ހަބަރު

މުރަކަ ހުދުވުން އިންތިހާއަށް! ރާއްޖޭގެ ފަރުތައް ހަލާކުވުމުގެ ބިރު

  • މުރަކަ ހުދުވުގެ މައްސަލަ ކުރިމަތިވީ، އެލްނީނޯގެ ސަބަބުން
  • މަރުވާ މުރަކަތައް އަލުން ރަނގަޅުވާން އެތައް އަހަރެއް ނަގާނެ
  • 1998 ވަނަ އަހަރު ރާއްޖޭގެ ފަރުތަކުގެ 80 ޕަސެންޓް މަރުވި

ދުނިޔޭގެ މޫސުމަށް އައި ބޮޑު ބަދަލާއެކު 1998 ވަނަ އަހަރު އާދަޔާ ހިލާފަށް ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކުގެ 80 ޕަސެންޓް މުޅިން ހަލާކުކޮށްލި އެވެ. އެލްނީނޯގެ ސަބަބުން ރާއްޖޭގެ ގިނަ ފަރުތަކެއްގެ ދިރުން ގެއްލި މުރަކަތައް މަރުވީ އެވެ. މީގެ އަށާރަ އަހަރު ކުރިން ލިބުނު އެ ގެއްލުމުން ބައެއް ފަރުތައް އަދިވެސް ސަލާމަތް ނުވެގެން އުޅެނިކޮށް އަނެއްކާވެސް ރާއްޖޭގެ ފަރުތަކަށް މިވަނީ އެލްނީނޯގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ.

އޭރު އުފެދުނު އެލްނީނޯ އަށްފަހު އެފަދަ އެލްނީނޯއެއް އެންމެ ފަހުން އުފެދުނީ މިދިޔަ މާޗް މަހާއި އޭޕްރިލް މަހުގެ ތެރޭގަ އެވެ. އެ އެލްނީނޯގެ އަސަރުވެސް އެންމެ ބޮޑަށް ކޮށްފައިވާ ފަރުތަކުގެ ތެރޭގައި ރާއްޖޭގެ ފަރުތައް ހިމެނޭ ކަމަށް، ދުނިޔޭގެ ކަނޑު އަޑީގެ ދިރުންތައް ދިރާސާ ކުރާ އޯޝަން އެޖެންސީއާ ހަވާލާދީ ދަ ގާޑިއަން ނޫހުގައި މި ވަނީ ބުނެފަ އެވެ.

މީގެ އަށާރަ އަހަރު ކުރިން ދިމާވި އެލްނީނޯގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގެ ކަނޑުގެ ދިރުންތަކަށް އަސަރުކޮށްފައިވާއިރު، އެފަދަ ކަންކަން މިހާރުވެސް ދިރާސާކުރަމުންދާ އޯޝަން އެޖެންސީގެ ސައިންޓިސްޓެއް ކަމަށްވާ ރިޗަޑް ވިވާސް ވިދާޅުވެފައިވަނީ، "ރާއްޖޭގެ ފަރުތަކަށް ދިމާވެފައިވާ ބްލީޗިން [ފަރުތައް ހުދުވުން] ގެ އަސަރުތައް ފެންނަނީ ވަރަށް ބިރުވެރިކޮށް،" ކަމަށެވެ.

"މިހާ ރީއްޗަށް ފަރުތައް ހުދުވެފައިވާ މަންޒަރެއް ފެނުމަކީ އާންމުކަމެއް ނޫން. މި ފަރުތަކަކީ ބިއްލޫރި ކޮޅެއްހާ ސާފު މޫދެއްގައި ވަރަށް ސިއްހަތު ރަނގަޅުކޮށް ހުރި ފަރުތަކެއް. މި ފަރުތަކުގެ މުރަކަތަކުގެ މަސްތައް މިހާރު މިވަނީ އެއްކޮށް ގޮސްފައި. މިހާރު މި ފެންނަނީ މަރުވެފައިވާ މުރަކަތަކެއްގެ ކަށިތަކެއް، އެ ސާފު ރީތި މޫދުގެ ތެރެއިން ލޮލުގެ ކޮޅަށް ވެސް ފެންނަން ހުރީ އެމަންޒަރު - އެއީ ރީތި މަންޒަރެއް، އެކަމަކު ހިތަށް އުނދަގޫތަކެއް ވެރިކުރުވާ މަންޒަރެއް،" ރިޗަޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނުވަދިހައިގެ އަހަރުތަކަށްފަހު ފަރުތައް އެލްނީނޯގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ފެންނަން ފެށީ 2014 ވަނަ އަހަރު ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރާ ހަމަޔަށް އައިއިރު ފަރުތަކުގެ ބޮޑު ބަޔަކަށް ބްލީޗިން ނުވަތަ ހުދު ވުމުގެ އަސަރު ކުރަން ފަށާފައިވާ ކަމަށާއި މިއަހަރުގެ ކުރީކޮޅު އެލްނީނޯގެ އަސަރު އިންތިހާއަށް މަތިވެ، އޮސްޓްރޭލިއާގެ "ގްރޭޓް ބެރިއާ ރީފް" ގަައި ހިމެނޭ 39،000 އެއްހާ ފަރުގެ 93 ޕަސެންޓަށްވުރެ ބޮޑު ބައެއް މަރުވެފައިވާ ކަމަށެވެ.

