ފިނިޕޭޖް

ރަވީއާ އެކު ހައުސިން މިނިސްޓްރީ މިފަހަރު މާ ވަރުގަދަ

ނޭޝަނަލް ސެންޓާ ފޯ އާޓްސްގެ އޮފީސްތަކުގެ ޓެލެ ޑްރާމާ މުބާރާތަށް އިންތިޒާރުކުރާ މީހުން މިއަހަރުވެސް މަދެއް ނުވާނެ އެވެ. އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު މިދިޔަ އަހަރު އަލުން އެ މުބާރާތް ފެށުމަށްފަހު މިއަހަރުގެ ރޯދަމަހުވެސް އެ މުބާރާތް ކުރިއަށް ގެންދަން އެންސީއޭ އިންވަނީ ނިންމާފަ އެވެ.

އިންތިޒާރުގެ ގަޑިތައް ގުނާ ޑްރާމާ އަންނަ ގަޑިއަށް ވަގުތު ހުސްކޮށް ރޯދަ މަހުގެ "ބިޒީ ޝެޑިއުލް" ރާވައިގެން ތިބި މީހުން މަދެއް ނޫނެވެ. އެންމެންވެސް އުފައްދާ ސުވާލެއް އެބައޮތެވެ. މިފަހަރުވެސް މިދިޔަ އަހަަރުގެ ޑްރާމާތައްހާ ތަފާތު ރީތި ޑްރާމާތަކަކށް ވާނެ ހެއްޔެވެ؟ ހާއްސަކޮށް ހައުސިން މިނިސްޓްރީގެ ޑްރާމާއަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެކަން ގައިމެވެެ.

މިދިޔަ އަހަރުވެސް އެއް ވަނަ އެމިނިސްޓްރީން ހޯދާފައިވާއިރު މިއަހަރުވެސް އެފެންވަރުގެ ޑްރާމާއެއް ގެނެސްދޭނެ ކަމަށް ގިނަ ބަޔަކު މިހާރުވެސް ތިބީ "ތެޔޮ ލައިގެންނެ" ނެވެ.

މިދިޔަ އަހަރުވެސް ހައުސިން މިނިސްޓްރީގެ "އެއްފަސް" ޑައިރެކްޓް ކޮށްފައިވާ ރަވީ ފާރޫގު މިއަހަރުގެ ޑްރާމާ ޑައިރެކްޓް ކުރުމަކީ އެކަމަށް އެންމެ ބޮޑަށް އުންމީދުކުރެވޭ އެއް ސަބަބެވެ. ރަވީ އަކީ އެ ޑައިރެކްޓަރެއްގެ މަސައްކަތަށް އެއްވެސް ޝަކުވާއެއް ކުރާނެ ފުރުސަތު ނުދޭނެހާ ފުރިހަމައަށް މަސައްކަތް ނިންމާ ކުޅަދާނަ މޮޅު ޑައިރެކްޓަރެކެވެ.

މަސައްކަތާ ދޭތެރޭ ރަވީ ހުރީ ވަރަށް ބޮޑަށް ހިން ހަމަޖެހިފަ އެވެ. މިފަހަރު ހައުސިން މިނިސްޓްރީން ގެނެސްދެނީ "ގެދޮރުވެރި" އެވެ.

"މިއީ ވަރަށް ޓަފު އެކްސްޕީރިއަންސެއް. މި ޕްރޮޖެކްޓަށް އަހަރެންގެ ބެސްޓު ދިނިން، ވަރަށް ހިންހަމަ ޖެހިފައި މިހިރީ މަސައްކަތާ ދޭތެރޭ، އަދި މީގެ އިތުރުން އަބުދުﷲ ޝިވާޒް (މާސްކޭ)ގެ ޕާފޯމެންސް އާ ދޭތެރޭވެސް ވަރަށް ހިންހަމަޖެހޭ" ރަވީ ބުންޏެވެ.

ރަވީ ބުނީ މި ޑްރާމާގައި ފެނިގެން ދާނީ ހަ ތަރިން ކަމަށާއި މި ޑްރާމާއަކީ އެންމެ ދުވަހެއް ދައްކަައިދޭ ކަމަށެވެ. މި ޑްރާމާ އަކީ ބޯ ހިޔާވަހިކަމުގެ މައްސަލައަށް އަލި އަޅުވާލައިގެން ހަދާފައިވާ ޑްރާމާ އެކެވެ. ޑްރާމާގެ ވާހަކައިގެ މާބޮޑު ތަފްސީލަކަށް ދިއުމީ ޑްރާމާ ސްޕޮއިލް ކޮށްލުން ނޫން ކަމަކަށް ނުވާނެ އެވެ. މިއީ އަހްމަދު ޒަރީރްގެ ވާހަކައަކަށް ބިނާކޮށްފައިވާ ޑްރާމާ އެކެވެ. ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީވެސް ޒަރީރް އެވެެ.

ރާއްޖޭގެ ފިލްމީ ދާއިރާއަށް އޮފީސްތަކުގެ ޑްރާމާ މުބާރާތް ވަނީ ބޮޑު އިންގިލާބެއް ގެނެސްފަ އެވެ. އަދި އެތައް ތަރިންނެއް ފިލްމް އިންޑަސްޓްރީ އާ ގުޅިފައިވެ އެވެ.

މިފަހަރުގެ އޮފީސް ޑްރާމާ މުބާރާތުގައި ހަ އޮފީހަކުން ބައިވެރިވެފައިވާ އިރު އެއްވަނަ އަށް މިފަހަރުވެސް ދޭން ނިންމާފައިވަނީ ބައި ލައްކަ ރުފިޔާ އެވެ. އެންމެ މޮޅު އެކްޓަރާއި އެކްޓްރެސް އަށް 15،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށް އެންސީއޭ އިން މައުލޫމާތުދެ އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރާއި އެކްޓްރެސް އަށް 10،000 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމާފަ އެވެ. ޖުމްލަ އަށް ކެޓަގަރީއަކުން ވަނީ އެވޯޑްދޭން ނިންމާފަ އެވެ.

އޭގެ ތެރޭގައި އެންމެ މޮޅު ޑްރާމާ، އެންމެ މޮޅު އެކްޓާ/ އެކްޓްރެސް، އެންމެ މޮޅު ސަޕޯޓިން އެކްޓާ/ އެކްޓްރެސް، އަދި ބެލުންތެރިނަަށް އެންމެ ކަމުދިޔަ އެކްޓާ/ އެކްޓްރެސް ހިމެނެ އެވެ. ބެލުންތެރިނަށް އެސްއެމްއެސް ކުރުމުގެ ފުުރުސަތުވެސް ހުޅުވާލާފައިވާއިރު ތިން ޖަޖުން ހިމެނޭ ހާއްސަ ޕެނަލެއްވެސް އެންސީއޭ އިން ވަނީ އައްޔަނުކޮށްފަ އެވެ.

މިފަހަރުގެ ޑްރާމާ މުބާރާތުގައި ޖުމްލަ ހަ އޮފީހަކުން ބައިވެރިވެފައިވެ އެވެ.