ވިޔަފާރި

އެސްޓީއޯއިން ރޯދައަށް ފިޔާ، އަލުވި އަދި ބިސް ގެނެސްފި

May 9, 2017
  • އަގުތައް އެއް ވަރެއްގައި ހިފެހެއްޓޭނެ
  • ހޮނިހިރު ދުވަހުން ފެށިގެން އަތޮޅުތަކަށް ފޮނުވާނެ
  • ބާވަތްތައް ވިޔަފާރިވެރިންނަށް ފޯރުކޮށްދޭނެ

އެސްޓީއޯ އިން ރޯދައަށް ފިޔާ، އަލުވި އަދި ބިސް ރާއްޖެ ގެނެސް، ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް އެސްޓީއޯ އިން އޮތީ ފުރިހަމަ އަށް ތައްޔާރު ވެފައި ކަމަށާއި ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފިޔާ، އަލުވި އަދި ބިސް ފޮނުވުމަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.

"މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭގައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ގުދަނުން ވިއްކަން ފަށާނެ. އެސްޓީއޯ އިން އަބަދު ވެސް މަސައްކަތް ކުރަމުން މިދަނީ އަބަދު ވެސް ކާބޯ ތަކެތި ހެޔޮ އަގުގައި ފޯރުކޮށް ދިނުމަށް. އެކަން ކެނޑިނޭޅި ކުރަމުންދާނެ،" ޝަހީރު ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް ފަހުން އިއުލާނު ކުރާނެ ކަމަށާއި، ނަމަވެސް މިދިޔަ އަހަރެކޭ އެއް އަގެއްގައި ލިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އެ ކުންފުނިން ގެންނަ ބާވަތްތައް އަމިއްލަ ވިޔަފާރިވެރިންނަށް ފޯރުކޮށް ދީގެން އެސްޓީއޯއާ އެއްއަގެއްގައި ވިއްކަން އެސްޓީއޯއިން މަސައްކަތް ކުރާނެ ކަމަށް ވެސް އެމްޑީ ޝަހީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބާވަތްތައް ގެނަައި ނަމަވެސް ހަމައެކަނި އެސްޓީއޯ އިން ވިއްކުމުގެ ވިސްނުމެއް ނެތް. އެހެން ވިޔަފާރިވެރިންނާ ގުޅިގެން މިކަން ކުރިއަށް ގެންދާނީ. ފިޔާ އަލުވި އަދި ބިސް ވެސް ބަލާނީ އަމިއްލަ ފަރާތްތަކާ ގުޅިގެން،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ ސީނިޔަ ޖެނެރަލް މެނޭޖަރު ފާތުމަތު އާޝާން ވިދާޅުވީ މިހާރު ބާޒާރުގައި މި ބާވަތްތަކުގެ އަގުތައް ހުރީ ކުޑަކޮށް ކަމަށާއި، އަގުތަކަށް އަންނަ ބަދަލު ބަލައި، އެސްޓީއޯ އިން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ފިޔާ އަލުވި އަދި ބިސް ގެނައުމުގެ ކުރިން އަޅުގަނޑުމެންނާ ޕާޓްނަރު ފަރާތްތަކާ ވާހަކަ ދެއްކިން. އެގޮތުން އަޅުގަނޑުމެން ގަބޫލުކުރަނީ ބޮޑެތި ފިހާރަތަކުގައި ލިބެން ހުންނާނެ ކަމަށް. މިނޫން އެހެން ބާވަތްތަކުގެ ޑިމާންޑް ވެސް މަތި. އެހެންވެ އެ ފަރާތްތަކާ ގުޅިގެން ޕާޓްނާޝިޕް އުސޫލުން މިދަނީ،" އާޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް މާލެ ބާޒާރުގައި ފިޔާ އަލުވި އަދި ބިސް ފުދޭ ވަރަކަށް އެބަހުރި ކަމަށެވެ.

"އަގުތައްވެސް މިދިޔަ އަހަރުގެ ރޯދަ މަހު ލިބެން ހުރި އަގުތަކާ ބަލާފައި ވަރަށް ރަނގަޅު. އެހެން މިދެންނެވީ ބިސް ކޭހެއް މި ހުރީ 260 ހިސާބު. އެހެންވެ އަޅުގަނޑުމެން ވެސް މި ބަލަނީ މި އަގުތަކުގައި ބެހެއްޓުމަށް،" އާޝާން ވިދާޅުވި އެވެ.

ފިޔާ އަލުވި އަދި ބިހަކީ ރޯދަމަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތެކެވެ. ބައެއް ރޯދަމަސް ތަކުގައި ފިޔާ އަލުވި އަދި ބިހުގެ އަގުތައް މަތިވެގެންދެ އެވެ. ނަމަވެސް މިދިޔަ އަހަރު އެހެން އަހަރުތަކާ އަޅާބަލާއިރު ނިސްބަތުން މި ބާވަތްތަކުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.