ގުދުރަތުން އެތައް ހިތްގައިމުކަމެއް ލިބިފައިވާ ރާއްޖެއަކީ ތަފާތު ކުލަތަކުން ޖަރީވެގެން އަންނަ ހިތްގައިމު ފަރުތަކެއް އެކުލެވޭ ގައުމެކެވެ. ކަނޑުއަޑީގެ އެންމެ ހިތްގައިމު ބަގީޗާތައް ހިމެނޭ ގައުމުތަކުގެ ލިސްޓުގައި މުޅި ދުނިޔެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ގައުމަށް ރާއްޖެ ވާނެ ކަމާމެދު ޝައްކެއް ނެތެވެ. ކޮންމެ އަހަރަކު ދުނިޔޭގެ އެކި ބިތްތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަނީވެސް އެ ފަރުތަކާއި މުރަކަތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލައިލުމުގެ ފޮނި އުންމީދާ އެކު އެވެ.

"މިހާރު އުފެދިފައިމިވާ އެލްނީނޯ އަކީ މިހާތަނަށް މެދުވެރިވި އެންމެ ދިގު އެލްނީނޯ ކަމަށް ލަފާވަނީ. މި އެލްނީނޯގެ އަސަރު މިއަހަރުގެ ނިޔަލަށް ދެމިގެންދާނެ ކަމަށް ބެލެވޭ،" ރިޗަޑް ވިދާޅުވި އެވެ.

އެލް ނިނޯއަކީ އާންމު ގޮތެއްގައި ތިން އަހަރާއި ހަ އަހަރާއި ދޭތެރޭގައި ކަނޑުގެ ހޫނުމިނަށް އަންނަ ބަދަލެކެވެ. އާންމު ގޮތެއްގައި އެލްނީނޯގެ އަސަރު ފުރަތަމަ ފެންނަން ފަށަނީ އިކުއިޑޯގެ ހިސާބުގަނޑުގެ ކަނޑުގެ ހޫނުމިން މަތިވެ ދުނިޔޭގެ ހުޅަނގަށް ދާން ފެށުމުންނެވެ. އެލްނީނޯގެ އަސަރު މިފަހަރު ބޮޑަށް ކުރަނީ ޕެސިިފިކް ކަނޑަށް ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.

އެލްނީނޯގެ ސަބަބުން ފަރުތައް މަރުވާން ދިމާވަނީ، ފަރަކީ ތިލަ ތަނަކަށް ވުމުން ލޮނުގަނޑު މާ ބޮޑަށް ހޫނުވެ، އެ ލޮނުގަނޑު ދައުރު ނުވެ ގިނަ ދުވަހު ހުރުމުން، މުރަކަތަކަށް އެ ހޫނު ލޮނުގަނޑުގައި ކެތްކުރަން ދަތިވުމުގެ ސަބަބުންނެވެ. މާ ގިނަ އިރު ހޫނު ލޮނުގަނޑުގައި އިންނަން ޖެހުމުން މުރަކަތައް ހާސްވެ، އެތަކެތީގެ ކާނާގެ ގޮތުގައި ބޭނުންކުރާ އަލްގޭތައް ބޭރުކުރަން ފަށައެވެ. އޭގެ ސަބަބުން މުރަކަތައް ބަލިވެ އެތަކެއްޗަށް ބަލިޖެހޭގޮތްވެ ބައެއް މުރަކަތައް މަރުވެގެން ދެ އެވެ.

ރާއްޖޭގެ ތިމާވެށިގެ ދިރުންތައް ބަލަހައްޓާ އިދާރާ އެންވަތަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ނައިބު އިބްރާހިމް ނައީމް ވިދާޅުވީ، އެލްނީނޯގެ ސަބަބުން ރާއްޖޭގެ ފަރުތައް ވަރަށް ބޮޑަށް ހަލާކުވަމުންދާކަން ފާހަގަވާ ކަމަށެވެ. ފަރުތައް އެންމެ ބޮޑަށް ހަލާކުވަނީ އިރުވައި މޫސުމުގައި ކަމަށާއި މޫސުން ބަދަލުވެ، ލޮނުދަނޑު ދައުރުވާން ފެށުމުން މުރަކަތަކަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބޭނެ ކަމަށެވެ. ނަމަވެސް ހަލާކުވާ ފަރުތަކަށް އަލުން ދިރުން އަންނަން ނަގާ މުއްދަތަކީ ވަރަށް ދިގު މުއްދަތަކަސް ވާތީ އިންތިހާއަށް ކަންބޮޑުވުން އެބައޮތް ކަމަށެވެ.

"1998 ގެ އެލްނީނޯގެ ސަބަބުން މަރުވި ބައެއް ފަރުތައް އަދިވެސް ރިކަވާ އެއް ނުވޭ. މުރަކަތައް މަރުވުމަށްފަހު އަލުން ރިކަވާ ވާން ވަރަށް ގިނަ ދުވަސް އެބަ ނަގާ. އެހެންވުމުން މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ބޮޑު، މީގެ ގެއްލުން ރާއްޖެއަށް އިގްތިސޯދީ ގޮތުން ވެސް ކުރިމަތިވެދާނެ،" ނައީމް ވިދާޅުވި އެވެ.

ފަރުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ރައުސުލްމާލަށް ވާއިރު އެ ފަރުތަކުގެ ރީތިކަން ނެތިގެން ދިއުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުމާ އެއްވަރަށް ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ހީނަރުކަމެއް ގެނެސްދާނެ ކަމެކެވެ.