ހަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ހުލާސާބަޔާން އިއްވުން ހޮނިހިރު ދުވަހު

އެމްއެމްޕީއާރުސީގެ ފަސް މިލިއަން ޑޮލަރަށް ހިޔާނާތް ތެރިވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ބޮޑު ބޭބެ ހާމިދު އިސްމާއިލް، ހާމިދު ސޭޓު އަދި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އެމްއެމްޕީސީއިން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ އޭނާ ހިއްސާވާ ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި ކަމަަށް ބުނެ އަދީބާއި ޒިޔަތު އަދި ހާމިދުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ މިރޭގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ސިއްރު ދެ ހެއްކަކާއި އިތުރު ތިން މީހެއްގެ ހެއްކެއް ނަގާފައިވެ އެވެ.

މިރޭ ނެގި ސިއްރު ހެކިންނަކީ އެސްޓީއޯގެ ދެ މުވައްޒަފެކެވެ. އެ ދެ މީހުން ވަނީ ހާމިދުއާއެކު އެސްޓީއޯއިން ޑޮލަރު ވިއްކުމުގެ އެއްބަސްވުމެއް ހެދި ކަމަށް ބުނެފަ އެވެ.

މިއަދު ދެން ހެކި ބަސް ނެގީ، ހާމިދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަމްޖަދު އިސްމާއިލްގެ އެވެ. އޭނާގެ ހިއްސާއެއް ދައުވާގައި އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނާ މިލޭނިއަމް ކެޕިޓަލް އިންޓަނޭޝަނަލް ކުންފުނީގައި އޮވެ އެވެ. އެ ކުންފުންޏަކީ އަދީބު ޓޫރިޒަމް މިނިސްޓަރަކަށްވުމުގެ ކުރިން މަސައްކަތްކުރި ކުންފުންޏެވެ. އަމްޖަދު ބުނީ، އެ ކުންފުނީގެ އެކައުންޓަށް ފަސް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް އަދީބު އެއް ދުވަހު ގުޅާފައި ވިދާޅުވި ކަމަށެވެ.

އެ ފައިސާއަކީ އެ ކުންފުނީގެ ފައިސާއަށް ނުވާތީ ބެންކަށް ގޮސް އެކަން ޗެކުކުރި އެ ފައިސާ ހުރި ކަމަށާއި އަދީބު އެންގި ގޮތަށް ހަތަރު މިލިއަން ޑޮލަރު ނެގީ ކަމަށް އަމްޖަދު ބުންޏެވެ. އޭނާ ބުނީ، އެ ފައިސާ ނެގީ ހަތަރު ޗެކެއްގައި ކަމަށާއި ފައިސާ ހަވާލުކުރީ އަދީބު އަތަށް ކަމަށެވެ. އެ ފައިސާއާ ގުޅޭ އެއްވެސް ތަފްސީލެއް އޮޅުންނުފިލުވާ ކަމަށް އަމްޖަދު ބުންޏެވެ. އަމްޖަދުގެ ހެކި ބަހާ އެއްގޮތަށް އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު އަހުމަދު ނިޒާމް ވެސް ވަނީ ހެކި ބަސް ދީފަ އެވެ.

ދެން މިރޭ ހެކި ބަސް ނަގާފައިވަނީ އަދީބުގެ ކޮއްކޮއެއް ކަމަށްވާ ޝާހިދު ހުސެއިންގެ އެވެ. އޭނާ މިހާތު ހުރީ މާލޭގައި ހުޅުޖަހަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގަ އެވެ. ޝާހިދަކީ މޮންޓިލިއަން އިންޓަނޭޝަނަލްގެ ހިއްސާދާރެކެވެ. އެ ކުންފުންޏަކީ މިލޭނިއަމްއިން ނެގި ހަތަރު މިލިއަން ޑޮލަރު ޖަމާކުރި ކުންފުންޏެވެ. އެ ކުންފުނީގައި އަދީބުގެ ހިއްސާ ވެސް އޮވެ އެވެ. ޝާހިދު ބުނީ، މިލޭނިއަމްއިން ޗެކްތަކެއް ލިބުން ކަމަށާއި އެ ޗެކްތައް ޖަމާކުރި ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ފަރާތުން ބޭނުންވާ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ހާމިދުގެ ވަކީލް ސުއޫދު ވަނީ ދިފާއުގައި ހުށަހެޅި ހެކިން ހާޒިރުނުކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދީބުގެ ފަރާތުން ހުށަހެޅީ ޝާހިދު ހުސެއިނެވެ. އޭނާގެ ހެކި ބަސް ވަނީ ނެގިފަ އެވެ. ޒިޔަތުގެ ފަރާތުން ޝަފަވީ ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް ބައެއް ލިޔެކިޔުންތައް ޝަރީއަތް މެދުވެރިކޮށް ހޯދައިދިނުމަށް ވަނީ އެދިފަ އެވެ.

މިރޭ ކްރިމިނަލް ކޯޓްގައި ބޭއްވި މައްސަލައިގެ އަޑުއެހުމަށް ފަހު ގާޒީ ވަނީ ދެން އޮންނާނީ އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.