ވިޔަފާރި

އެސްޓީއޯގެ ހިއްސާއަކަށް 57 ރުފިޔާ ބަހަން ފާސްކޮށްފި

  • ހިއްސާއަކަށް ޖެހުނީ 57ރ.
  • ފައިދާގެ ގޮތުގައި 520 މިލިއަން ރުފިޔާ
  • އޭގެ ކުރީ އަހަރު ލިބުނީ 573 މިލިއަން ރުފިޔާ

-- ކުރުނބާ މޯލްޑިވްސްއިން: މުހައްމަދު އަފްރާހު --

ސަރުކާރާއި ރައްޔިތިން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 57 ރުފިޔާ ބަހަން ފާސްކޮށްފި އެވެ. އެގޮތަށް ފާސްކުރީ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ ތެރެއިން، 99.2 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.

އެ ކުންފުނި އޮޑިޓް ކުރުމަށް ހޮވިފައިވަނީ ކޭޕީއެމްޖީ އެވެ. އެއީ 39،000 ޑޮލަރަށެވެ.

އެސްޓީއޯގެ މާލީހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ، 520 މިލިއަން ރުފިޔާ އެވެ. އޭގެ ކުރިން، 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 573 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. އެސްޓީއޯގެ ސާފު ފައިދާ ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމުން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ އެ ކުންފުންޏަށް މަދުވުމުންނެވެ.