ހަބަރު

ކާރިސާތަކަށް ރައްޔިތުން އެލާޓް ކުރާ އާ ސޮފްޓުވެއާ އަކަށް މީހުން ހޭލުންތެރިކުރަނީ

ކާރިސާތަކަށް ރައްޔިތުން ތައްޔާރުކުރުމަށް ކާރިސާގެ ވަގުތުގައި ރައްޔިތުންނާ ހަމަޔަށް މެސެޖާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޑިޒައިން ކޮށްފައިވާ ސޮފްޓުވެއާ އަކަށް ކަމާބެހޭ މުއައްސަސާތައް އަހުލުވެރިކުރުމާ ބެހޭ ޕްރޮގްރާމެއް ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރާއި މޯލްޑިވެސް މީޓޮއޮރޮލޮޖިކަލް ސާވިސް ގުޅިގެން މިއަދު ފަށައިފި އެވެ.

"ކޮމޮން ޕްރޮޓޮކޯލް" ގެ ނަމުގައި ބޭނުންކުރާ އެ ސޮފްޓުވެއާ އަކީ ދުނިޔޭގެ މުއާސަލާތީ ޖަމިއްޔާ (އައިޓީޔޫ) އާއި ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާ، ވޯލްޑް މީޓިއޮރޮލޮޖިކަލް ސާވިސް އިން ކަނޑައަޅާފައިވާ ހުރިހާ ވައްތަރެއްގެ ކާރިސާތަކުގެ ހަބަރު ފޮނުވުމަށް މުއާސަލާތީ ވަސީލަތްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެކެވެ. އެ ސޮފްޓުވެއާއަކީ މިހާރުވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޭނުންކުރަމުންދާ ސޮފްޓުވެއާ އެކެވެ. ރާއްޖޭގައިވެސް މެޓް އޮފީހާއި ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުގައި އެ ސޮފްޓުވެއާ ދަނީ މިހާރުވެސް ބޭނުންކުރަމުންނެވެ.

މިއަދު ފެށި ވޯކްޝޮޕާ ބެހޭގޮތުން މީޑިއާ އަށް މައުލޫމާތުދެއްވަމުން ޑިސާސްޓާ މެނޭޖްމަންޓުގެ ޕްރޮޖެކްޓް މެނޭޖާ ހިސާން ހަސަން ވިދާޅުވީ، ކާރިސާއެއް ހިނގަން އުޅޭކަމުގެ އެލާޓް ލިބުމުން އެކަމަށް ރައްޔިތުން ތައްޔާރުކޮށް އެކަށީގެންވާ ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. ވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ ބެހިފައި އޮތުމުން އެކަން ކުރުން މީގެ ކުރިން ވެފައި އޮތީ ވަރަށް ދެރަވަރުކޮށް ކަމަށާއި ކޮމޮން ޕްރޮޓޮކޯލް ސޮފްޓްވެއާގެ ޒަރީއާއިން ރައްޔިތުންނަށް ކާރިސާގެ ވަގުތުގައި މެދުނުކެނޑި މައުލޫމާތާއި އިރުޝާދު ލިބޭނެ ގޮތް ފަހިވެގެންދާނެ ކަމަށެވެ.

"މި ސޮފްޓްވެއާ މެދުވެރިކޮށް ރަށްޔިތުންގެ ފޯނުތަކަށް އަޅުގަނޑުމެންނަށް މެސެޖްތައް ފޮނުވޭނެ. އެލާޓް ކުރެވޭނެ. ކާރިސާގެ ވަގުތުގައި ކަން ކުރަންވީ ގޮތުގެ އިރުޝާދު ފަސޭހަކަމާއެކު ފޮނުވޭނެ މީހާ ކޮންމެ ހިސާބެއްގައި ހުރި ކަމުގައި ވީނަމަވެސް،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮމޮން ޕްރޮޓޮކޯލް ސޮފްޓުވެއާ ބޭނުންކޮށްގެން ރައްޔިތުންނަށް މެސެޖް ފޮނުވާނީ ހަމައެކަނި ގުދުރަތީ ކާރިސާތަކާ ގުޅިގެން އެކަނި ނޫން ކަމަށެވެ. އަލިފާނުގެ ހާދިސާ ފަދަ ހާދިސާ ތަކުގައިވެސް އެ ހާދިސާއެއްގެ އަސަރު ކުރާނެހެން ހީވާ ހުރިހާ ހިސާބަކަށް އެލާޓް މެސެޖު ފޮނުވޭނެ ކަމަށެވެ.

ކޮމޮން ޕްރޮޓޮކޯލް ސޮފްޓްވެއާ ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ގާއިމްކުރަން ނިންމާފައިވާއިރު، އަންނަ އޮގަސްޓް މަސް ހާތާނގައި އެމަސައްކަތް ނިމޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.