ރޯދަ މަސް

ރޯދަ މެނޫތަކުގެ އަގުތައް އެނގޭތަ؟

Jun 5, 2016
1
  • ސަލްސާ އިން ރޯދައަށް ތިން މެނޫ
  • ސިޓްރޮންގައި ފަސް މެނޫ
  • އަގުތައް 190 - 250ރ. އާ ދެމެދު

ގެއިން ބޭރުން ރޯދަ ވީއްލަން ގިނަ ބަޔަކު ބޭނުން ވާނެ އެވެ. އާއިލާއާއެކު "ތަފާތު ރަހައެއް" ބަލައިލުން ވެގެން ދަނީ ރޯދަ މަހުގެ މުހިންމު އެއް ބަޔަކަށެވެ. އާއިލީ ގުޅުން ވަރުގަދަވާ ކަމަކަށް ވެސް އެކަން ވެއެވެ. އެހެންވެ މި އަހަރުވެސް ރެސްޓޯރެންޓް/ ކެފޭތަކުން މި ކަމަށް ވަނީ ލައްކަ ތައްޔާރުވެފަ އެވެ. ބައެއް ރެސްޓޯރެންޓް ތަކުން މި ވަނީ އަގުތައް ވެސް ނެރެފަ އެވެ. ތަފާތު މީރު ކެއުންތަކާއެކު މީރުކޮށްލާނެ ގިނަ މެނޫތައް ހިމަނާފަ އެވެ. މި އަހަރުގެ ރޯދަ ވީއްލާ، ހިތް އުފާކޮށްލާނެ ބައެއް މެނޫގެ އަގުތައް މިއޮތީ އެވެ.

"މި އަހަރު އެހެން އަހަރުތަކަށް ވުރެ ވެސް ފުރިހަމަ ވާނެ. ވަރަށް ރަނގަޅަށް އަގުތައް ތައްޔާރުކޮށްފައި ވާނެ،" މާލޭގެ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓް ކަމަށްވާ "ސަލްސާ" ގެ ޑިރެކްޓަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވި އެވެ.

ސަލްސާ މީރުކޮށް ދެނީ ފޮނި ރަހައިން

ސަލްސާ އިން މި އަހަރުގެ ރޯދަ މަހަށް ވެސް ތިން މެނޫއެއް ހަދާފައިވެ އެވެ. މި މެނޫތައް މުޅި ހަފުތާގައި ރަހަތައް ބަދަލުވެ، ބަދަލުވެ އޮންނާނެ އެވެ. މި މެނޫގެ އަގުތައް އުޅެނީ 250ރ. އަށެވެ. މި މެނޫ ފޮނި ރަހަތަކުން ވަނީ މީރުކޮށްދީފަ އެވެ.

އާމިރު ވިދާޅުވީ މި އަހަރު ފޮނި ރަހައަށް ހާއްސަ އިސް ކަމެއް ދީފައިވާނެ ކަމަށާއި އެއީ މިހާރުގެ ޓްރެންޑެއް ކަމަށާއި މީގެ އިތުރުން މި އަހަރު ވެސް ގިނަ ރަހަ ތަކެއް ހިމެނޭނެ ކަމަށެވެ.

"ފޮނި ރަހަތަކަކީ މިހާރުގެ ޓްރެންޑެއް. އެހެންވެ މިކަމަށް އިސްކަން ދީފައިވާނެ. ވަރަށް ގިނަ ބާވަތްތަކެއް ހިމެނޭނެ،" އާމިރު ވިދާޅުވި އެވެ. "މެނޫގައި ނެތް ނަމަވެސް ބުފޭ އޮންނާނެ. އެހެންވެ ބުފޭގައި ހިމެނޭ އެއްޗިހ ސެލެކްޓް ކުރުމުގެ ފުރުސަތު އޮންނާނެ،"

މި އަހަރުގެ ރޯދަމަހު ވެސް ސަލްސާ އިން ރޯދަ ވީއްލުމުން ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. މިގޮތުން ދޭ އިނާމުތަކުގެ ތެރޭގައި ޗެންނާއީ ދެކޮޅު ޓިކެޓާއި ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމަށްދޭ ދެ ޓިކެޓުގެ އިތުރުން ސޮނީ އެކްސްޕީރިއާ ފޯނާއި އެއާ ޕިއުރިފަޔާ ފަދަ އިނާމުތައް ހިމެނޭނެ އެވެ.

