ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ އަދީބުގެ ޝަރީއަތް ސިއްރުކޮށްފި

Jun 4, 2016

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގައި ކްރިމިނަލް ކޯޓްގައި މިއަދު ބާއްވާ އަޑުއެހުންތައް ސިއްރުކުރަން ކޯޓުން ނިންމައިފި އެވެ.

މިއަދު ކޯޓްގައި ޝެޑިއުލްކޮސްފައި އޮތީ، ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ތުހުމަތުކޮށް އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައިގެ އަޑު އެހުމާއި އެމްއެމްޕީއާރުސީއަށް ރަށެއް ވިއްކައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ އަޑުއެހުމެކެވެ. އެ ދެ މައްސަލައިގައި ވެސް މިއަދު އޮތީ އަޑުއެހުންތައް ނިންމައި، ހުލާސާ ބަޔާން އިއްވުމެވެ.

ކްރިމިނަލް ކޯޓުން ބުނީ މައްސަލަތައް ސިއްރުކުރީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ އެކަމަށް ބަލާފައި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ކޯޓުން ނުދެ އެވެ.

މީގެ ކުރިން އެ މައްސަލަތަކުގެ އަޑުއެހުންތަކަށް ނޫސްވެރިން ވައްދާފައިވެ އެވެ.