ބޮލީވުޑް

މަޝްހޫރު ކޮމީޑިއަން ރައްޒާގު ޚާން މަރުވެއްޖެ

Jun 1, 2016

ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ހެއްވާ ބައިތައް ކުޅުމުގައި މަޝްހޫރުވި، ބޮލީވުޑްގެ ތަރި ރައްޒާގު ޚާން ކުއްލިގޮތަކަށް ހިތްހުއްޓިގެން މިއަދުގެ މެންދުރުގެ ވަގުއްތެއްގައި މަރުވެއްޖެ އެވެ.

ކުއްލިގޮތަކަށް މެޔަށް ތަދުވާތީ މިއަދުގެ މެންދުރު 12:30 ހާއިރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާޓް އެޓޭކެއް ޖެހިގެން އޭނާ މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުންނާއި ހަވާލާދީ ނޫސްތަކުގައިވެ އެވެ.

ރައްޒާގު އެންމެ މަޝްހޫރުވެގެން ގޮސްފައިވަނީ 1999 ވަނަ އަހަރު ނިކުތް ޝާހްރުކް ޚާންގެ "ބާދްޝާ" އާއި ސަލްމާން ޚާންގެ "ހެލޯ ބްރަދާ" ގައި ކުޅުނު ރޯލުތަކުންނެވެ.

ނުވަދިހަ އަށްވުރެން ގިނަ ފިލްމުތައް ކުޅެފައިވާ ރައްޒާގު މަރުވިއިރު، އޭނާގެ ފިރިހެން ދަރިފުޅު އަސަދު ހުރީ ކްރޮއޭޝިއާގަ އެވެ. އަދި މިހާރު ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް އޭނާ އިންޑިއާ އަށް އައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ނޫސްތަކުގައިވެ އެވެ. ރައްޒާގު ވަޅުލުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ނަރިއަލްވާދީ ގަބުރުސްތާނުގަ އެވެ.

ހެއްވާ ބައިތައް ކުޅުމަށް ދެވަނަ އެއް ނެތް ރައްޒާގުގެ ކުއްލި މަރާއެކު ބޮލީވުޑްގެ ގިނަ ފަރާތްތަކުން އަންނަނީ ހިތާމަފާޅުކުރަމުންނެވެ.

ރައްޒާގު އެންމެފަހުން ފެނިގެން ގޮސްފައިވަނީ "ކިޔާ ކޫލްހޭ ހަމް 3" އިންނެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހު ނެރުނު ފިލްމެކެވެ.