ބޮލީވުޑް

އާލިއާ އާއި ޝްރަދާ ވަރުން އަށްޓަކައި

Jun 3, 2016

މީގެ 19 އަހަރު ކުރިން ސުޕަސްޓާ ސަލްމާން ޚާން ޑަބަލް ރޯލުން ފެނިގެން ގޮސްފައިވާ ފިލްމު "ޖުޅްވާ" ގެ ދެވަނަ ބައެއް އުފެއްދުމަށް އެފިލްމު ޑައިރެކްޓްކުރި ޑޭވިޑް ދަވަން އާއި ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާ ވަނީ ނިންމާފަ އެވެ.

"ޖުޅްވާ 2" އުފެއްދުމަށް ޑޭވިޑް އާއި ސާޖިދު މިހާރު މަސައްކަތް ކުރަމުން އަންނައިރު، މިފިލްމުގެ ބަތަލެއްގެ ރޯލަށް ހަމަޖައްސާފައިވަނީ ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަން އެވެ.

މިހާރު ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަ މިފިލްމުގެ ބަތާލާއިންގެ ރޯލަށް ޒުވާން ދެތަރިން ކަމަށްވާ ޝްރަދާ ކަޕޫރާއި އާލިއާ ބަޓް ހަމަޖައްސާފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

މިފިލްމަކީ ވަރުން އާއި އާލިއާ އެކުގައި ކުޅޭ ހަތަރު ވަނަ ފިލްމެވެ. މިދެތަރިން ބޮލީވުޑަށް އެކުގައި "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ތައާރަފުވެފައިވާއިރު، އޭގެފަހުން ވަނީ "ހަމްޕްޓީ ޝަރްމާކީ ދުލްހަނިޔާ" އިން ވެސް ފެނިގެން ގޮސްފަ އެވެ. މިހާރު މިދެތަރިން އަންނަނީ އެފިލްމުގެ ދެވަނަ ބައި "ބަދްރިނާތް ކީ ދުލްހަނިޔާ" ޝޫޓްކުރަމުންނެވެ.

އަދި "ޖުޅުވާ 2" މިއީ މިދިޔަ އަހަރު ނިކުތް "އޭބީސީޑީ 2" އަށް ފަހު ވަރުން އާއި ޝްރަދާ އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމެވެ.

ވަރުން އާއެކު އާލިއާ އާއި ޝްރަދާ މިފިލްމުން ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވެން ފަށާފައިވާއިރު، މިފަހުން ވަނީ އާލިއާ އާއި ޝްރަދާގެ ދެމެދުގައި ފިނި ހަނގުރާމައެއް ފެށިގެން އުޅޭކަމުގެ ވާހަކަތަކެއްވެސް ދެކެވެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ވަރުން ޑަބަލް ރޯލުން ފެނިގެންދާ "ޖުޅްވާ 2" ވެގެން ދާނީ ޑޭވިޑް، ދަރިފުޅު ވަރުން އާއެކު އުފައްދާ ދެވަނަ ފިލްމަށެވެ. ފުރަތަމަ ފިލްމަކީ "މޭ ތެރާ ހީރޯ" އެވެ.

މިފިލްމުގެ ފުރަތަމަ ބައުގައި ސަލްމާން އާއެކު ބަތަލާއިންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ކަރިޝްމާ ކަޕޫރާއި ރަމްބާ އެވެ.