ހަބަރު

ޓޫރިޒަމަށް 1500 މީހުން ތަމްރީނު ކުރަން ދެ ކައުންސިލަކާ އެކު އެބަސްވެއްޖެ

ޓޫރިޒަމް ދާއިރާއަށް 8000 މީހުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމަށް ގއ. ކޮލަމާފުއްޓާއި ވިލިނގިލިން ޝައުގުވެރިވާ ފަރާތްތައް ތަމްރީނު ކުރުމުގެ އެމްއޯޔޫގައި އެ ދެ ރަށުގެ ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިއަށްގެންދާ އެ ޕްރޮގްރާމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެ ދެރަށުގެ ކައުންސިލްގެ ރައީސުންނެވެ. މިއަދުގެ އެއްބަސްވުމަކީ ޓޫރިޒަމްގެ ދާއިރާއަށް 8000 ޒުވާނުން ތަމްރީނު ކުރުމަށް އެޑިއުކޭޝަނުން ފަށާފައިވާ ޕްރޮގްރާމަށް ގއ. އަތޮޅުގެ ކައުންސިލުން ހޯދި އެ އަތޮޅަށް ނިސްބަތްވާ، 1500 މީހުން ތަމްރީނުކުރަން ސޮއިކުރި އެއްބަސްވުމެކެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އިންޓާންޝިޕްގައި ބައިވެރިވެ ތަމްރީން ހާސިލްކުރާ ކުދިންނަކީ ދާއިރާއިން ވަޒީފާގެ ފުރުސަތު ޔަގީންވާނެ ކުދިންނަށް ވުމުން މި ޕްރޮގްރާމުގެ މުހިއްމުކަން އިތުރު ކަމަށެވެ. އިންޓާންޝިޕް ކުދިންނަށް ދޭއިރު، އެ ކުއްޖަކަށް ތަމްރީނު ދޭނީ އެކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ލެވެލްއަކަށް ބެލުމަށްފަހުގައި ކަމަށާއި އިންޓާންޝިޕް ފުރިހަމަކުރުމުން ލިބޭ ސެޓްފިކެޓާއެކު މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ބައިވެރިންނަށް އޮންނާނެ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ބާރު ދުވެއްޔެއްގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިގެންދާއިރު، ދާއިރާއަށް ތަޖުރިބާހުރި ދިވެހި މުވައްޒަފުން ބޭނުންވާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މިފަދަ ތަމްރީން ޕްރޮގްރާމެއް ހިންގުމަކީ ފަތުރުވެރި ކަމުގެ ދާއިރާއަށް ހަރުދަނާ، މަސައްކަތުގެ ތަޖުރިބާހުރި ޒުވާނުން ލިބުމަށް ހުޅުވޭ ދޮރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި ޓޫރިޒަމާ ގުޅުން ހުރި، 26 ދާއިރާއަކުން މީހުން ތަމްރީނުކުރަން ވަނީ ހަމަޖެހިފަ އެވެ. ޕްރޮގްރާމުގެ ދަށުން ކޯސްތަކަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސާކޮށްފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެ އެވެ.