ރޯދަ މަސް

ކާށިދޫ ދަނޑުވެރިކަން ހީނަރުވެ މާލެ ގެނެވޭ ތަކެތި މަދުވާނެ

Jun 5, 2016
  • ކަރާ ހެއްދީ މަދު ދަނޑެއްގައި
  • އަގުތައް ބޮޑުވާނެ ކަމަށް ކައުންސިލުން ބުނޭ
  • ގިނައިން ގެނެވޭނީ ދޮންކޭލާއި ކުރުނބާ

ކާށިދޫ ދަނޑުވެރިކަން މި އަހަރު ހީނަރު ކަމަށާއި، އެހެންކަމުން މި ރޯދަ މަހު މާލޭގެ ބާޒާރަށް ގެނެވޭ ބާވަތްތައް މަދުވާނެ ކަމަށް ކާށިދޫ ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ ރައީސް އީސާ ހަލީލް ވިދާޅުވީ ދާދިފަހުން މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުގެ ދަނޑުތަކަށް ގެއްލުންވެފައިވާ ކަމަށެވެ.

"ވިއްސާރަވުމުގެ ސަބަބުން ދަނޑުތަކަށް ވަނީ ގެއްލުންވެ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންވެ މާލޭގެ ބާޒަރަށް ގެންދެވޭ ތަކެތި މި ރޯދަ މަހުގައި މަދުވާނެ،" އީސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ރޯދަ މަހަށް ކާށިދޫގައި ހެއްދި ކަރާއި މިރުސް ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"ވިއްސާރަވުމުން ދަނޑުތައް މަރުވީ. ކަރާ މި ހައްދަނީ ފަސް ވަރަކަށް ދަނޑުން. އެހެންވެ މަދުވާނެ މި އަހަރު ގެނެވޭ ތަކެތި،" އީސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު އެ ރަށުން ބާޒާރަށް ގިނައިން ގެނެވޭނީ ފަތްކެޔޮ ކަމަށެވެ. އަދި ދޮންކެޔޮލާއި ކުރުނބާ ވެސް ގިނަ އިން ގެނެވުނަސް މި އަހަރު އަގުތައް ހެޔޮވާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ކާށިދޫ ދަނޑުވެރިކަމަށް ގެއްލުންވެފައިވާއިރު ދަނޑުވެރިން ކުރާ އެހެން ރަށްރަށުގެ ދަނޑުތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. މިކަމުގެ އަސަރު ދަނީ މާރުކޭޓު ކޮޅިތަކުން ފެންނަމުންނެވެ.