ހަބަރު

އިންސާނީ ވަގުފާރިއާބެހޭ ސެޝަނެއްގެ ރިޔާސަތު ޕީޖީ ބަލަހައްޓަވައިފި

ޕޯޗުގަލްގެ ލިސްބަންގައި މިހާރު ކުރިއަށްދާ 15 ވަނަ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސް (އައިއޭޕީ)ގެ ޔޫރަޕިއަން ރީޖަނަލް ކޮންފަރަންސްގެ އިއްޔެގެ ހެނދުނުގެ ދަންފަޅީގައި 'ހިއުމަން ޓްރެފިކިންގ ވިތިން އަ ޓްރާންސްނޭޝަނަލް ލީގަލް ފްރޭމްވަރކް' މި ތީމްގެ މައްޗަށް އޮތް ސެޝަނެއްގެ ރިޔާސަތު ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ބަލަހައްޓަވައިފި އެވެ.

މި ދަންފަޅީގައި ހުށަހަޅައިދިން ޕްރެޒެންޓޭޝަންތަކުގައި އަލިއަޅުވާލާފައިވަނީ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއިން ހުކުމްކޮށްފައިވާ އިންސާނީ ވަގުފާރިއާބެހޭ މައްސަލައަކާ ގުޅޭގޮތުންނާއި މިދާއިރާއިން ޕްރޮސިކިއުޓަރުންނާއި ޖުޑީޝަރީ ޕްރޮފެޝަނަލުން ތަމްރީންކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

ޕީޖީ ބިޝާމް މިއަދުގެ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައިދެއްވާފައިވަނީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ ދައުވަތަކަށެވެ.

ޕީޖީ ބިޝާމް މިވަގުތު ޕޯޗުގަލްގެ ލިސްބަންގައި ހުންނެވީ މިދިޔަ މަހުގެ 31 އިން މިއަދުގެ ނިޔަލަށް ކުރިއަށްދާ ދެވަނަ އައިއޭޕީ ގްލޯބަލް ފޯރަމް ފޯ އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސް އަދި 15 ވަނަ އައިއޭޕީ ޔޫރަޕިއަން ރީޖަނަލް ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަކީ އައިއޭޕީގެ މެންބަރެއްވެސްމެއެވެ.