ހަބަރު

"ރަމަޟާން ފްރެޝް މާކެޓް" ގެ ސްޓޯލް ތަކަށް ކުރިމަތިލާން ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކޮންމެ ރޯދަމަހަކާ ދިމާކޮށް ބާއްވާ ރަމަޟާން ޕްރެޝް މާކެޓްގެ ސްޓޯލްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރަމަޟާން ފްރެޝް މާކެޓަކީ ރޯދަމަހަށް ބޭނުންވާ ކާބޯތަކެތީގެ އެކި ބާވަތްތައް އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީން ބާއްވަމުން އަންނަ މާރުކޭޓެކެވެ. މިއަހަރު ބާއްވަން ހަމަޖެހިފައިވާ މާރުކޭޓުގައި 30 ސްޓޯލާއި ދެ ރެސްޓޯރަންޓް ހިމަނަން ނިންމާފައިވާއިރު، އެ ސްޓޯލް ތަކަށް އެދުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ވަނީ ހުޅުވާލާފަ އެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިއަހަރުގެ މާރުކޭޓުގައި ވެސް ކައްކައި ކެއުމަށް ބޭނުންކުރާ އެކި ބާވަތުގެ ތަކެތި އެއްތަނަކުން އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ރޯދަ މަހަކީ އާންމުކޮށް ކާބޯތަކެތީގެ އަގު މައްޗަށް ދާ މަހަކަށް ވުމުން، ތަކެތީގެ އަގު މާ މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށް ކާބޯތަކެތި ވިއްކާ ފަރާތްތަކާ ވެސް އެ މިނިސްޓްރީން ބައްދަލުކޮށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް، މާރުކޭޓުގެ ސްޓޯލްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަންނަ އާދީއްތަ ދުވަހު ސްޓޯލްތައް އެކި ފަރާތްތަކާ ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ރަމަޟާން ޕްރެޝް މާކެޓުގައި ހިމަނާ ސްޓޯލްތައް:

ފަސް މޭވާ ސްޓޯލް
ފަސް ތަރުކާރީ ސްޓޯލް
ކަދުރު ސްޓޯލެއް
ފިޔާ އަލުވި ވިއްކާ ދެ ސްޓޯލް
ފަރުމަހާއި ކަނޑުމަސް ވިއްކާ ތިން ސްޓޯލް
ކުކުޅާއި ފްރޯޒަން މީޓް ވިއްކާ ތިން ސްޓޯލް
ވަގުތުން ހެދިކާ ހަދާލެވޭ ތިން ސްޓޯލް
ޖޫސް ގިރައިދޭ ދެ ސްޓޯލް
ޖޫސް ދަޅުތަކާއި ޕެކެޓް ވިއްކާ ދެ ސްޓޯލް
ރަށްތަކަށް ހާއްސަ ދެ ސްޓޯލް
ދެ ރެސްޓޯރަންޓް

އިކޮނޮމިކް މިނިސްޓްރީން ބުނީ އެއްވެސް ސްޓޯލެއްގެ އަގު 7،000ރ. އަށްވުރެ ބޮޑު ނުވާނެ ކަމަށެވެ. އަދި ދޫކުރާ ސްޓޯލްތަކުގެ ތެރެއިން ދެ ސްޓޯލެއް ރަށްރަށުން ގެންނަ ތަކެތި ވިއްކަން ހާއްސަކޮށްފައިވާނެ ކަމަށެވެ. މާރުކޭޓު ކުރިއަށްދާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސައްވާލު މަހުގެ ހަ ރޯދަ އާ ހަމައަށެވެ. މިއަހަރުގެ މާރުކޭޓުވެސް އޮންނާނީ ކާނިވަލުގެ ޕާކިން ލޮޓުގަ އެވެ.