ސިޓްރޮން ރަހަތައް މި އަހަރު ތަފާތު

މިހާރު މާލޭގެ އެންމެ ބޮޑު ރެސްޓޯރެންޓު ކަމަށްވާ "ސިޓްރޮން" ގެ މެނޫ ވެސް މި އަހަރު ތަފާތެވެ. ސިޓްރޮން ހިންގާ ލެމަންގްރާސްގެ މާކެޓިން މެނޭޖަރު އަހުމަދު ޝިރުހާން ވިދާޅުވީ މި އަހަރު ހަފުތާއަކު ފަސް މެނޫ އޮންނާނެ ކަމަށާއި، ރަހަތައް ވަރަށް މީރުވާނެ ކަމަށެވެ.

"މެނޫ އޮންނާނީ ރޮޓޭޓްވާ ގޮތައް. ކޮންމެ ހުކުރު ދުވަހު އޮންނާނީ އާ މެނޫއެއް. ވަރަށް ތަފާތު ވާނެ،" ޝިރުހާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި މި އަހަރުގެ ރޯދަ މަހުވެސް ހަތަރު ބުފޭއެއް ސިޓްރޮންގައި އޮންނާނެ އެވެ.

"ބުފޭ ވަރަށް ރަނގަޅު ވާނެ. މައްޗާއި ތިރީގައި ވެސް ބުފޭ އޮންނާނެ. މި އަހަރު އެހެން އަހަރު ތަކަށް ވުރެ މީރު ވާނެ،" ޝިރުހާން ވިދާޅުވި އެވެ.

ސިޓްރޮންގެ މި އަހަރުގެ ރޯދަ މެނޫގެ އަގުތައް ވެސް އުޅެނީ ބޮލަކަށް 250ރ. އެވެ.

ޝިރުހާން ވިދާޅުވީ މި އަހަރު ވެސް އެ ރެސްޓޯރެންޓުން ރޯދަ ވީއްލުމުން ދެ ސައިކަލް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެހެން ބޮޑެތި ރެސްޓޯރެންޓްތަކަށް ބަލާއިރު، އަގުތައް އުޅެނީ ގާތްގަނޑަކަށް އެއް ހަމައެއްގަ އެވެ. އާއްމު ގޮތެއްގައި އަގުތައް އުޅެނީ 190ރ. އިން ފެށިގެން 250ރ. އާ ދެމެދުގަ އެވެ. ނަމަވެސް އެންމެ މަތީ ފަންތީގެ ރެސްޓޯރެންޓުތައް ކަމަށްވާ ހޮޓެލް ޖެން އާއި ހުޅުލޭ އައިލެންޑް ހޮޓަލުގެ އަގުތައް "ހާސްބައި" ތަފާތެވެ. މި ގޮތުން މި މެނޫތަކުގެ އަގުތައް އާއްމު ގޮތެއްގައި ހުރީ ބޮލަކަށް ގާތްގަނޑަކަށް 500ރ. އިން މަތީގެ އަގުތަކެއްފަ އެވެ.

ކޮންމެއަކަސް މާދަމާއަކީ ރަމަޒާން މަހުގެ އެއްވަނަ ދުވަހެވެ. މާދަމާ ރޯދަ ވީއްލަން ރެސްޓޯރެންޓާއި ކެފޭތަކަށް ދާ މީހުންނަށް މި އޮތީ އަގުތައް އެނގޭށެވެ.