ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން ރާއްޖެ އަށް ސަދަގާތުގެ ގޮތުގައި ހަދިޔާ ކުރާ ސާމާނު ބައެއް ފަރާތްތަކުން ނުހަމަ ގޮތުގައި ބޭނުންކުރުން އާންމުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ޖިހާދު ވިދާޅުވެއްޖެ އެވެ.
ސައުދީ ރަސްގެފާނުގެ ކިންގް ސަލްމާން ރާއްޖެއަށް ހަދިޔާކުރެއްވި، 50 ޓަނުގެ ކަދުރާއި ހަވާލުވެލެއްވުމަށް ފަހު، މިނިސްޓަރ ޖިހާދު ވިދާޅުވީ މިފަދަ ކަންކަން ރާއްޖޭގެ މުޖުތަމައުގައި އާންމުވެފައިވާ ކަމަށެވެ. އަދި، އެފަދަ ކަންކަން ނުކުރެއްވުމަށް މިނިސްޓަރ ޖިހާދު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް ދިން ހަދިޔާއަށް ޝުކުރުދަންނަވަމުން މިނިސްޓަރ ވިދާޅުވީ ރޯދަ މަސް ވަރަށް ކައިރިވެފައިވާ ކަމަށާއި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކަދުރު ރައްޔިތުންނަށް ބެހުމުގެ މަސައްކަތް އަވަސްކުރައްވާނޭ ކަމަށެވެ. މިނިސްޓަރ ޖިހާދު ވަނީ ސައުދީ ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ. އަދި، ސައުދީ ސަރުކާރުން ކެނޑިނޭޅި ކޮންމެ ރޯދަ މަހަކު ވެސް ކަދުރުދޭ ކަމަށާއި މިއީ ދެގައުމުގެ މެދުގައި އޮތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ސައުދީ ސަރުކާރުން ދަނީ ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ރާއްޖެއަށް ކަދުރު ފޯރުކޮށްދެމުންނެވެ.