ބޮލީވުޑް

"ރާމްބޯ" ގެ ހިންދީ ރީމޭކަށް ސަންޖޭ ދަތު ތައްޔާރުވަނީ

Jun 2, 2016

އަމިއްލަ ނަފްސު ހިމާޔަތްކުރުމަށް، ހުއްދަ ނޫން ހަތިޔާރެއް ގެންގުޅުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު މިނިވަންވެ މިހާރު އަންނަނީ އެނބުރި ފިލްމީ ދުނިޔެއަށް ނުކުތުމަށް ތައްޔާރުވަމުންނެވެ.

ޖަލުން މިނިވަންވިތާ ގިނަ ދުވަހެއް ނުވަނީސް ސަންޖޭ އަށް ފިލްމުތަކުން ފުރުސަތުތައް ލިބެމުން އަންނައިރު، އޭނާ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ޑައިރެކްޓަރު ސިދާތް އަނަންދު އުފައްދާ، ހޮލީވުޑްގެ މަޝްހޫރު ތަރި ސިލްވެސްޓާ ސްޓެލޯން ލީޑްރޯލުން ފެނިގެންގޮސްފައިވާ "ރާމްބޯ" ގެ ހިންދީ ރީމޭކް އެވެ.

މި ފިލްމަކީ އެކްޝަން ގިނަ މަންޒަރުތަކެއް ކުޅެން ޖެހޭ ފިލްމަކަށް ވުމުން ސަންޖޭ އަންނަނީ މާޝަލް އާޓްސް އާއި އެކި ކަހަލަ ސްޓަންޓްތައް ހަދަން ދަސްކުރަމުންނެވެ. ސަންޖޭ މި ސްޓަންޓްތަކަށް ފަރިތަކުރުމާއި މާޝަލް އާޓްސް ދަސްކުރަމުން އަންނަނީ އޭނާގެ ގޭގެ ގްރައުންޑް ފްލޯގަ އެވެ.

މިރޯލަށް ފިޓްވުމުގެ ގޮތުން ސަންޖޭ މީގެ ދުވަސްކޮޅެއް ކުރިން ގޭގައި ބޮކްސިން ތަޅަނިކޮށް ފޮޓޯތަކެއް އާންމުވުމާއި ގުޅިގެން އޭނާ މިހާރު ވަނީ ގޭގެ ބޭރުގައި ޖަހާފައި ހުރި ފެންސްތަކުގައި، އެތެރެ ނުފެންނާނެ ހެން ފޮތި ދަމާފަ އެވެ. ސަންޖޭ ބޮކްސިން ތަޅަނިކޮށް ފޮޓޯ އާންމުވުމާއި ގުޅިގެން މިފިލްމަށް އޭނާ ވަމުންދާ އިތުރު އެއްވެސް ތައްޔާރީއެއް އާންމުނަށް އިނގޭކަށް އޭނާ ބޭނުމެއް ނުވެ އެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަހަށް މިޓްރެއިންނިންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ސަންޖޭ ޓްރެއިނިންތައް ހަދަމުން އަންނަނީ ވަކި ހާއްސަ ޓްރެއިނަރެއްގެ އެހީގަ އެވެ.

މިހާރު ޕްރީ ޕޮރޮޑަކްޝަންގެ މަސައްކަތްކުރަމުން އަންނަ މިފިލްމުގެ ތަރިންގެ ތެރެއިން އަދި ޔަގީންވެފައިވަނީ ސަންޖޭ އެކަންޏެވެ. ބުނެވޭ ގޮތުގައި ސަންޖޭ އާއެކު މިފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނެ ކަމަށް ލަފާކުރެވެނީ ކްރީތީ ސަނޮން އެވެ.