ރާއްޖެއާއި އީރާނާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލީ ސައުދި އަރަބިއްޔާގެ ނުފޫޒުން ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ. ސަރުކާރުން އީރާނާއެކު ގުޅުން ކަނޑާލާފައިވަނީ، މި މަހުގެ 17 ވަނަ ދުވަހު އެވެ.
އީރާނާއެކު ގުޅުން ކަނޑާލީ ސައުދީގެ ނުފޫޒުން ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މިއަދު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ގުޅުން ބާއްވާނެ ގައުމުތަކާއި ނުބައްވާނެ ގައުމުތައް ކަނޑައަޅާނީ އެ ގައުމަކުން ކަމަށާއި ރާއްޖެއަކީ މިނިވަން ގައުމަކަށްވެފައި އެފަދަ ކަންކަން ނިންމާނީ އަމިއްލައަށް ކަމަށެވެ.
އީރާނާއެކު ގުޅުން ކަނޑާލުމުގައި ސައުދި އަރަބިއްޔާގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ދުންޔާ ވިދާޅުވި އެވެ. އެ ނިންމުމަކީ ދިވެހި ސަރުކާރުގެ ނިންމުމެއް ކަމަށް ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ، އީރާނުގެ އަމަލުތަކުގެ ސަބަބުން ގަލްފް ގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމުކުރުމަށްކުރާ މަސައްކަތްތަށް ބުރޫއަރަމުންދާ ކަމަށާއި ރާއްޖެއަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ގައުމަކަށްވާއިރު އޯއައިސީއިން އީރާނަށް ކަންތައްތަކެއް ރަނގަޅުކުރުމަށް އަންގާފައިވާ ކަމަށެވެ. ގުޅުން ކަނޑާލީ އެކަންކަން ރަނގަޅުކުރަންދެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ދުންޔާ އިތުރަށް ވިދާޅުވީ، ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް އީރާނުން ވަންނަ ކަމަށާއި އެގައުމާ ގުޅުން ކަނޑާލި މައިގަނޑު ސަބަބަކީ އެކަމުގައި ސްޓޭންޑެއް ނެގުން ކަމަށެވެ.
މިފަހަކަށް އައިސް ސައުދި އަރަބިއްޔާ އާއި އީރާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މި ސަރުކާރުން ދަނީ ސައުދި އަރަބިއްޔާ އާއި ރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ.