ބޮލީވުޑް

ރަންބީރާއި ކެޓްރީނާ އަލުން ގުޅޭތޯ ކަރީނާ މަސައްކަތް ފަށައިފި

Jun 4, 2016

މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހައަހަރުވީ ލޯބީގެ ގުޅުން ނިންމާލިތާ މިހާރު ހަވަރަކަށް މަސް ދުވަސް ވާން ގާތް ވަމުން އައި ނަމަވެސް މިދެތަރިންގެ ލޯބީގެ ވާހަކައަށް ނިމުމެއް ނެތެވެ.

މިދެތަރިން ވަކިވާން މެދުވެރިވި ސަބަބެއް އަދިވެސް ނޭނގޭއިރު، ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކޮށް އެގުޅުމަށް އިތުރު ފުރުސަތެއް ދޭން މިދެތަރިން ބޭނުންވި ހެނެއް ހިޔެއް ނުވެ އެވެ.

ރަންބީރް އާއި ކެޓްރީނާ ރުޅިވެ، ދެމީހުން އެކުގައި ދިރިއުޅެމުން އައި ގެއިން ރަންބީރު ނިކުމެގެން ދިއުމުން މިދެތަރިން ސުލްހަކުރެވޭތޯ ރަންބީރުގެ ދައްތަ، އަދި ބަތަލާ ކަރީނާ ކަޕޫރު ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ.

އެގޮތުން ކަރީނާ ވަނީ ރަންބީރާ ކެޓްރީނާގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކޮށް މިދެތަރިން އަލުން ގުޅުވޭތޯ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ރަންބީރާ ކެޓްރީނާ ވަނީ އެދެމީހުން ދެމެދުގައި އަލުން ގުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ. ކަރީނާގެ އުންމީދުގެ ހުޅުކޮޅު ދިއްލުނީ، ރުޅިވިފަހުން އެކަކު އަނެކަކާ މިދެތަރިން ވާހަކަ ނުދައްކާ އެތަކެއް ދުވަހު ތިބުމަށްފަހު އެކުގައި ކުޅެމުން އައި ފިލްމު "ޖައްގާ ޖާސޫސް" ގެ ޝޫޓިން އަލުން ފެށުމުންނެވެ. ފިލްމުގެ ޝޫޓިންގައި އެކުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އަލުން މިދެތަރިންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވާނެ ކަމަށް ކަރީނާ އުންމީދުކުރި އެވެ.

ކަރީނާގެ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މޮރޮކޯގައި ނެގު މިފިލްމުގެ މަންޒަރުތަކުގެ ޝޫޓިންގެ ތެރެއިން މިދެތަރިން ވަނީ އެކަކު އަނެކަކާ ވާހަކަދައްކަން ފަށާފަ އެވެ. އެގޮތުން މިހާރު ކުރިން އޮތް ކަހަލަ ގާތްގުޅުމެއް ނެތް ނަމަވެސް އެކަކު އަނެކަކާ ވާހަކަދައްކާ ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި ކަރީނާ މިހާރު ވެސް އަންނަނީ ރަންބީރާ ކެޓްރީނާ އަލުން ގުޅުވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ.

އެންމެ ފުރަތަމަ ރަންބީރު ކެޓްރީނާއާ ލޯބީގެ ގޮތުން ގުޅުމުން ރަންބީރު އާއިލާ އެކަމާ ނުރުހުނު ނަމަވެސް ރަންބީރަށް އެކަމަށް އެންމެ ބޮޑު ހިތްވަރު ދިން މީހަކީ ކަރީނާ އެވެ. މިދެތަރިން ލޯބީގެ ގޮތުން ގުޅުނު ފަހުން އެކި ފަހަރު މަތިން ކަރީނާ ވަނީ ކެޓްރީނާ އަކީ އޭނާގެ ކޮއްކޮ އަށް އެންމެ އަކަށީގެންވާ ބައިވެރިޔާ ކަމަށާއި އޭނާ ބޭނުންވަނީ އެދެތަރިން ވީހާވެސް އަވަހަކަށް ކައިވެނިކުރުން ކަމަށް ވެސް ބުނެފަ އެވެ.