ހަބަރު

ގަވައިދާ ހިލާފަށް ގަމުން ގޯތި ދިން މައްސަލާގައި ހިމެނޭ މީހުންގެ ބަންދަށް ހައިކޯޓުގެ ތާއީދު

Feb 10, 2015

ލ.ގަމުގެ ކުރީގެ ކައުންސިލުން ގަވާއިދާ ހިލާފަށް ގޯތި ދޫކުރި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހެއްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ގަމު މެޖިސްޓްރޭޓް ކޯޓުން ދިން އަމުރަކަށް ހައްޔަރުކުރީ ކައުންސިލްގެ ކުރީގެ ރައީސް އަހްމަދު ސަލާހާއި މިހާރުގެ ކައުންސިލްގެ ދެ މުވައްޒަފެއް ކަމަށްވާ ހުސައިން އިބްރާހިމް އާއި މުހައްމަދު އަބޫބަކުރެވެ. މި މީހުންގެ ތެރެއިން އަހްމަދު ސަލާހާއި ހުސައިން އިބްރާހިމް ހައްޔަރު ކުރަން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

މި މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ލ.ގަމުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯތިތަކެއް ގަވައިދާ ހިލާފަށް އެކި މީސްމީހުންނަށް ވިއްކުމާއި އެ ގޯތިތަކަށް ސައްހަ ނޫން ރަޖިސްޓްރީ ހަދައިދީފައިވުމެވެ. އެހެންވެ މި މީހުންގެ މައްޗަށް، ފޯޖް ކުރުމާއި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

އަހްމަދު ސަލާހާއި ހުސައިން އިބްރާހިމް 15 ދުވަހު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ނެރުނު އަމުރު ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފް ކަމަށް ބުނެ އިސްތިއުނާފު ކުރި ނަމަވެސް ހައި ކޯޓުން ނިންމާފައި ވަނީ ގަމު މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މީހުން ބަންދުކުރީ ހެކިންނަން ނުފޫޒު ފޯރުވައި ހެކި ނައްތާލަން މަސައްކަތް ކޮށްފާނެ ކަމަށް ބަލާފައި ކަމަށް ވާއިރު ހައި ކޯޓުން ވަނީ މި ސަބަބަށް ތާއީދުކޮށްފަ އެވެ. އެހެންވެ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑަައަޅައިފަ އެވެ.

ގަވައިދާ ހިލާފަށް ގޯތި ދޫކޮށް، ސައްހަ ނޫން ރެޖިސްޓްރީ ހަދައިދިން މައްސަލާގައި ފުލުހުން ވަނީ ގަމު ކައުންސިލް އިދާރާ ފާސް ވެސް ކޮށްފަ އެވެ.