ގދ. ތިނަދޫ

މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ގޭސް ޕްލާންޓު ތިނަދޫގައި

މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ގޭސް ސްޓޯކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ގޭހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ. ތިނަދޫގައި ގޭސް ޕްލާންޓް ހަދަން ނިންމައި، އެ ޕްލާންޓް އެޅުމަށް ހަމަޖެހިފައިވާ ބިން ކަނޑައަޅައިފި އެވެ.

މި ބިން ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށް މިއަދު ތިނަދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން މޯލްޑިވްސް ގޭހުގެ މެނޭޖިން ޑައިރެކްޓާ އަބުދުﷲ މައުމޫން ވިދާޅުވީ ތިނަދޫގައި ހަދާ ގޭސް ޕްލާންޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ހަދާ ފުރަތަމަ ގޭސް ޕްލާންޓް ކަމަށެވެ. މިކަމަށް 90،000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފަ އެވެ.

ފަނަރަ ސަތޭކަ މެޓުރިކު ޓަނުގެ ސްޓޯރޭޖެއް ތިނަދޫގައި ގާއިމްކުރަން ނިންމާފައިވާއިރު 70 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އެ ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ތަމްރީނު ކުރާނެ ކަމަށް ވިދާޅުވި އެވެ. މި ޕްލާންޓް ހުޅުވުމުން ރާއްޖޭގައި ހުރި އެންމެ ބޮޑު ގޭސް ޕްލާންޓަށް މިތަން ވެގެންދާނެ އެވެ. މިއީ އޮޓޮމެޓިކް ޕްލާންޓެކެވެ. ތިލަފުށީގައި ހުންނަ ޕްލާންޓުގަި ހުރިހާ ކަމެއް ކުރަން ޖެހެނީ މެނުއަލްކޮށެވެ.

މިތަން ހުޅުވުމަށްފަހު އަތޮޅުތެރޭގައި އައުޓްލެޓްތަކުން އިތުރުވެ ވަޒީފާގެ ފުރުސަތުތައް އިތުރުވަމުންދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ތިލަފުށީގައި ހުންނަ ގޭސް ޕްލާންޓުން މި އުފައްދަނީ 1،100 މެޓުރިކް ޓަނުގެ ގޭސް، މިރަށުގައި، ތިނަދޫގައި މި ހަދަނީ 1،500 މެޓުރިކް ޓަނުގެ ގޭސް އުފެއްދޭ ޕްލާންޓެއް. ތިނަދޫގައި މިއަޅާ ސްޓޯރޭޖަކީ ފުލް އޮޓޮމެޓިކް ސްޓޯރޭޖެއް، އެހެންވީމަ އޭގެ މާނަ އަކީ ވެސަލް ކައިރި ކުރީމަ ދޯނީގައި ހުރެފައި ކޮންވޭ ބެލްޓަށް ފުޅި ލީމަ އެފުޅިއަށް ހަމަ އެދޯނީގައި އެތާ ހުއްޓާ ފިލްކޮށްގެން ޕްރެޝާ ޓެސްޓުކޮށްގެން ހުރިހާ ޗެކިން އެއް ހަދައިގެން އަންނާނެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، 130 މިލިއަން ރުފިޔާގެ މި މެގަ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށަން ބޭރުގެ ދެ ކުންފުންޏަކާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެތަނުން އެއް ކުންފުނި މިހާރު ސާވޭ އެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"މިތަނުގައި މިހާރު ސައިޓުގައި ރާވަން ބޭނުންވާ ވެއާ ހައުސް އާ އެކޮމޮޑޭޝަން ބްލޮކް އާ، އައުޓްލެޓުގެ ފިހާރަތަކާއި، ލެބޯޓްރީ އާ އެހުރިހާ އެއްޗެއްވެސް މިހާރު ހުރީ މާލޭގައި، މިހާރު އޭއްޗެހި ހުންނަތާ މަހަކަށްވުރެންވެސް ގިނަ ދުވަސްވެއްޖެ. އޭއްޗިއްސަކީ މިހާރުން މިހާރަށްވެސް ޝިފްޓު ކޮށްގެން އަމަލީ މަސައްކަތް ފެށޭނެ އެއްޗެހި،" މައުމޫން ވިދާޅުވި އެވެ.

މި ޕްލާންޓްގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ ގޭހުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މި ޕްލާންޓް ޑިސްޓްރިބިއުޝަން ހަބަށްވެ މި ސަރަހަށްދަށް ގޭހުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ.