ބޮލީވުޑް

އުދޭ އާ ވަކިވެ ނަރްގިސް އެކަނިވެރިވީބާ؟

Jun 2, 2016

ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ އެމެރިކާ އަށް ނިސްބަތްވާ ބަތަލާ ނަރްގިސް ފަކްރީ އާއި އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ޔާޝް ރާޖްގެ އެއް ވެރިޔާ އަދި މީގެކުރިން ފިލްމުތަކުން ފެނިގެންގޮސްފައިވާ އުދޭ ޗޯޕްޅާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަނީ މިފަހުން ރުޅިވެފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ނަރްގިސް އާއި އުދޭ ރުޅިވެފައިވާ ކަމުގެ އަޑުތައް އެރުމާއެކު ވަނީ ނަރްގިސް ބޮލީވުޑާއި ދުރަށް ދިޔަ ކަމުގެ ވާހަކަތަކެއް ވެސް ދެކެވިފަ އެވެ. އުދޭ ނަރްގިސް އާއި ރުޅިވުމުން އެކަމުގެ ހިތާމާގައި ހިތްހަލާކުވެ މިހާރު އެނބުރި ނިއުޔޯކަށް ގޮސްފައިވާ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނަރްގިސް ނިއުޔޯކަށް ގޮސްފައިވަނީ "ޑިޕްރެޝަން" އަދި އިތުރު ނަފްސާނީ މައްސަލަތަކެއްގެ ސަބަބުންނެވެ.ބުނެވޭ ގޮތުގައި މިމައްސަލަތައް ކުރިމަތިވެފައިވަނީ ކައިވެނީގެ ފަހުން ވެސް ބޮލީވުޑާއި ދުރަށް ނުދާން ނަރްގިސް ބޭނުންވާއިރު އުދޭ އެގޮތަކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ އުދޭ ވަނީ ނަރްގިސްއާ ކައިވެނިކުރުމަށް ދެކޮޅު ހަދައި ރުޅިވެފަ އެވެ.

އެނބުރި ނިއުޔޯކަށް ދިޔަ ފަހުން ނަރްގިސް ސޯޝަލް މީޑިއާއާ ވެސް ދުރަށް ގޮސްފައިވާއިރު، މަދުން ނަމަވެސް ނަރްގިސް ކުރާ ޓްވީޓްތަކުން އޭނާގެ ހިތްހަލާކުވެ އެކަނިވެރިވެފައިވާ މިންވަރު އެނގެ އެވެ. މިފަހުން ނަރްގިސް ޓްވީޓެއް ރީޓްވީޓްކުރަމުން ވަނީ ނަފްސާނީ ގޮތުން މީހާ ބަލިކަށިވުމުން ޖިސްމާނީ ގޮތުން ވެސް މީހާ ބަލިކަށިވެދޭ. މިކަހަލަ ދަނޑިވަޅުތަކުގައި ހިތްވަރުދޭނެ މީހުން ތިބުން މުހިންމު. އެކަނިވެރިކަމަކީ މުޅި މީހާގެ ދިރއުޅުން ހަލާކޮށްލާ އެއްޗެއް" ނަރްގިސް ލިޔެފައިވެ އެވެ.

މިޓްވީޓްކުރުމުގެ ތިން ދުވަސްކުރިން ނަރްގިސް ކުރި އިންސްޓަގްރާމަށްލީ ފޮޓޯއެއްގެ ކެޕްޝަންގައި ވަނީ އާއިލާއާ އެކުގައި މިވަގުތު ހުރުމުން ހިތްހަމަޖެހޭ ކަމަށާއި ހިތްދަތިކަން ފިލައިގެން ދިއުމަށް އެހީތެރިވެދޭ ކަމަށް ލިޔެފަ އެވެ.

ބޮލީވުޑާއި ދުރަށް ނަރްގިސް ދިޔަ ވާހަކަތައް ދެކެވެން ފެށުމުން އޭނާގެ ތަރުޖަމާނު ވަނީ ނަރްގިސް ނިއުޔޯކަށް ދިޔައީ ބަލިވެ އުޅޭތީ ކަމަށާއި އިތުރު ފިލްމުތަކެއް ކުޅެން އޭނާ އެއްބަސްވެފައިވާ ކަމަށް ބުނެފަ އެވެ.

ނަރްގިސް ނިއުޔޯކަށް ގޮސްފައިވަނީ މިދިޔަ މަހުގެ މެދުތެރޭގައި ނިކުތް އޭނާގެ ފިލްމު "އަޒްހަރު"ގެ ޕްރޮމޯޝަންތަކުގައި ބައިވެރިނުވެ އެވެ. އަދި މިހަފްތާ ބަންދުގައި ނިކުންނަ އޭނާގެ ފިލްމު "ހައުސްފުލް 3" ގެ އެއްވެސް ޕްރޮމޯޝަން މަސައްކަތެއްގައި ވެސް ނަރްގިސް ބައިވެރިވެފައެއް ނުވެ އެވެ.