ހަބަރު

ނުވަ ސްކޫލެއް ތަރައްގީކުރަން 67 މިލިއަން ރުފިޔާގެ މަޝްރޫއެއް

ހަތަރު އަތޮޅުގެ ނުވަ ރަށެއްގެ ސްކޫލުތަކުގައި ހޯލާއި ކްލާސްރޫމް އެޅުމަށް 67 މިލިއަން ރުފިޔާގެ އެއްބަސްވުންތަކެއްގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކުރީ، ރ. އަތޮޅުގެ ތިން ސްކޫލާއި، ކ. އަތޮޅުގެ ތިން ސްކޫލާއި، އައްޑު އަތޮޅު ހިތަދޫގެ ތިން ސްކޫލެއްގެ އިތުރުން ނ. ހޮޅުދޫ ސްކޫލުގައި އިމާރާތްތަކެއް އެޅުމަށެވެ. ރ. އަތޮޅާއި ނ. އަތޮޅުގެ ސްކޫލުތަކުގައި އިމާރާތްކުރާ ތަންތަން އަޅަން ހަވާލުކުރީ "ވީ އަވާ" އިންވެސްޓްމަންޓް ކުންފުންޏާ އެވެ. ކ. އަތޮޅާއި ސ. އަތޮޅުގެ ސްކޫލުތަކުގެ އިމާރާތްތައް އަޅަން ހަވާލުކުރީ "އެސް ޖޭ ކޮންސްޓްރަކްޝަން" އާ އެވެ. އެ ހުރިހާ ސްކޫލެއްގައި އަޅާ އިމާރާތްތަކުގެ ޖުމްލަ އަގަކީ 67،522،962ރ. އެވެ.

އެއްބަސްވުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އޮފިސާ އިބްރާހިމް އިސްމާއިލް އެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ޑިރެކްޓަރު ޝިހާދު އިބްރާހިމް އެވެ. ވީ އަވާ އިންވެސްޓްމަންޓްގެ ފަރާތުން ޖެނަރަލް މެނޭޖާ ހަމްދޫން އަނީސް އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ސްކޫލްތަކުގައި އަޅާ އިމާރާތްތައް:

ރ. އިންގުރައިދޫ ސްކޫލް - 8 ކްލާސްރޫމްގެ ދެ ބުރި އިމާރާތް - 6.7 މިލިއަން ރުފިޔާ
ރ. ރަސްމާދޫ ސްކޫލް - 5 ކްލާސްރޫމް ހިމެނޭ ހޯލެއް - 3.7 މިލިއަން ރުފިޔާ
ރ. އަތޮޅު ތައުލީމީ މަރުކަޒު - ހޯލެއް - 6.8 މިލިއަން ރުފިޔާ
ނ. ހޮޅުދޫ މޭނާ ސްކޫލް - ހަ ކްލާސް ރޫމާއި ހޯލެއް - 8 މިލިއަން ރުފިޔާ
ކ. ދިއްފުށި ސްކޫލް - 6 ކްލާސްރޫމްގެ ދެބުރި އިމާރާތް - 6 މިލިއަން ރުފިޔާ
ކ. ގާފަރު ސްކޫލް - ސްކޫލުގެ ވަށާ ފާރާއި 8 ކްލާސްރޫމްގެ ދެބުރި އިމާރާތް - 7 މިލިއަން ރުފިޔާ
ކ. އަތޮޅު ތައުލީމީ މަރުކަޒު - ހޯލެއް - 10 މިލިއަން ރުފިޔާ
އައްޑު އަތޮޅު ހިތަދޫ ނޫރާނީ ސްކޫލް - 8 ކްލާސް ރޫމްގެ ދެ ބުރި އިމާރާތް - 7.6 މިލިއަން ރުފިޔާ
އައްޑު އަތޮޅު ހިތަދޫ ސްކޫލް - ހޯލެއް - 10.5 މިލިއަން ރުފިޔާ

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން ނ. ހޮޅުދޫ މޭނާ ސްކޫލުގައި އަޅާ އިމާރާތްތަކަށް ހަރަދުކުރަން ނިންމާފައިވަނީ ވޯލްޑް ބޭންކުން އެޑިއުކޭޝަން މިނިސްޓްރީއަށް ދީފައިވާ 54 މިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން ނެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކާ ބެހޭގޮތުން މީޑިއާ އަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، މިއަހަރުގެ ޕީއެސްއައިޕީ އިން ތައުލީމީ ދާއިރާއަށް ކަނޑައެޅުނީ 359 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. މިއަދު ސޮއިކުރި އަށް ޕްރޮޖެކްޓުގެ އިތުރުން ޕީއެސްއައިޕީގެ ތެރެއިން މިހާރު ޖުމްލަ 40 ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ޕްރޮޖެކްޓް ތަކުގެ ތެރެއިން އެކި ރަށްރަށުގައި 270 އަށް ވުރެ ގިނަ ކްލާސްރޫމްތައް އިމާރާތްކުރަމުން ދާ ކަމަށެވެ.

ޝަފީއު ވިދާޅުވީ ޕީއެސް އައިޕީގެ ތެރެއިން މިހާރުވެސް 32 ޕްރޮޖެކްޓެއް އިއުލާނުކޮށް، އެ ޕްރޮޖެކްޓްތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.