ގާސިމް އިބްރާހިމް

ކޯލިޝަނުގައި ޖޭޕީ ބައިވެރިނުވޭ، އަމީންގެ މައްސަލަ ބަލާނަން: ގާސިމް

އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން"ގައި ޖުމްހޫރީ ޕާޓީ ބައިވެރިނުވާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް ވިދާޅުވީ، އެ ޕާޓީގެ އެއްވެސް ދައުރެއް އެ ކޯލިޝަނުގައި ނެތް ކަމަށެވެ.

ގާސިމް އިބްރާހިމްގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ވިދާޅުވެފައިވަނީ، ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުންނާއެކު ފޮޓޯ ނަގައި ބައިވެރިވުމަކީ ޖޭޕީގެ ނިންމުމެއް ނޫން ކަމަށެވެ. އަދި 2015 ވަނަ އަހަރުގެ މޭޑޭގައި ބައިވެރިވުމާއި އަދި އޭގެ ފަހުން އަމީން ކުރެއްވި އެއްވެސް ކަމަކީ ޖޭޕީއަށް އެނގިގެން ކޮށްފައިވާ ކަންކަން ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ޖޭޕީގެ ނަމުގައި ޖޭޕީއަށް ނޭނގި އަމީން ކުރައްވާ ކަންކަމުގެ މައްސަލަ ބަލާނެ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އެމަނިކުފާނު އިދިކޮޅު ކޯލިޝަނަށް ސަޕޯޓްކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

ގާސިމް މިހެން ވިދާޅުވެފައިވާއިރު، "ދަ ހިންދޫ"އަށް ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެ ކޯލިޝަން އުފެއްދުމަށް ޖުމްހޫރީ ޕާޓީ އާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުގައި ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށް ބައިވެރިވެލައްވަނީ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އެކަންޏެވެ.