ހަބަރު

ފްލައިޓެއް ފޮނުވައިގެން ވިޔަސް ހެކިން ކޯޓަށް ހާޒިރުކޮށްދީ: ބާރީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިން ރާއްޖޭގައި ބޭރުގައި ތިބި ނަމަ ފްލައިޓެއް ފޮނުވައިގެން ނަމަވެސް އެ މީހުން ކޯޓަށް ހާޒިރުކޮށް ދިނުމަށް މައްސަލަ ބައްލަވައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ، އަބްދުލް ބާރީ ޔޫސުފް ދައުލަތުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ކްރިމިނަލް ކޯޓްގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބާ ދެކޮޅަށް ހުށަހެޅި ހެއްކެއް ކޯޓަށް ހާޒިރު ނުކުރެވުނީ، އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށް ދައުލަތުގެ ވަކީލް ކޯޓްގައި ވިދާޅުވި އެވެ. އެކަމާ ގުޅިގެން ބާރީ ވިދާޅުވީ މައްސަލަތައް އަވަސް ކުރަން ޖެހޭ ކަމަށާއި މައްސަލައިގައި ހެކިބަސް ދޭން ޖެހޭ މީހަކު ރާއްޖެއިން ބޭރުގައި ހުރި ނަމަ، ފްލައިޓެއް ފޮނުވައިގެން އެ މީހަކު ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދޭ ކަމަށެވެ. އަދި ބާރީ ވަނީ އެ ތަނަވަސްކަން ދައުލަތުގައި ހުރިތޯ ދައުލަތުގެ ވަކީލް އާ ސުވާލު ކުރައްވައިފަ އެވެ.

ވަކީލް ވިދާޅުވީ އެކަން ސާފު ކުރެއްވުމަށް ފަހު އަންގަވާނެ ކަމަށެވެ. ރައީސް ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި، ސިފައިންގެ މީހަކު އަދީބާ ދެކޮޅަށް މިއަދު ވަނީ ކޯޓްގައި ހެކިބަސް ދީފަ އެވެ. ހަތިޔާރާއި ގޮވާތަކެތީގެ ރޮގުން އަސްކަރީ ތަމްރީން ހޯދާފައިވާ އެ ސިފައިންގެ މީހާ ކޯޓްގައި ބުނެފައި ވަނީ ލޯންޗެއް ގޮއްވާލުމަށް އަދީބަށް ގޮވާ އެއްޗެއް ތައްޔާރުކޮށްދިން ކަމަށް އެއްބަސްވެފަ އެވެ.