ދުނިޔެ

މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އަނެއްކާވެސް ޖަލަށް

މެލޭޝިއާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރުގެ ނައިބު އަންވަރު އިބްރާހިމްގެ މައްޗަށް ދަށު ކޯޓުގައި ސާބިތުވެފައިވާ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އަންވަރުގެ މައްޗަށް ސާބިތުވެފައި ވަނީ އޭނާއާ އެކު އުޅޭ ފިރިހެނަކާ އެކު ޖިންސީ ގުޅުން ހިންގުމުގެ ކުށެވެ. އަންވަރު އިންކާރު ކުރައްވާ މި އަމަލާ ގުޅިގެން ހުކުމް ކޮށްފައި ވަނީ ފަސް އަހަރަށް ޖަލަށް ލުމަށެވެ. ނަމަވެސް ފަހުން ވަނީ ހައި ކޯޓުން 2012 ވަނަ އަހަރު ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. ނަމަވެސް އަނެއްކާވެސް މިދިޔަ އަހަރު އިސްތިއުނާފް ކޯޓުން ވަނީ މި ހުކުމް ބާތިލްކޮށް އަންވަރު ފަސް އަހަަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

މެލޭޝިއާގެ އެންމެ މަތީ ކޯޓް ކަމަށްވާ ފެޑެރަލް ކޯޓުން މިއަދު ދަށު ކޯޓުގެ ހުކުމް ދެމެހެއްޓުމާ އެކު އަންވަރު އަލުން ޖަލަށް ވަޑައިގަންނަވަން ޖެހޭނެ އެވެ. ނަމަވެސް ޖަލުގައި ހޭދަކުރައްވަން ޖެހޭނެ މުއްދަތެއް ކަނޑައަޅާނީ ފަހުންނެވެ.

ހުކުމް އިއްވުމުގެ ކުރިން އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި އަންވަރު ވިދާޅުވެފައި ވަނީ ރަނގަޅު ގޮތަކަށް ހުކުމް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޖަލަށް ދާން ޖެހުމަކީ މެލޭޝިއާ އަށް މިނިވަންކަމާއި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އަދާކުރަންޖެހޭ ކުޑަ އަގެއް ކަމަށް ވިދާޅުވެފައިވެ އެވެ.

"އެެެއީ ފަސް އަހަރު ނުވަތަ ދިހަ އަހަރު ވިޔަސް މައްސަލައެއް ނެތް. އަޅުގަނޑު މި ހުރީ އެ މީހުންނާ ދެކޮޅަށް ތެދުވެ. އެ މީހުން އަޅުގަނޑުގެ މައްޗަށް 20 އަހަރުގެ ހުކުމެއް ކުރިޔަސް ފަރުވާލެއް ނެތް،" އަންވަރު ވިދާޅުވެފައިވެ އެވެ.

މެލޭޝިއާ އަށް 1957 ވަނަ އަހަރު މިނިވަންކަން ލިބުނީންސުރެ އެ ގައުމުގައި ވެރިކަންކުރާ ޔުނައިޓެޑް މެލޭސް ނެޝަލަން އޯގަނައިޒޭޝަން އަށް އޮތް އެންމެ ބޮޑު ބިރު ކަމަށް ވެފައި ވަނީ އަންވަރެވެ. ވެރިކަންކުރާ ޕާޓީ އަށް އިންތިހާބުތަކުގައި ލިބޭ ތާއީދު ކުޑަވަމުން ދާއިރު އަންވަރުގެ ޕާޓީ އަށް ދަނީ ތާއީދު އިތުުރުވަމުންނެވެ.

އެއް ޖިންސުން ގުޅުން ހިންގުމުގެ މި ކުށުގައި ޖަލަށް ވަޑައިގަންނަވަން ޖެހިފައި ވާއިރު ބޮޑުވަޒީރު ކަމުގެ ނައިބު ކަމުން 1998 ވަނަ އަހަރު ވަކިކޮށްފައި ވަނީ ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތަކާ އެކުގަ އެވެ. އެފަހަރު މަގާމުން ވަކިކުރި ފަހުން އަންވަރުގެ ގޭގައި އުޅޭ ޑްރައިވަރަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި ހަ އަހަރު ވަނީ ޖަލުގައި ހޭދަކުރަން ޖެހިފަ އެވެ. މިނިވަން ވެފައި ވަނީ 2004 ވަނަ އަހަރު ކޯޓުން ހުކުމް ބާތިލް ކުރުމުންނެވެ.