ހަބަރު

ޒިޔަތުގެ އޮރިޔާން ފެންނަ ގޮތަށް ގޮޅީގައި ކެމެރާ ހުރޭ: ވަކީލް

ކުރީގެ އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު ބަހައްޓާފައިވާ ގޮޅީގެ ފާހަނާގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް ޒިޔަތުގެ ވަކީލް ވިދާޅުވެއްޖެ އެވެ. ވަކީލް ވިދާޅުވީ، އެ ކެމެރާ ހަރުކޮށްފައި ހުންނަނީ ޒިޔަތުގެ އޮރިޔާން ފެންނަ ގޮތަށް ކަމަށެވެ.

މާބިންހުރާ ކުއްޔަށް ދިން މައްސަލާގައި ހިޔާނާތްތެރިވި ކަމަށް ބުނެ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ މިރޭގެ އަޑުއެހުމުގައި ޒިޔަތުގެ ވަކީލް ވިދާޅުވީ، ޒިޔަތަކީ އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށާއި، ޝަރީއަތުގައި ގިނައިން ޝަކުވާކުރައްވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ.

ވަކީލް ވިދާޅުވީ، ކަންކަން ކޮޅުންލީމަ ޝަކުވާނުކޮށް ނުހުރެވުނީ ކަމަށާއި ޒިޔަތުގެ ފާހާނާގައި އޮރިޔާން ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ކަރެކްޝަނުގައި ޝަރީއަތުގެ ފަރާތުން އަންގަން އެދޭ ކަމަށެވެ. ވަކީލް ވިދާޅުވީ، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅަން ވެސް ޒިޔަތަށް ލަފާ ދީފައިވާނެ ކަމަށެވެ.

މިކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ، ކެމެރާ ނައްޓަން ގާޒީއަށް ނޭންގޭނެ ކަމަށާއި ނަމަވެސް އެކަމަށް އެދެވިދާނެ ކަމަށެވެ.

ވަކީލް ވަނީ ޒިޔަތު ޑޮކްޓަރަށް ނުދައްކާ މައްސަލާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މާލެ ގެނެސް ސްޕަޝަލިސްޓުންނަށް ޒިޔަތު ދައްކައިދިނުމަށް ވަކީލް ވަނީ ޝަރީއަތުގައި އެދިފަ އެވެ. ޒިޔަތުގެ މައިބަދައިގެ މައްސަލަތަކެއް ހުންނަކަން ވަކީލު ފާހަގަ ކުރެއްވި އެވެ.

ޒިޔަތުގެ މައިބަދައިގެ މައްސަލަތަކެއް ހުންނައިރު މިރޭ ބޭއްވި އަޑުއެހުމަށް ވެސް ޒިޔަތު ހާޒިރުކުރީ ބިޑި އަޅުވައިގެންނެވެ. ޒިޔަތުގެ ބިޑި ނައްޓައިދިނުމަށް ޝަރީއަތުގައި އެދުމުން ގާޒީ ބާރީ ވިދާޅުވީ، ސަލާމަތީ ކަންކަމާމެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. ގާޒީ މިހެން ވިދާޅުވެފައިވީ ނަމަވެސް މީގެކުރިން ޝަރީއަތްތަކުގައި ގާޒީ އަންގައިގެން ބިޑި ނައްޓާފައިވެ އެވެ.