ބޮލީވުޑް

15 އަހަރު ފަހުން އަމީތާބް އަދިތްޔަގެ ފިލްމަކުން

Jun 4, 2016

މެގަސްޓާ އަމީތާބް ބައްޗަން މަޝްހޫރު ޑައިރެކްޓަރު އަދިތްޔަ ޗޯޕްޅާގެ ފިލްމެއް ކުޅޭކަން ޔަގީންކޮށްދީފި އެވެ.

އަމީތާބް ވަނީ އަދިތްޔަގެ ފިލްމެއް ކުޅޭ ނަމަވެސް އެފިލްމު ވާހަކަ އަދި އަދިތްޔަ ހިއްސާނުކުރާ ކަމަށް ބުނެފަ އެވެ. އަދި މިވަގުތު އެފިލްމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ބުނެވެސް ނެތް ކަމަށްވެސް ބުނެފަ އެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އަދިތްޔަ އަލުން ފިލްމު ޑައިރެކްޓްކުރަން ފަށާފައިވާއިރު، މިހާރު އަންނަނީ ފުރަތަމަ ފިލްމު "ބޭފިކްރޭ" ގެ މަންޒަރުތައް ނަގަމުންނެވެ.

އަދިތްޔަގެ ފިލްމެއް އަމީތާބް ކުޅެން އުޅޭ ވާހަކަަތައް ދެކެވެން ފެށުމާއެކު ވަނީ މިފިލްމަކީ "ދޫމް 4" ކަމަށް ބުނެފަ އެވެ. ނަމަވެސް ބޮލީވުޑްގެ ރިޕޯޓްތައް ބުނާގޮތުން އަމީތާބް ކުޅުމަށް ހަމަޖެހިފައިވަނީ އެހެން ފިލްމެވެ.

މިފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ "ދޫމް" ސިލްސިލާގެ އެންމެފަހުގެ ފިލްމު "ދޫމް 3" ޑައިރެކްޓްކޮށްފައިވާ ވިޖޭ ކްރިޝްނަ އަޗާރިޔާ އެވެ. ވިޖޭ ވެސް ވަނީ އޭނާ އާއ އަދިތްޔަ އަމީތާބް ހިމަނައިގެން ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށާއި އެފިލްމާ ގުޅޭގޮތުން އަމީތާބްއާ ވާހަކަދައްކަމުން އަންނަތާ ވަރަށް ދުވަސްވެފައިވާ ކަމަށް ބުނެފަ އެވެ.

ދެން އެންމެ އަވަހަށް "ޓީން" އިން ފެނިގެންދާ އަމީތާބް މިފިލްމުގެ އިތުރުން ހަތަރު ފިލްމެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އަމީތާބް މީގެކުރިން ފެނިގެންގޮސްފައިވާ ފިލްމު، "މޮހައްބަތޭން" އަކީ އަދިތްޔަ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެފިލްމު ރިލީޒްވެފައިވަނީ 2000 ވަނަ އަހަރު އެވެ. މީގެއިތުރުންވެސް އަމީތާބް ވަނީ އަދިތްޔަގެ ޔާޝް ރާޖްސް އިން އުފައްދާފައިވާ "ކަބީ ކަބީ" އާއި "ކާލާ ޕައްތަރު" އާއި "ބަންޓީ އޯރް ބަބްލީ" ގެ އިިތުރުން "ވީރް ޒާރާ" އާއި "ޖޫމް ބަރާބަރް ޖޫމް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.