ހަބަރު

މަރާމާރީ ތަކަށް ފަހު 19 މީހަކު ހައްޔަރުކޮށްފި

މިރޭ މާލޭގައި ހިނގި ދެ މާރާމާރީއާ ގުޅިގެން ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނުގައި ތިން ގެއެއް ބަލައި ފާސްކޮށް ޖުމްލަ 19 މީހަކު ހައްޔަރުކޮށްފި އެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ 15 މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެންމެ ފަހުން ބަލައި ފާސްކުރި، މ. ލޮނުމިދިލިގެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ފާސްކުރީ، މ. ޖޭޑް އަދި ހ. ދޫހިމިރިގެ އެވެ. އަދި މ. ޖޭޑުން ހަތް މީހަކު ހައްޔަރުކޮށް، ދޫހިމިރިގެއިން 8 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މި 19 މީހުން ހައްޔަރުކޮށްފައިވަނީ ސީދާ މިރޭ ހިނގި މާރާމާރީއާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.

މަގު މައްޗަށް އިތުރު ފުލުހުން ނެރެ ހާއްސަ އޮޕަރޭޝަނެއް ފެށީ، އުމުރުން 14 އަހަރުގެ ދެ ފިރިހެން ކުދިން މަރުވެފައިވަނިކޮށެވެ. މި އޮޕަރޭޝަނުގެ ދަށުން ހާއްސަ ޗެކް ޕޮއިންޓްތަކެއް ގާއިމުކޮށް ވެހިކަލްތަކާއި މީހުން ދަނީ ފާސްކުރަމުންނެވެ.

މާލޭގައި މިރޭ ދެ މާރާމާރީއެއް ހިނގާފައިވާއިރު، މިރޭ ފުރަތަމަ މާރާމާރީ ހިނގާފައިވަނީ މާފަންނުކޮޅުގަ އެވެ. އެ މާރާމާރީގައި ކަރަށް ވަޅި ހަރައި ޒަހަމްކޮށްލި އުމުރުން 14 އަހަރުގެ ކުއްޖާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 7:40 ހާއިރު އެވެ. ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް އޮތީ ހޭނެތިފަ އެވެ. ދެވަނަ މާރާމާރީ ހިނގާފައިވަނީ، މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރޭގަ އެވެ. މި މާރާމާރީގައި ވެސް ޒަހަމްވީ އުމުރުން 14 އަހަރުގެ ކުއްޖަކަށެވެ. ވަޅި ހެރުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވެފައިވަނީ މިރޭ 10:30 ހާއިރު ކަމަށް އައިޖީއެމްއެޗްއިން ބުނެ އެވެ.