ވިޔަފާރި

ދިރާގު ރޯދަ ހަދިޔާ: ބޮޑެތި އިނާމުތަކެއް ގިނަ ޕްރޮމޯޝަންތަކެއް!

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ދިރާގުން ކުރިއަށްގެންދާ "ދިރާގު ރޯދަ ހަދިޔާ"ގެ މިފަހަރުގެ ޕްރޮމޯޝަނުގައި ވެސް އަގުހުރި ބޮޑެތި އިނާމްތަކެއް ހިމަނައިފި އެވެ.

ދިރާގުން އަންނަނީ ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ގުޅުވައިގެން ހާއްސަ ހިދުމަތުގެ ޕެކޭޖްތަކާއި އަގުހުރި ހަދިޔާތަކެއް މުޅި ރޯދަމަހުގެ ތެރޭގައި ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލަދެމުންނެވެ. އެގޮތުން މިއަހަރުގެ ދިރާގު ރޯދަ ބޮޑު ހަދިޔާގެ ސްޕޮންސަރަކަށް ރީޕްސައިޑް އިލެކްޓްރޯނިކް ހަމަޖެހިފައިވާއިރު އެކުންފުނިން ވަނީ ދިރާގު ރޯދަ ބޮޑު ހަދިޔާގެ ގޮތުގައި ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ދިރާގު ކަސްޓަމަރަކަށް 50،000ރ. ގެ އަގުހުރި އިނާމުތަކެއް ދޭން ނިންމާފަ އެވެ.

ކޮންމެ ހަފުތާއަކު ހޮވޭ ފަރާތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި؛ އެލްޖީ އޮޓޯ މެޝިނަކާއި ޓީވީއަކާއި ފްރިޖެއްގެ އިތުރުން އަދިވެސް އިތުރު ސާމާނު ހިމެނެއެވެ. ރޯދަ ބޮޑު ހަދިޔާގެ ފުރަތަމަ ނަސީބު ވެރިޔާ ހޮވާފައިވަނީ މިއަދު އެވެ. ނަމަވެސް އެފަރާތާއި އިނާމް ހަވާލުކުރާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން މިއަހަރުގެ ރޯދަމަހާއި ގުޅިގެން ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހާއްސަ އެހެން ހިދުމަތްތަކުގެ ތެރޭގައި އެހެން އަހަރެކޭވެސް އެއްގޮތަށް 50 ޕަސެންޓް އިތުރު ޑާޓާ އެލަވަންސް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިނުމާއި، ހުކުރު ދުވަހު ހިލޭ ކޯލް ކުރުމުގެ ހިދުމަތް ހިމެނެއެވެ. އަދި ދިރާގުން ވަނީ ހިލޭ ރޯދަ ވީއްލުމެއް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. ރޯދަ ވީއްލުން ހޯދުމަށް އެސްއެމްއެސް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް ހުޅުލޭ އައިލަންޑް ހޮޓަލުގައި އިތުރު ފަސް މީހުންނާ އެކު ރޯދަ ވީއްލުމުގެ ފުރުސަތު ވެސް ދިރާގުން ދޭނެ އެވެ.

ދިރާގުން ބުނީ މިއަހަރު ވެސް ސައޫދީ އަށް ގުޅާލުމަށް އެންމެ އަގުހެޔޮ އައިޑީޑީ ރޭޓް އެކުންފުނީގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ނަމާދު ވަގުތު އެލާޓް ފޮނުވުމުގެ ހިދުމަތް ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މިފަހަރުވެސް ހުޅުވިފައިވާ ކަމަށް ދިރާގުން ބުންޏެވެ.