕްރިޔަންކާގެ ފިލްމަކަށް އެންމެފަހުން ރިލީޒްވެފައިވާ ހިންދީ ފިލްމަކީ މިއަހަރު ނިކުތް "ޖެއި ގަންގާޖަލް" އެވެ.

ވޭތުވެދިޔަ ދިހަ މަސްދުވަހުން ފެށިގެން "ކުއަންޓިކޯ" އާއި "ބޭވޮޗް" ގެ ޝޫޓިންގައި ބުރަކޮށް އުޅެން ޖެހުމުން ޕްރިޔަންކާ އިތުރު ބޮލީވުޑްގެ ފިލްމެއް ކުޅެން ސޮއިކޮށްފައެއް ނުވެ އެވެ. ނަމަވެސް ޗުއްޓީ އަށް އިންޑިއާ އަށް އައިސް ޕްރިޔަންކާ ވަނީ މި ދިހަ ދުވަހުގެ ތެރޭގައި ދެން ކުޅޭނެ ހިންދީ ފިލްމުތައް ނިންމާނެ ކަމަށް ބުނެފައިވެ އެވެ.

"އަދި ކުޅޭނީ ކޮން ފިލްމުތަކެއް ކަން ކަނޑައެއް ނާޅަން. އެކަމަކު މިފަހަރު ކުޅޭނެ ފިލްމުތައްް ނިންމާނަން" ޕްރިޔަންކާ ބުނެފައި އެވެ.

ޕްރިޔަންކާ އެލެކްސް ޕްރިޝް ނަމަކަށް ކިޔާ އެފްބީއައި އެޖެންޓެއްގެ ރޯލު ކުޅޭ "ކުއަންޓިކޯ" ގެ ދެވަނަ ސީޒަންގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.

ޕްރިޔަންކާ ޗުއްޓީ އަށް އިންޑިއާއަށް އައިއިރު "ކުއަންޓިކޯ" ގައި އޭނާ އާއެކު ފެނިގެންދާ ޔާސްމިން އަލް މަސްރީ ވެސް ވަނީ އައިސްފަ އެވެ.

ހޮލީވުޑަށް ޕްރިޔަންކާ ދިޔަ ފަހުން އޭނާގެ މަގުބޫލުކަން ބޮޑުވެގެން ގޮސްފައިވާއިރު ޕްރިޔަންކާ އަށް ވަނީ ބޮޑެތި ކާމިޔާބުތަކެއް ވެސް ލިބިގެން ގޮސްފަ އެވެ. އެގޮތުން ޕްރިޔަންކާ ޓައިމް މެގަޒިންގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ހިމެނިގެން ގޮސްފައިވާއިރު، 'ކުއަންޓިކޯ" އިން ޕީޕަލްސް ޗޮއިސް އެވޮޑްގެ އެންމެ ފޭވަރިކްޓް އެކްޓްރެސްއަކަށް ވެސް ހޮވިފަ އެވެ. އަދި އެމެރިކާގެ ރައީސްގެ ދެކަނބަލުން ދެއްވި ހާއްސަ ފަރީކޮޅެއްގައި ވެސް ޕްރިޔަންކާ ވަނީ ބައިވެރިވެފަ އެވެ.