- ކަރާ ކިލޯއެއް ހުރީ 30ރ. އަށް
- މީގެ ދެ ދުވަސްކުރިން ހުރީ 20ރ. އަށް
- ބިސް ކޭހެއް 450ރ. އަށް
ރޯދަ މަސް ފެށެން ދެ ދުވަހަށްވުމާއެކު ބާޒާރުގައި މުހިންމު ގިނަ ބާވަތްތަކެއްގެ އަގުތައް މިއަދު އުފުލިއްޖެ އެވެ.
ބާޒާރުގެ ވިޔަފާރި މިއަދު ހެނދުނު ހުޅުވުމާއެކު އަގުތައް ބަލައިލިއިރު، އެންމެ މުހިންމު ބާވަތެއްގެ ގޮތުން އަގު ބޮޑުވެފައިވަނީ ކަރާގެ އަގެވެ. މީގެ ތިން ދުވަސް ކުރިން 20-25ރ. އަށް ވިއްކަމުން ދިޔަ ކަރާ ކިލޯއެއްގެ އަގު މިހާރު ހުރީ 30-35ރ. އަށެވެ. އަދި ބާޒާރުގައި ކަރާ މަދުކަން ވެސް ފާހަގަ ކުރެ އެވެ.
މީގެ އިތުރުން އަގުތަކަށް ބޮޑު ބަދަލެއް އައިސްފައިވާ އަނެއް ބާވަތަކީ ބަނކުކޭލެވެ. އެންމެ ބަނބުކޭލެއްގެ އަގު ހުރީ 50-70ރ. އާ ދެމެދުގަ އެވެ. މިއީ މީގެ ތިން ދުވަސް ކުރިން 30ރ. އަށް ލިބުނު އެއްޗެކެވެ. އަދި ދޮންކެޔޮ ވަކެއްގެ އަގު ވަނީ 4ރ.އަށް މައްޗަށް ޖެހިލާފަ އެވެ. މީގެ ތިން ދުވަސް ކުރިން 2-3ރ. އަށް ލިބުނު އެއްޗެކެވެ.
ދަނޑުވެރިންގެ ތަކެތި ވިއްކާ މާރުކޭޓުގައި ތިބޭ މީހުން ބުނާ ގޮތުގައި އަގުތައް އުފުލުމުގެ މައިގަނޑުއެއް ސަބަބަކީ އެކަށީގެންވާ ވަރަށް ބާވަތްތައް ނުލިބުމެވެ.
"މާދަމާ ގިނަ އެއްޗިހި ލިބޭނީ. އަގުތައް މަތިވަނީ މިހެންވެ،" ގޮޅިއެއްގައި ހުރި ވިޔަފާރިވެރިއަކު ބުންޏެވެ.
މާރުކޭޓުގެ ގޮޅިތައް ބަލައިލުމުން ވެސް އަދި ފެންނަނީ ފަޅުކަމެވެ. އެހެންވެ މިކަން ފޫބެއްދުމަށް ރާއްޖެ އަށް އިމްޕޯޓްކުރާ ގިނަ ބާވަތްތަކެއް ގެނެސް ދަނީ ވިއްކަމުންނެވެ. މި ކަމަކީ މަނާކަމެއް ނަމަވެސް އެކަން ކުރެ އެވެ.
ބިހުގެ އަގު ވެސް މަތި!
ބާޒާރުގައި މިހާރު އަގުތައްމަތިވި އަނެއް ބާވަތަކީ ކުކުޅު ބިހެވެ. މީގެ ތިން ދުވަސް ކުރިން 380ރ. އަށް ވިއްކަމުން ދިޔަ ބިސް ކޭހެއްގެ އަގު ވަނީ 450ރ. އަށް މައްޗަށް ގޮސްފަ އެވެ. ނަމަވެސް ފިޔާ، އަލުވި އަދި ބިހުގެ އަގުތައް ހުރީ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ.
ކޮންމެއަކަށް ރޯދަ މަސް ފެށެން ދެން މި އޮތީ އެންމެ ދެ ދުވަހެވެ. އާއްމު އުސޫލުގެ ދަށުން މި އަހަރު ވެސް މި ފެންނަނީ ބާޒާރު ތެޅިގަނެ މުހިންމު ބާވަތްތަކަކުގެ އަގުތައް މައްޗަށް ޖެހިލިތަނެވެ.