ހަބަރު

ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރު ނެރެން އެންގީ ޖަމީލް: ހެކިން

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަންގަވައިގެން ކަމަށާއި އެކަމުގައި އިސްކޮށް ހުރީ އެބޭފުޅާ ކަމަށް ބުނެ، ކްރިމިނަލް ކޯޓްގައި މިހާރު ހިނގަމުން އަންނަ އެ މައްސަލައިގެ އަޑުއެހުމުގައި ތިން މީހަކު މިއަދު ހެކިބަސް ދީފި އެވެ.

ރައީސް ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރުނު ކަމުގެ ތުހުމަތުގައި ދައުވާ ކުރީ މާމިގިލީ ކޯޓްގެ ގާޒީ، އަހުމަދު ނިހާންގެ މައްޗަށާއި ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށެވެ.

މިއަދު ބޭއްވި އެ މައްސަލަތަކުގެ ޝަރީއަތުގައި ހެކިބަސް ދީފައި ވަނީ އެ އަމުރު ނެރުމަށް ކުރީގެ ޕީޖީ މުހުތާޒް މުހުސިންއާ އެކު އދ. މާމިގިލީ ކޯޓަށް ރޭގަނޑު ދަންވަރު ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ބަޔެކެވެ. އޭގެ ތެރެއިން އެއް ހެއްކަކު އަދި ބުނީ، ރާއްޖެ ޓީވީގެ ޗެއާމަން، އަކުރަމް ކަމާލުއްދީން ވެސް އެކަމުގައި ބައިވެރިވެފައިވާ ކަމަށެވެ.