ޒަމާނުއްސުރެ ރާއްޖެއާ އިންޑިޔާއާ ދެމެދު އުފެދިފައިވަނީ ދެ ގައުމެއްގެ މެދު އޮންނާނެ އެންމެ ގާތްގުޅުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިޔާގައި ކުރިޔަށްގެންދިޔަ 15 ވަނަ ދެއްލީ ސަަސްޓެއިނަބްލް ޑިވެލޮޕްމެންޓް ސެމިނާގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑު ބަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އިއްޔެ މޯދީއަށް ފޮނުއްވެވި ސިޓީފުޅެއްގަ އެވެ.
ރައީސް މައުމޫން ދެއްލީން އެނބުރި ވަޑައިގެން އިއްޔެ އިއްޔެ ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ރައީސް ކަމުގެ މަގާމުގައި އެމަނިކުފާނު ހުންނަވައިގެން ދެ ގައުމުގެ ދޭތެރޭގައި އުފެދިފައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާ ގާތްގުޅުމެއް ގާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވައި އެކަން ކުރެއްވިފައިވާތީ އުފާ ކުރައްވާ ކަމަށެވެ.
ރާއްޖޭގެ ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން އިންޑިޔާގައި ދެ ބޭފުޅުން ބައްދަލު ކުރައްވާ އެއްބަސްވެ ވަޑައިގެންނެވި ގޮތަށް ދެ ގައުމުގެ މެދުގައިވާ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.