ރޯދަ މަސް

އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓެއް ގެނެސްފި

Jun 4, 2016
1
  • ތިން ބާވަތުގެ އަގަށް ބޮޑު ބަދަލެއް ނާދެ
  • އަގުމަތީ ކުކުޅު ބިހުގެ
  • އެސްޓީއޯ އިން އަގު ހެޔޮކޮށް ވިއްކާ

ބާޒާރު ހަމައަކަށް އަޅުވާފައި ބެހެއްޓުމަށް އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓެއް ގެނެސް މާލެއަށް ބޭލުމުގެ މަސައްކަތް ފަށައިފި އެވެ.

އެސްޓީއޯގެ ސުޕަމާޓްގެ ސީނިއަ މެނޭޖަރު ހަމްދޫން ސައީދު "އަވަސް"އަށް ވިދާޅުވީ ފިޔާ، އަލުވި އަދި ބިހުގެ އިތުރު ޝިޕްމަންޓެއް ބުރާސްފަތި ދުވަހު ގެނެސް ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކުރިން ވެސް ބުނެފައިވާ ފަދައިން މި އަހަރު ތަންކޮޅެއް ކައިރި ކައިރީގައި ފިޔާ، އަލުވި އަދި ބިސް ގެންނާނެ. އެހެން އަހަރުތަކުގައި 800ރ. ވަރަށް އަގުތައް އުފުލޭ. އެކަމަކު އަގުތައް ފެންނަނީ އާދައިގެ ގޮތެއްގައި ހުރިތަން،" ހަމްދޫން ވިދާޅުވި އެވެ.

އެސްޓީއޯ އިން ވަނީ މީގެ 15 ވަރަކަށް ދުވަސް ކުރިން ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފަ އެވެ. އަދި މިތަކެތި ދޫކުރަމުން ގެންދަނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ އެސްޓީއޯގެ ހަ ނަމްބަރު ކޮށިންނެވެ.

އެސްޓީއޯ އިން ވިއްކާ އަގުތައް:

  • - ފިޔާ ބަސްތާއެއް: 160ރ. އަށް
  • - ބިސް ކޭހެއް: 275ރ. އަށް
  • - އަލުވި ބަސްތާއެއް: 250ރ. އަށް

އޭނާ ވިދާޅުވީ މި ތިން ބާވަތް ގެނައިއިރު ފެށިގެން އެއްވެސް ކޮންޓްރޯލެއް ނެތި ދޫކުރަމުންދާ ކަމަށެވެ.

"އެއްވެސް ކޮންޓްރޯލެއްވެސް ނުގެނެސް މި ގެންދަނީ ދޫކުރަމުން،" ހަމްދޫން ވިދާޅުވި އެވެ.

ބާޒާރުގައި ވިއްކާ އަގުތައް:

  • - ފިޔާ ބަސްތާއެއް 260ރ. އަށް
  • - އަލުވި ބސްތާއެއް 290ރ. އަށް
  • - ބިސް ކޭހެއް 450ރ. އަށް

އަގުތައް ހުރި ގޮތައް ބަލާއިރު މިއީ މީގެ ތިން ދުވަސް ކުރިން މި ބާވަތް ލިބެން ހުރި އަގަށްވުރެ ފިޔާ، އަދި އަލުވީގެ އަގުތައް ވަނީ ހެޔޮވެފަ އެވެ.

ތިން ދުވަސްކުރީގައި ވިއްކި އަގުތައް:

  • - ފިޔާ ބަސްތާއެއް 200-350ރ. އާ ދެމެދުގައި
  • - އަލުވި ބަސްތާއެއް 250-350ރ. އާ ދެމެދުގައި
  • - ކުކުޅު ބިސް ކޭހެއް 350ރ. އަށް

އެސްޓީއޯ އިން ވާހަކަ ދެއްކެވި ހަމްދޫން ވިދާޅުވީ ކައިރި ކައިރީގައި ފިޔާ، އަލުވި އަދި ބިސް ގެންނައި ނަމަވެސް ތާޒާކަންމަތީ ބެހެއްޓުމަށް އިސްކަމެއްދޭ ކަމަށެވެ.

"މިގެނައި ޝިޕްމަންޓުން ޑިސްރިބިއުޓް ކުރެވޭނެ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އަޅުގަނޑުމެންގެ ރީޖަނަލް ފިހާރަތަކަށް ވެސް،" ހަމްދޫން ވިދާޅުވި އެވެ.