ދުނިޔެ

ނިއު ދިއްލީގައި ސަރުކާރުގެ މައްޗަށް އާދްމީ ޕާޓީ ކުރި ހޯދައިފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި، ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މައްޗަށް އާމް އާދްމީ ޕާޓީ ކުރި ހޯދައިފި އެވެ.

އާމް އާދްމީ ޕާޓީ އަކީ ސަރުކާރުގެ ވަރަށް އާދައިގެ ވަޒީފާއެއްގައި ހުރި އަރްވިންދް ކެޖްރިވާލް ވަރަށް ފަހުން އުފެއްދި ޕާޓީއެކެވެ. އެ ޕާޓީން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ސަބަބުން ލިބުނު ބޮޑު ތާއީދާ އެކު، ދިއްލީގެ އެންމެ ފަހުގެ އިންތިހާބު ވެސް ކާމިޔާބުކުރީ އާދްމީ ޕާޓީ އެވެ. އަދި ޗީފް މިިނިސްޓަރުކަން ކުރެއްވީ އެ ޕާޓީގެ ލީޑަރު ކެޖްރިވާލް އެވެ. ނަމަވެސް އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މިއަދު ހެނދުނު އާންމުކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ލެޖިސްލޭޓިވް އެސެމްބްލީގެ 70 ގޮނޑީގެ ތެރެއިން 54 ގޮނޑި ހޯދާފައި ވަނީ އާދްމީ ޕާޓީންނެވެ. ބީޖޭޕީ އަށް ލިބޭނެ ކަމަށް ލަފާކުރެވެނީ އެންމެ 12 ގޮނޑި އެވެ.

ކެޖްރިވާލް އަލުން ދިއްލީގެ ޗީފް މިނިސްޓަރު ކަމަށް ވަޑައިގަންނަވާއިރު އޭނާއާ ބީޖޭޕީން ވާދަކުރެއްވީ ފުލުސް އޮފިސަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަންހެނެކެވެ.

އިންޑިއާގެ ސްޓޭޓްތަކުގެ އެސެމްބްލީގައި ބާރު ގަދަވުމަކީ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ކޮންޓްރޯލަށް މުހިންމު ކަމެކެވެ. މަތި ގޭގައި މިހާރު ވެސް ބީޖޭޕީގެ އަޣުލަބިއްޔަތެއް ނެތެވެ. ގާނޫނުތަކަށް އިސްލާހު ގެންނަން ބީޖޭޕީން ކުރި މަސައްކަތްތައް ވެސް އެހެންވެ ވަނީ ކާމިޔާބު ނުވެފަ އެވެ.

އިންތިހާބުގެ ނާކާމިޔާބީ ބީޖޭޕީން ގަބޫލުކޮށްފައި ވިޔަސް މިއީ ސަރުކާރުގެ ބާރު ކެނޑެމުންދާކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށް ބީޖޭޕީން ވަނީ ބުނެފަ އެވެ. ނަމަވެސް މިއީ ބޮޑުވަޒީރު ނަރެންދުރަ މޮދީ އަށް އާންމު އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ.